ލ. ކައްދޫން، މުހައްމަދު ޖަމްޝަތު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލ. ކައްދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް ސޯލިހު މިއަދު މެންދުރުފަހު ކައްދޫއަށް ވަޑައިގެންނެވީ ލ. ގަމުގައި ބާއްވަން ހަމަޖެހިފައިވާ ވިއަވަތި ރާއްޖެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް ސޯލިހު މިރަށަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި މި އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ކައްދޫ އެއާޕޯޓު ސަރަހައްދަށް ޖަމާވެފައި ތިއްބެވެ. ކައްދޫން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައިވަނީ ބޮޑުބެރު ޖެހުމާއެކެ ސަގާފީ ހަރަކާތްތަކުންނެވެ.
މާދަމާ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ މި އަހަރުގެ ދެވަނަ ވިއަވަތި ރާއްޖެ މަހާސިންތާ އަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ބާއްވާ މަހާސިންތާ އެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މަހާސިންތާގައި ދެކުނުގެ އަަތޮޅުތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ.
މިފަހަރުގެ މަހާސިންތާގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި ބިނާވެށި ޕްލޭން އެކުލަވާލުމާއި މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށެވެ.
ވިއަވަތި މަހާސިންތާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތީން ފެށި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ގާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.
މީގެ އިތުރުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން ބެލުމާއި ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރައީސާއި ކަމާބެހޭ ވަޒީރުންނާއެކު މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދައިދިނުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެކެވެ.
މިއަހަރުގެ ވިއަވަތި ކޮންފަރެންސް ކުރިއަށްގެންދަން ހަމަޖައްސާފައި ވަނީ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން މެދު ރާއްޖެތެރޭގެ ރަށްތަކަށް (ބ،ޅ،ކ،އ،ވ،ފ) ހާއްސަކޮށްގެން މި އަހަރުގެ ފުރަތަމަ ކޮންފަރެންސް މިދިޔަ މެއި މަހު އއ. އުކުޅަހުގައި ވަނީ ބާއްވައިފައެވެ. ވިއަވަތި ރާއްޖެ ފުރަތަމަ ކޮންފަރެންސް ބާއްވައިފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރޮސްރޯޑުގައެވެ. ޖެހިގެން އައި ދެ އަހަރު ކޮވިޑުގެ ސަބަބުން މި ކޮންފަރެންސް ބާއްވައިފައެއް ނުވެއެވެ.