އާރުޓީއެލްގެ ހިދުމަތާއެކު ބޮޑުތިލަދުންމަތީގައި ދަތުރުގެ އަގު 2،000 އިން 60 އަށް ތިރިވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ލ. ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އާރްޓީއެލްގެ ސަބަބުން ބޮޑުތިލަދުންމަތި އެއްކޮށް ގުޅާލެވިފައިވާ ކަމަށެވެ. އެގޮތުން އާރްޓީއެލްގެ ހިދުމަތް ބޮޑުތިލަދުންމަތީގެ 41 ރަށަކަށް މިހާރު ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

"ދޮޅުހާސް، ދެހާސް ރުފިޔާ އަށް ކުރި ދަތުރު، 60 އަށް 100 އަށް ތިރިވެއްޖެ. މިހާތަނަށް 50,000 އަށް ވުރެ ގިނަ މީހުން ދަތުރަށް އަރައިފި،" ރައީސް ވިދާޅިވިއެވެ.

އާރްޓީއެލްގެ ހިދުމަތުގެ ސަބަބުން އެއްރަށުން ނުލިބޭ ހިދުމަތް އަނެއް ރަށުން ލިބޭނެ ގޮތް ފަހިވެ، ދިރިހުރި އިގުތިސޯދެއް ލިބިގެންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއް އާރްޓީއެލްގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ.

އާރްޓީއެލްގެ ހިދުމަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެކެވެ. އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން އެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސާފައި ވަނީ ހއ، ހދ އަދި ށ އަތޮޅަށެވެ. ޕައިލެޓް މަޝްރޫއެއްގެ ގޮތަށް އެންމެ ފުރަތަމަ މި ހިދުމަތް ފަށާފައިވަނީ މިދިޔަ މެއި މަހުގައި ހދ އަތޮޅުގައެވެ. އެއަށްފަހު މިދިޔަ ޖުލައި މަސްތެރޭގައި ހއ އަތޮޅުގައި ވެސް މި ހިދުމަތް ފަށާފައިވާއިރު ށ އަތޮޅުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ މި ހިދުމަތް ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅުވާލުމެވެ.