ރާއްޖޭގެ ކަންކަން ނިންމާން އެކިޒަމާނުގައި ތިބޭ މީހުންގެ ތެރޭގައި ދިވެހި ތާރީޚު ދަތުން ވަރަށް ކުޑަކަމުގެ އިހުސާސް އަބަދުވެސް ކުރެވެއެވެ. ތާރީޚަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑެވެ. މުސްތަގުބަލް ރާވަން އެނގޭނީ އެ ލޯގަނޑުގެ އިލްމުގެ ތެރެއަށް ފީނައިގެންނެވެ. ތާރީޚު ދަތުން ކުޑަވެއްޖެނަމަ ތާރީޚު އޮންނާނީ ގަޑުބަޑުވާން ދޫކޮށްލެވިފައެވެ. ހައްގު ނޫން މީހުން ޝަރަފުވެރިކޮށް، ހައްގު މީހުން ހަނދާނުން ފޮހެލުން އޮންނާނީ އާއްމުވެފައެވެ. މިޒާތުގެ މަންޒަރުތައް މިހާރު ބަދަލުވާން ފަށައިފި ކަމުގެ ކުލަވަރު އެބަފެނެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރި އައު ސްކޫލަކަށް ކިޔާން ފެށި ނަމެއްގެ ސަބަބުން އުއްމީދުތައް އައުވެއްޖެއެވެ. ތާރީޚަށް އަމާނާތްތެރިވުމުގެ ސިފަ މުޅިން އަލަށް ގާއިމްވާން ފަށައިފިއޭ ހީކުރެވޭގޮތް ވެއްޖެއެވެ. ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުވައިފިއެވެ.
މިއީ ވަރަށްވެސް ހައްގު ނަމެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ދުސްތޫރީ ހުކޫމަތުގެ ދައުރުގައި ތައުލީމާއިބެހޭ ވަޒީރުކަން ކުރެއްވި އަހުމަދު ކާމިލްދީދީގެ ނަންފުޅަށް ނިސްބަތްކުރެވޭ ސްކޫލެއް ހުޅުވުނީއެވެ. ކާމިލްދީދީއަކީ އޮޔާއި ވަޔާއި ދެކޮޅަށް ދިވެހިރާއްޖޭގައި ތައުލީމު ފެތުރުއްވުމަށް ގަދައަޅައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ ބޭފުޅެކެވެ. ރާއްޖޭގެ މިޒަމާނުގެ ތައުލީމުގެ ބައްޕަ ކަމަށް ބެލުން ހައްގު ބޭފުޅެކެވެ. ލަހުންނަމަވެސް ކާމިލްދީދީގެ ނަންފުޅަށް ނިސްބަތްކުރެވޭ ސްކޫލެއް ހުޅުވުނުކަމީ އަޅުގަނޑު އުފާކުރާ ކަމެކެވެ. މި ސްކޫލް ހުޅުވުމާއެކު އެޑިއުކޭޝަން މިނިސްޓަރު އިއުލާން ކުރެއްވި އެހެން ކަމެއްގެ ސަބަބުން އިތުރަށްވެސް އުފާވެރިކަން ބޮޑުވިއެވެ. ސަލާހުއްދީނުގެ ނަންފުޅަށް ނިސްބަތްކުރެވޭ ސްކޫލެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަހަރު ހުޅުވޭނެ ކަމުގެ ޚަބަރު އެޑިއުކޭޝަން މިނިސްޓަރު ވަނީ ދެއްވައިފައެވެ. ސަލާހުއްދީނާއި ކާމިލްދީދީއަށް ނިސްބަތްކުރެވޭ ސްކޫލްތަކެއް މިހާތަނަށް ނެތުމަކީ ހަގީގަތުގައިވެސް ބޮޑު ހިތާމައެކެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގާނޫނުއަސާސީއެއް ލިޔެ ތަސްދީގު ކުރެވުނީ 1932 ގައެވެ. ތައުލީމު އުނގެނުމުގެ ހައްގަކީ ވަކި އާއިލާއެއް، ވަކި ފަންތިއެއް، ވަކި ޖިންސެއް، ވަކި އުމުރެއް ނެތި އެންމެހައި ދިވެހީންނަށްވެސް ހުޅުވާލެވިފައިވާ ހައްގެއްކަން ބަޔާން ކުރެވުނީ އެ ގާނޫނުއަސާސީގައެވެ. އެ ގާނޫނުއަސާސީއަށް ތަބާވެގެން އުފެއްދުނު ދުސްތޫރީ ފުރަތަމަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރަކީ އަހުމަދު ކާމިލްދީދީއެވެ. އެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަކީ އޭގެ އިހަށްވެސް އަދި އޭގެ ފަހަށްވެސް އެ ދާއިރާގައި އެއްވެސް ބޭފުޅަކު ކުރައްވާފައި ނުވާވަރުގެ ބުރަ މަސައްކަތްޕުޅެކެވެ. ތައުލީމު އާއްމުވީ އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުންނެވެ. އެހެންވީމާ އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްކުރެވޭ ތައުލީމީ މުއައްސަސާއެއް ހުރުން ކޮންމެހެންވެސް ލާޒިމެވެ.
އަހުމަދު ކާމިލްދީދީއަކީ ރަސްމަތިފުށުގެ ބޭފުޅެކެވެ. ތައުލީމް ހާސިލް ކުރެއްވީ ރާއްޖެއިން ބޭރުންނެވެ. އެޒަމާނުގައި އުނގެނުމަކީ ހަމައެކަނި ބޮޑުންގެ ދަރީންނަށް އެކަނި އޮންނަ ފުރުސަތެކެވެ. ޚާއްސަކޮށް ރާއްޖެއިން ބޭރުގައި އުނގެނުމެވެ. އެނޫން މީހުން އުނގެނުމަކީ ކުށެކެވެ. ކުށްވެރިވާ ކަމެކެވެ. ތައުލީމުގެ އެދުމުގައި ފިލައިގެން ދިޔުން ނޫން މަގެެއް އާދައިގެ މީހުންނަކަށް ނޯވެއެވެ. އެދުވަސްވަރު ރާއްޖެއިން ބޭރުން އުނގެނިވަޑައިގެން އަހުމަދު ކާމިލްދީދީ އެނބުރި މާލެ ވަޑައިގެންނެވީ 1916 ވަނަ އަހަރުއެވެ. ހަމަ ވަޑައިގެންނެވުމާއެކު އަމިއްލަފުޅުގޮތުން އާދައިގެ މީހުންގެ ދަރީންނަށް ކިޔަވައިދެއްވާން ފައްޓަވައިފިއެވެ. މިކަން ވެގެންދިޔައީ ވެރިކަމުގެ ބޮޑުން ނުހަނު ބޮޑަށް ނަފުރަތު ކުރި ކަމެއް ކަމުގައެވެ. އެކަން ހުއްޓައިލަން އެކި ގޮތްގޮތުން ކާމިލްދީދީއަށް ސަރުކާރުން މަޖުބޫރުވެސް ކުރިއެވެ. މިގޮތުން ކާމިލްދީދީއަށް ކުރިމަތިކުރެވުނު އެއްކަމެއްގެ ވާހަކަ މިތަނުގައި ބަޔާންކުރާ ހުށީމެވެ.
އަހުމަދު ކާމިލްދީދީ ލިޔުއްވާފައިވެއެވެ. މާލެގޮސް ކުދީންނަށް ކިޔަވައިދޭން ފެށިތަނާ އެއްދުވަހަކު މީރުބަހުރު އިސްމާއީލްދީދީ ވަޑައިގެން އެކަން ހުއްޓައިލުމަށް ހަރުކަށި އިންޒާރެއް ދެއްވިއެވެ. އިސްމާއީލް ދީދީއަކީ އޭރު ދައުލަތުގެ ނުހަނު ބާރުގަދަ ވަޒީރެކެވެ. އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ އެންމެ އަރިސް ވާގިވެރިޔާއެވެ. ކަންކަން ތަންފީޒު ކުރުމުގައި އަތިރީގޭ ބޭފުޅުން ބަރޯސާވެވަޑައިގަންނަވާ ހިކުމަތްތެރިޔާއެވެ. އިސްމާއީލްދީދީ ވިދާޅުވިއެވެ. އޭ ބަލަ މިހިރަ އަހައްމައިދީއެވެ. ތިޔަ ހަދަނީ ހާދަހާ ބޮޑު ގޯހެކެވެ. އެ ގޯހަކީ ކޮބައިތޯ ކާމިލްދީދީ ސުވާލު ކުރެެއްވީމާ ވިދާޅުވިއެވެ. އެގޯހަކީ ކިޔަވައިދިނުމެވެ. ބަލަ ދެނަހުރީމު ހެއްޔެވެ. ކިޔެވުމާއި މުއްސަނދިވުމާއި ދެކަންތަކީ ދިވެއްސަކަށް ފަހިކޮށްދޭން ހެޔޮވެސް ނުވާނެ ދެ ކަންތަކެވެ. ކަލެއަށް ކިޔަވައިދިނީ ތިޔަކަހަލަ ގޯސް ހަދާކަށެއް ނޫނެވެ. އެނގިއްޖެ ހެއްޔެވެ.
އިސްމާއީލްދީދީ އެވިދާޅުވީ ބޮޑުންގެ ވިސްނުންހުރި ގޮތެވެ. ދައުލަތުގެ ރަސްމީ ސިޔާސަތެވެ. ކާމިލްދީދީއަށް ކުރިމަތިލައްވާން ޖެހިވަޑައިގަތީ މިޒާތުގެ ހުރަސްތަކެވެ. އެކަމަކުވެސް ހުއްޓައެއް ނުލައްވައެވެ. ދެމިހުންނެވީ އިސްލާހީ މަސައްކަތްޕުޅުގައެވެ. ގާނޫނުއަސާސީއެއް ވުޖޫދުވެ ފުރަތަމަ ދުސްތޫރީ ނިޒާމެއް ގާއިމުވީ އެ މަސައްކަތްޕުޅުގެ ތެރެއިންނެވެ. ތައުލީމު ފެތުރުމަކީ ހުއްދަ ކަމަކަށްވެ ގާނޫނުންވެސް ބާރުއަޅާ ކަމަކަށްވެ އެކަންކަން ތަންފީޒު ކުރެއްވުމުގެ ޒިންމާތަކާ އެންމެ ފުރަތަމަ ހަވާލުވެވަޑައިގެންނެވީ ކާމިލްދީދީއެވެ. އެހެންވީމާ އެމަނިކުފާނުގެ މި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެމަނިކުފާނަށް ނިސްބަތްކުރެވޭ މަދަރުސާއެއް ހުރުން ކޮންމެހެންވެސް ލާޒިމެވެ. އެންމެ ފުރަތަމަވެސް ހުންނާންވީ ފަރީދިއްޔާއަކާއި މަޖީދިއްޔާއަކާއި ހުރަވީ ސްކޫލެއް ނޫނެވެ. ހުންނާންވީ ކާމިލްދީދީ ސްކޫލެކެވެ. ދެން ސަލާހިއްޔާއެކެވެ. ލަހުންވިޔަސް މިކަން ކުރެވުނީމާ ދެން އެންމެ ރަގަޅުތާއެވެ.