ސަރުކާރުގެ އާންމު ދަތުރުފަތުރުގެ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ބާރު ދުވެލިން ބޮޑުތިލަދުންމަތި އެއްކޮށް ގުޅައި ބަދަހިވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ލ. ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އާރްޓީއެލްގެ ހިދުމަތުގެ ސަބަބުން އެއްރަށުން ނުލިބޭ ހިދުމަތް އަނެއް ރަށުން ލިބޭނެ ގޮތް ފަހިވެ، ދިރިހުރި އިގުތިސޯދެއް ލިބިގެންދާ ކަމަށެވެ.

އަދި އާރްޓީއެލްގެ ސަބަބުން ބޮޑުތިލަދުންމަތީގެ ރަށްތައް ގުޅިލާމެހި، ބޮޑުތިލަދުންމަތީގެ 41 ރަށް ދުވާލުގެ ދެއިރަށް ގުޅެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ދޮޅުހާސް ދެހާސް ރުފިޔާއަށް ކުރީން ކުރި ދަތުރު، 60 އިން 100 އަށް ތިރިވެއްޖެ. މިހާތަނަށް 50،000 ވުރެ ގިނަ މީހުން ދަތުރަށް އަރައިފި" ރައީސް ވިދާޅުވިއެވެ.

އެ ،މަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއް އާރްޓީއެލްގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށެވެ.

އާރްޓީއެލްގެ ހިދުމަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެކެވެ. އާރްޓީއެލްގެ ހިދުމަތް ފުރަތަމަ ފަށާފައި ވަނީ ހދ. އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅުވާލުމެވެ.