މާލެ އާއި ވިލިމާލޭގެ ކުނި ނެގުމުގެ ހިދުމަތް ވޭސްޓު މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލު ނުކުރީ ހަރަދު ކުޑަކޮށް މަގުތަކުން އަވަހަށް ކުނި ނަގައި ސާފު ކުރުމަށް ކަމަށް މާލެ ސިޓިކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެއިން ކުނި ނެގުމަށް ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ އެ އެއްބަސްވުމުގެ މުއްދަތު އިތުރުނުކުރަން އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 66 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާގޮތުން އެއްބަސްވުން އާ ނުކުރަން ނިންމާފައިވަނީ މާލެއާއި ވިލިމާލޭގެ މަގުތަކާއި މައިޒާންތަކާއި ޕާކުތަކާއި އާންމުތަންތަން ކުނި ކަހައި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް މިތަންތަނަށް އަޅަމުންދާ ކުނިތައް ވީހާވެސް އަވަސްގޮތެއްގައި ނަގައި ސާފުކޮށް މާލެސިޓީއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމަށް މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ހަރަދުރާއިރު، މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިތައް ގިނަވެ މަގުމަތީގައި ހިނގައިބިނގާވެ އުޅޭ މީހުންނާއި އުޅަނދު ދުއްވާ މީހުންނަށް ދަތި އުނދަގޫތަކެއް ކުރިވަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ކުނިތައް މަގުތަކުން ނެގުން ލަސްވަމުންދާ ކަމުގެ ޝަކުވާވެސް ކުރަމުން އަންނަ ކަމަށް އެކައުންސިލުން ބުންޏެވެ.

މިހާރުވެސް މާލެ ސިޓީގެ ގިނަ މައިޒާންތަކާއި ޕާކުތައް ކުނިކަހައި ބަލަހައްޓަމުން އަންނަނީ ސިޓި ކައުންސިލުން ކަމަށާއި އެހެން ކަމުން ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައި ސިޓީ ކައުންސިލުން މި މަސައްކަތް ފެށުމުން މިކަމަށް ދާ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މިއީ މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ އެކި އެކި އުނދަގޫތަކާއި ނުރައްކާތަކުން ސަލާމަތްކޮށްދީ މާލެ ސިޓީ ހިތްފަސޭހަ އަމާން ތަނެއްގެ ގޮތުގައި ހެދޭނެ ކަމެއް ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މާލެ އާއި ވިލިމާލެ ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ސިޓީކައުންސިލުގެ ޒިންމާއަކަށް ވާއިރު މިކަން މިގޮތަށް އަދާކުރުމަށް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

ވެމްކޯއިން ބުނީ ސިޓީ ކައުންސިލުން އަމިއްލަ ހަރަދުގައި ކުނި ނެގުމުގެ މަސައްކަތް ކުރާނަމަ މަހަކު ހަރަދު ކުރަން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އަންދާޒާކޮށް ހަރަދަށް 12 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ. އެ އަގުގައި މުވައްޒަފުންނަށް މުސާރަ ދީ، ކުނި ނަގަން ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ކުނި ނައްތައި ނުލެވޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.