އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް ދެވަނަ އަވަހާރުވުމާ ގުޅިގެން ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގާތްގުޅުމުގެ އިތުރުން ކޮމަންވެލްތުގެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ އެއްބައިވަންތަކަމުގެ ސަބަބުން ރާނީ އަވަހާރަވުމުގެ ހިތާމަ ފާޅުކުރުމަށް ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
ރާނީ އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހް މިރޭ ވަނީ އެކަމަނާގެ އާއިލާއަށް ތައުޒީޔާ ވިދާޅުވެފައެވެ. އޭގެ އިތުރުން ރައީސް ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށާއި ކޮމަންވެލްތަށްވެސް ތައުޒިޔާގެ މެސެޖު ފޮނުއްވަވައިފައެވެ.
ރައީސްގެ ތައުޒިޔާ މެސެޖްގައި ވިދާޅުވީ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައަކީ އިޖުތިމާއީ ހިދުމަތުގައި އިހުލާސްތެރިކަމާއެކު ދެމިހުއްނެވި ޝަހުސިއްޔަތެއް ކަމަށެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ ރާނީގެ ހިދުމަތްތަކަކީ ގައުމީ ލޯބީގެ ނަމޫނާ ހިދުމަތްތަކެއް ކަމަށެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތަކީ ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. އިނގިރޭސި ރާނީގެ ޒައާމަތުގައި އެކަމަނާ ވަނީ ރާއްޖެއަށްވެސް ޒިޔާރަތް ކުރައްވައިފައެވެ. މީގެ 70 އަހަރު ކުރިން، އިނގިރޭސި ރަސްކަމުގެ ތަޚުތު އެލިޒަބަތު ދެވަނައަށް ލިބިވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ، 6 ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ.
ރާނީ އަވަހާރަވެފައި މިވަނީ އެކަމަނާގެ ޑޮކްޓަރުން މިއަދު ހެނދުނު ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ ސީރިއަސްވެ، މޮނީޓާކޮށް ފަރުވާދެމުން ދަނިކޮށެވެ. ޑޮކްޓަރުން ވަނީ މިއަދު ހެނދުނު ހެދި އިވެލުއޭޝަނަށްފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް ބުނެފައެވެ.
ރާނީ އަވަހާރަވުމާ ގުޅިގެން އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. ބަކިންހަމް ޕެލަސްއިން ބުނިގޮތުގައި އެމަނިކުފާނު މާދަމާ ލަންޑަނަށް ވަޑައިގަންނަވާނެއެވެ.
ރާނީ އަވަހާރަވި އިރު، އެކަމަނާގެ ތިން ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާ އަށް ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން ތިއްބަވައެވެ. އެކަމަނާ އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު