ޚަބަރު

ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާ ފަށައިފި

މުހައްމަދު އިޝާން

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ ދިރާސާގައި ކަނޑުގެ އެންމެ ފުނަށް ދާ އެންމެ ފުރަތަމަ އެކުއަނޯޓް ނުވަތަ ޑައިވަރުންގެ ޓީމުން މިއަދު ލ. އަތޮޅުގައި އެ ދަތުރު ފަށައިފިއެވެ.

އެ ޑައިވަރުންގެ ޓީމުގައި ހިމެނެނީ ތިން އަންހެނުންނެވެ. އެއީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމް އާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް ފަރާހް އަމްޖަދު އަދި ސަބްމާސިބަލްގެ ޕައިލެޓް ކިމްލީ ޑޯއެވެ. މިއީ ހުސް އަންހެނުން ހިމެނޭ އެކުއަނޯޓްގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރަން ފުން ކަނޑަށް ފޭބި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން "ނެކްޓަން" އާއި ރާއްޖެ ގުޅިގެން ކުރިއަށް ގެންދާ އެ ދިރާސާގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ބޭސްލައިން ހެލްތު ޗެކެއް ހަދައި، ފުން ކަނޑުގައި ދިރިއުޅޭ ދިރުންތަކުގެ މައުލޫމާތު އެއްކޮށް، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ.

ނެކްޓައިން މިއަދު ބުނީ، މިދިޔަ އަންގާރަ ދުވަހު ފެށި އެ ދިރާސާ 35 ދުވަސް ވަންދެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ ދިރާސާގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ދުނިޔޭގައި 1،000 މީޓަރަށްވުރެ އުހުގައި ހުންނަ 100،000 ކަނޑުގެ ފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް ނެގިފައިވަނީ ހަމައެކަނި 300 ފަރުބަދައިންނެވެ. ރާއްޖޭގެ ކަނޑުތަކުގައި މިގޮތަށް ހުންނަ 34 ފަރުބަދަ ހުރެއެވެ. މި ފަރުބަދަތަކަކީ ރާއްޖޭގައި އުޅޭ ކަނޑުމަސް އާލާވާ މުހިންމު ތަންތަނެވެ.

މީގެ 20،000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް" ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރު ފުނުން ފެންނާނެ ކަމަށް މި މިޝަންގެ ސައިންސްވެރިން ލަފާކުރެއެވެ. މީގެ އިތުރުންވެސް ކަނޑުގެ ލޮނުގަނޑު އުފުލުމާ އެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެތަކެތި ހޭނެމުންދާ ގޮތް ދިރާސާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އެ ދިރާސާގައި 16 ދިވެހިންނާއި ރާއްޖެއިން ބޭރުން އަންނަ 24 މީހަކާ އެކު 40 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ދިވެހި 10 ސައިންސްވެރިން ވެސް ހިމެނެއެވެ.