ބާސެލޯނާއިން ސްޕެއިން ލީގުގައި ރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު ކާޑިޒް ބަލިކޮށްފިއެވެ.

ކާޑިޒްގެ ދަނޑުގައި ބާސާއިން ރޭ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ ބާސާއިން ލީގުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުގެ ސްކޯއަށްވުރެ ބޮޑަށް ސަމާލުކަން ހުއްޓުނީ މެޗުގެ ފަހު 10 ވަރަކަށް ވެފައި ވަނިކޮށް ހިނގި ހާދިސާއަށެވެ.

މެޗު ނިމެން ދަނިކޮށް ކުޅުން ހުއްޓާލަން ޖެހުނީ ކާޑިޒްގެ ސަޕޯޓަރަކަށް ސިއްހީ އިމަޖެންސީއެއް ދިމާވެގެންނެވެ. ބެލެވޭ ގޮތުގައި ސަޕޯޓަރަށް ހާޓް އެޓޭކެއް ޖެހި ނޭވާލާން އުނދަގޫވިއެވެ. އެ މަންޒަރު ފެނި މެޗު ނުވެސް ހުއްޓާލަނީސް ކާޑިޒްގެ ގޯލްކީޕަރު ޖެރެމިއާސް ލެޑެސްމާ ވަނީ މެޑިކަލް ކިޓް ބަލައި ގޮސް، ބާރު ދުވެލީގައި ކިޓް ސަޕޯޓަރާ ހަމައަށް ފޯރުކޮށްދީފައެވެ.

އެ ހާލަތަށް މެޗު ދިޔުމާއެކު ދެޓީމުން އެއްބަސްވެ މެޗު މެދުކަނޑާލިއެވެ. އެގޮތަށް މެޗު މެދުކަނޑާލާފައި 50 ވަރަކަށް މިނެޓް އޮތް އިރު، މެޗު އަލުން ފެށީ ސަޕޯޓަރު ހޮސްޕިޓަލަށް ގެންދެވުމުންނެވެ. ކާޑިޒްގެ ފަރާތުން އެނގިފައިވާ ގޮތުގައި އެ ސަޕޯޓަރުގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ކާޑިޒްގެ ގޯލްކީޕަރު ލެޑެސްމާގެ އަވަސް ވިސްނުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައިވެސް ތައުރީފު ކުރަމުންނެވެ.

ރޭގެ މެޗުގައި ބާސާގެ ގޯލުތައް ޖަހައިދިނީ ފްރޭންކީ ޑި ޔޯންގާއި ރޮބާޓް ލެވަންޑޯސްކޯގެ އިތުރުން އަންސޫ ފަޓީ އަދި އުސްމާން ޑެމްބޭލޭއެވެ. ބާސާއިން މިހާތަނަށް ސީޒަނުގެ ލީގުގައި ކުޅުނު ފަސް މެޗުގައ 15 ގޯލު ޖެހި އިރު، ކޮޅަށް ވަނީ އެންމެ ގޯލެކެވެ. އެ ގޯލަކީ ރަޔޯ ވަލެކާނޯ ކައިރީ އެއްވަރުވި މެޗުގައި ވަން ގޯލެކެވެ.