ސްރީލަންކާގައި މިހާރު ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ސްރީ ލަންކާގައި ފެށި ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި މިފަހަރު ހަޓީމެއް ވާދަކުރަމުން ދެއެވެ. އެ ހަޓީމު ދެ ގްރޫޕަށް ބަހާލާފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ ހޯސްޓް ލަންކާ އާއި ރާއްޖެ އަދި ބަންގްލަދޭޝެވެ. ގްރޫޕް ބީގައި އޮތީ ތިން ފަހަރު ޗެމްޕިއަންކަން ހޯދި އިންޑިއާ އާއި ތިން ފަހަރު ރަނަރަޕްކަން ހޯދި ނޭޕާލްގެ އިތުރުން ބޫޓާނެވެ. ކޮންމެ ގްރޫޕަކުން އެއްވަނަ އާއި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

މީގެ ކުރިން 2015 ވަނަ އަހަރާއި 2018 ވަނަ އަހަރުވެސް ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝްއިން މިހާތަނަށް މުބާރާތުގައި ދެމެޗު ކުޅެ، އެ ދެމެޗުންވެސް ވަނީ މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ލަންކާ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ބަންގްލަދޭޝްގެ ގޯލުތައް ޖަހައިދިނީ އެމްޑީ ރުބެލް ޝެއިހާއި އެމްޑީ މުރުޝެދު އަލީ، ސިރާޖުލް އިސްލާމް ރަނާ އަދި މުހައްމަދު ނަޒީމުއްދީނެވެ. ލަންކާގެ ހައެކަނި ގޯލު ޖެހީ ޔާރިސު ޝަރުފާޒެވެ.

މިއަދު ރާއްޖެ ކައިރިން ބަންގްލުދޭޝް މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި މިރާޖުލް އިސްލާމްގެ ހެޓްރިކެއް ފެނިގެން ގޮސްފައިވާ އިރު، ބަންގްލަދޭޝްގެ އަނެއް ގޯލުތައް ޖަހައިދިނީ ނަޒެމުލް ހުދާ ފައިސަލް އާއި އެމްޑީ މުރުޝެދު އަލީއެވެ. މެޗުގައި މިރާޖުލް އިސްލާމްގެ ހެޓްރިކް ފެނުނީ ދެވަނަ ހާފުގައެވެ. އަނެއް ދެ ގޯލު ބަންގްލަދޭޝްއިން ޖެހީ ފުރަތަމަ ހާފުގައެވެ.

މުބާރާތުގެ ސެމީގެ އުންމީދު ރާއްޖެއަށް އަދި އެބައޮތެވެ. ރާއްޖެއިން މުބާރާތަށް ދިޔައިރުވެސް ޓާގެޓަކަށްވެފައި އޮތީ ސެމީގެ ޖާގައެކެވެ. ގްރޫޕުގައި ތިން ޓީމު ހިމެނޭ އިރު، ރާއްޖެއަށް ސެމީއަށް ދެވެން އޮތީ ބުރާސްފަތި ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގައި އެގައުމު އަތުން މޮޅެއް ހޯދައިގެންނެވެ. އެއްވަރުވިޔަސް ގޯލުގެ ތަފާތުން ސެމީއަށް ދާނީ ލަންކާއެވެ.

މުބާރާތުގެ ގްރޫޕް ބީގައި އިންޑިއާއިން ހޯމަ ދުވަހު ކުޅުނު މެޗުގައި 3-0 އިން ނޭޕާލް ބަލިކޮށްފައިވާ އިރު، އެ ގްރޫޕުގައި މިރޭ އޮންނަ މެޗުގައި ނޭޕާލުން ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުރިއަށްދާނީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައެވެ.

މީގެ ކުރިން 15 އާއި 16 އަހަރުން ދަށަށް ބާއްވަމުން އައި މުބާރާތް މި ފަހަރު 17 އަހަރުން ދަށަށް ބަދަލުކޮށްގެން ކުރިއަށްދާ އިރު، މިއީ ރާއްޖެއިން މުބާރާތުގައި ވާދަކުރާ ފަސްވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެއަށް މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ.

އަބްދުﷲ ރަޒީފް މުހައްމަދު (ގޯލްކީޕަރު/ ކެޕްޓަން)، ލަހުފާން އަހުމަދު ޝަހީމް، މުހައްމަދު ރަޒާން، އަހުމަދު އަކުމަލް ނިޒާމް، މުހައްމަދު ޖޫދު އަޝްފާގު، އަހުމަދު އަޒުލާން އަލީ، މުހައްމަދު އައިހަމް އިބްރާހީމް، މުހައްމަދު ޝައްފާން އަބްދުލް މުއްތަލިބު، މުހައްމަދު އައިމަން އަލީ، އަހުމަދު ހަމްދާން އަޒްލީން، ޒާދު މުހައްމަދު ހާލިދު