މާލޭގައި މިނީ ބަހުގައި ދަތުރުކުރާ މީހުންގެ އަދަދު އިތުރުވަމުން ގޮސް, އިއްޔެ އެކަނިވެސް 8,000 އަށްވުރެ ގިނަ މީހުން ބަހުގައި ދަތުރުކޮށްފިއެވެ.

ބަހުގެ ހިދުމަތް މިދިޔަ ހޯމަ ދުވަހު ފެށި އިރު, އެ ދުވަހު ދަތުރުކުރީ 2,250 މީހުންނެވެ. ޖެހިގެން އައި ދުވަހު އެ އަދަދު 3,200 އަށް އެރިއެވެ.

އެމްޓީސީސީން މިއަދު ބުނީ, އިއްޔެ އެކަނިވެސް 8,024 މީހުން ބަހުގައި ދަތުރުކުރި އިރު އެންމެ ގިނަ މީހުން ދަތުރުކުރީ އޯކިޑް މަގު ރޫޓުން ކަމަށެވެ. އެ ރޫޓުން 3,094 މީހުން ދަތުރުކުރިއެވެ. އަމީނީ ރޫޓުން 2,416 މީހުން ދަތުރުކުރި އިރު, ސޯސަން ރޫޓުން ދަތުރުކުރި މީހުންގެ އަދަދަކީ 2,514 އެވެ.

މިކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, މާލޭ ބަސް ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާޢި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ތިން ރޫޓަކަށް ބަހާލައިގެން މާލޭގައި މިނީ ބަހުގެ ހިދުމަތް ދެނީ 18 ބަހާއެކުއެވެ. އަދި ޖުމުލަ 40 ބަސްސްޓޮޕް ވަނީ ހަދައިފައެވެ.