ޚަބަރު

ފުލުހުންނަށް ހަމަލާދިނީ ގޭންގަކުން، އަވަސް ފިޔަވަޅު އަޅާނަން: ހަމީދު

މުހައްމަދު އިޝާން

ހަތިޔާރު ބޭނުން ކޮށްގެން ފުލުހުންނަށް ހަމަލާދީފައި ވަނީ ހެންވޭރުގައި ހަރަކާތްތެރިވާ ގްރޫޕަކުން ކަމަށާއި މައްސަލައިގައި އަވަސް ފިޔަވަޅު އަޅަން އަންގާފައިވާނެ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަނިޔާވި ފުލުހުންނަށް މިހާރު އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށާއި ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ ޖީއެން ސައިކަލެއްގައި ފިލަން ދަނިކޮށް، މަޖީދީ މަގު ޔޫރޯ ސްޓޯރު ފިހާރަ ކައިރިންނެވެ. ފުލުހުން، އެމީހުން އަތުލައިގަތުމަށްޓަކައި މަސައްކަތް ކުރަނިކޮށް، މަޖީދީމަގުން ޔޫރޯ ސްޓޯރު ކުރިމަތިން ސައިކަލާ އެކު ދެ މީހުން ވެއްޓި އެކަކަށް އަނިޔާވެފައިވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން އޭގެ ތެރެއިން އެކަކު އެމްބިއުލަންސްގެ އަށިގަނޑަށް ލާ މަންޒަރު ފެނެއެވެ.

އެ ހާދިސާއާ ގުޅިގެން ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަނިޔާވެފައިވަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ތިން ފުލުހަކަށް ކަމަށެވެ.

ހަމީދު ވިދާޅުވީ، އެ ތިން ފުލުހުންނަށް ހަމަލާދީ ދިނީ ހެންވޭރުގެ ގްރޫޕަކުން ކަމަށެވެ. އޭރު އެ ފުލުހުން ތިބީ އޮފް ޑިއުޓީގައި ކަމަށް ހަމީދު ވިދާޅުވިއެވެ.

"ހެންވޭރުގައި ހަރަކާތްތެރިވާ މަޝްހޫރު ގޭންގަކުން ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ޑީއީޑީގެ ފުލުހުންނާ ބައްދަލުކޮށްފިން" ހަމީދު ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ހާދިސާއާ ގުޅުންހުރި އިތުރު މީހުން ވެސް ހައްޔަރު ކުރާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

"މި މައްސަލައިގައި އަވަސް ފިޔަވަޅު އަޅަން ވަނީ އަންގާފައި، ފުލުހުންނާ ދެކޮޅަށް ދޭ ހަމަލާތަކުގެ މައްސަލަ ބަލާނީ ސީރިއަސް މައްސަލައެއްގެ ގޮތުގައ. އޯގަނައިޒްޑް ކްރައިމް ގްރޫޕުތަކާއި ޑްރަގް ޓްރެފިކިންއާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން" ހަމީދު ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ އަނިޔާވެރި ކުށްކުރާ ގްރޫޕުތަކާއި ޑްރަގް ޓްރެފިކިންގެ މައްސަލަތައް ހައްލުކުރުމަށް ނިޒާމުތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކުށްކުރާ މީހުންގެ ކިބައިން ރައްޔިތުން ސަލާމަތްކުރުމަށް ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.