ޚަބަރު

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ މިންވަރާއި ފޯމިއުލާތަކަށް ބަދަލު ގެނައުމަށް މަޝްވަރާކުރަނީ

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ މިންވަރާއި ފޯމިއުލާތަކަށް ބަދަލު ގެނައުމަށް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ދޫކުރާނެއެވެ. އެއީ މިިދިޔަ އަހަރު ދޫކުރި 1.2 ބިލިއަން ރުފިޔާއަށް ވުރެ 19.8 ޕަސަންޓް އިތުރު އަދަދެކެވެ.

ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޫކުރަން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުން އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން ފަސް އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސަންޓު ކައުންސިލްތަކުގެ މެދުގައި ބަހަންޖެހެ އެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ހައްދުންމަތީ ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ "ވިއަވަތި ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ހުރިހާ ކައުންސިލްތަކުން ފާހަގަ ކުރާ އެއްކަމަކީ ލިބޭ ބްލޮކް ގްރާންޓްގެ ވާހަކަ ކަމަށެވެ.

"ބްލޮކް ގްރާންޓުގެ އަދަދު ނުވަތަ މިންވަރުގެ ފަރަގު، ބޭނުންވާ ވަރާއި ލިބޭ މިންވަރުގައި ހުރި ތަފާތު. ގްރާންޓް ދޫކުރާ ފޯމިއުލާއަށް ބަދަލުތަކެއް ގެނައުމުގެ ހުށަހެޅުންތައް މިބައްދަލުވުމުގެ މޭޒަށް އަންނާނެ. މި ހުށަހެޅުންތަކަށް ތިޔަބޭފުޅުންގެ ހިޔާލާއި މަޝްވަރާ ކޮންމެހެން ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ވިއަވަތި ކޮންފަރެންސްގައި، ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާމެދު ބަހުސް ކުރެވި ނިންމުންތަކަކަށް ވާސިލުވެވޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ބްލޮކް ގްރާންޓް ވަކިވަކި ކައުންސިލްތަކަށް ބަހާއިރު ދެގޮތަކަށް ފައިސާ ބެހިގެންދެ އެވެ. އެއީ އިކުއަލައިޒޭޝަން ގްރާންޓްގެ ގޮތުގައި ދޭ އަދަދާއި ފިސްކަލް ފޯމިއުލާއިން ކަނޑައަޅާ އަދަދެވެ. އިކުއަލައިޒޭޝަން ގްރާންޓަކީ ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި އެކަށީގެން ނުވާ ކުޑަ މިންވަރެއް ނުލިބޭނެކަން ކަށަވަރުކުރުމަށް ޓަކައި ކަނޑައަޅާ މިންވަރެއް ހުރިހާ ކައުންސިލްތަކަށް ހަމަހަމަކޮށް ބެހޭ އަދަދެވެ.