އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު ދެވަނަ އަވަހާރުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ބަކިންހަމް ޕެލަސް އިން ދެންމެ އިއުލާނު ކޮށްފައިވާ ގޮތުގައި އިނގިރޭސި ރާނީ އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ރާނީ އަވަހާރަވި އިރު، އުމުރުފުޅަކީ 96 އަހަރުފުޅެވެ. ރާނީ އަވަހާރަވެފައި ވަނީ އެކަމަނާގެ ޑޮކްޓަރުން މިއަދު ހެނދުނު ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ ސީރިއަސްވެ، މޮނީޓާކޮށް ފަރުވާދެމުން ދަނިކޮށެވެ. ޑޮކްޓަރުން ވަނީ މިއަދު ހެނދުނު ހެދި އިވެލުއޭޝަނަށްފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް ބުނެފައެވެ.

ރައީސް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާނީގެ ވަކިވުމާއެކު އެކަމުގެ ތައުޒިޔާ އިނގިރޭސިވިލާތުގެ ރަސްކަލުންނަށާއި ޝާހީ އާއިލާއަށް ފޮނުއްވާ ކަމަށެވެ. އޭގެ އިތުރުން ރައީސް ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށާއި ކޮމަންވެލްތަށްވެސް ތައުޒިޔާގެ މެސެޖު ފޮނުއްވަވައިފައެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައަކީ އިޖުތިމާއީ ހިދުމަތުގައި އިހުލާސްތެރިކަމާއެކު ދެމިހުއްނެވި ޝަހުސިއްޔަތެއް ކަމަށެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ ރާނީގެ ހިދުމަތްތަކަކީ ގައުމީ ލޯބީގެ ނަމޫނާ ހިދުމަތްތަކެއް ކަމަށެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތަކީ ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. އިނގިރޭސި ރާނީގެ ޒައާމަތުގައި އެކަމަނާ ވަނީ ރާއްޖެއަށްވެސް ޒިޔާރަތް ކުރައްވައިފައެވެ. މީގެ 70 އަހަރު ކުރިން، އިނގިރޭސި ރަސްކަމުގެ ތަޚުތު އެލިޒަބަތު ދެވަނައަށް ލިބިވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ، 6 ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. ބަކިންހަމް ޕެލަސްއިން ބުނިގޮތުގައި އެމަނިކުފާނު މާދަމާ ލަންޑަނަށް ވަޑައިގަންނަވާނެއެވެ.

ރާނީ އަވަހާރަވި އިރު، އެކަމަނާގެ ތިން ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާ އަށް ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން ތިއްބަވައެވެ.