އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ތެރެއިން ބަނގުރާ ވިއްކަން ހަމަޖައްސާފައިވަނީ ސްޓޭޑިއަމްތަކުގެ ވަކި ހާއްސަ ސަރަހައްދުތަކެއްގައި ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

ގަތަރަކީ މުސްލިމް ގައުމަކަށްވީ އިރު، އެގައުމުގައި އާންމުކޮށް ބަނގުރާ ވިއްކުމަކީ ހުއްދަކަމެއް ނޫނެވެ. ހުޅަނގުގެ ގައުމުތަކުގައި ބާއްވާ ވޯލްޑް ކަޕާއި މިފަހަރުގެ ވޯލްޑް ކަޕް ތަފާތު ވެގެންދާނެ އެއް ސަބަބީ ގަތަރުގެ މުސްލިމް ގާނޫނުތަކާއި އުސޫލުތަކެވެ. އެ އުސޫލުތަކުގެ ތެރެއިން ބައެއް ލުއިތައް ހޯދަން ފީފާއިން މިހާރުވެސް އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ބަނގުރާ ވިއްކުމުގެ ހުއްދައެއް ހޯދަން ފީފާއިން ދަނީ ގަތަރުގެ ވެރިންނާ މަޝްވަރާތައް ކުރަމުންނެވެ.

ވޯލްޑް ކަޕްގެ ސްޕޮންސާޝިޕާވެސް ބިޔަރުގެ އިތުރުން އެހެނިގެން ބަނގުރަލުގެ ބްރޭންޑްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ އިރު، ފީފާއިން އެ ކުންފުނިތަކުގެ ބްރޭންޑްތައް އިޝްތިހާރުކުރުމަށްވެސް ބަނގުރާ ވިއްކަން ބޭނުންވެއެވެ. އެހެންނަމަވެސް މިފަހަރު އެކަމަށް ވަނީ އުނދަގޫތަކެއް ދިމާވެފައެވެ. އެއް ސަބަބަކީ މިއީ މުސްލިމް ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވެސް ވާތީއެވެ.

އެ ހާލަތު ބަދަލުކުރުމަށް ފީފާއިން ގަތަރާ ކޮށްފައިވާ މަޝްވަރާތަކުން މިއަދު ނިންމާފައިވަނީ ސްޓޭޑިއަމްގެ ވަކި ހާއްސަ ސަރަހައްދުތަކެއްގައި ބަނގުރާ ގަނެ، ބޭނުންކުރެވޭނެ ގޮތެއް ހެދުމަށެވެ. އޭގެ އިތުރުން ވެރިރަށް ދޯހާގައި ތައްޔާރުކުރަމުން އަންނަ 40،000 މީހުންގެ ފޭން ޒޯނުގައިވެސް ބަނގުރާ ވިއްކޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ.

"އަހަރެމެން ބޭނުންވަނީ ހަނދާނުން ނުފިލާ ފަދަ ތަފާތު ތަޖުރިބާއެއް ގަތަރުގައި ކުރަން. ބަނގުރަލުގެ ކަންކަމުގައި އެންމެ ރަނގަޅު ގޮތެއް ހޯދަމުން މިދަނީ،" ގަތަރު ވޯލްޑް ކަޕްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ނަސީރު އަލް ހަތާރު ވިދާޅުވިއެވެ.

ގަތަރުގެ ވޯލްޑް ކަޕުގައި ބަނގުރާ ވިއްކުމުގެ ކަންކަމާ ގުޅޭގޮތުން އެގައުމުގެ ސްޕްރީމް ކޮމެޓީ ފޯ ލެގަސީ އެންޑް ޑެލިވަރީގެ ރަސްމީ ބަހަކަށް ފީފާއިން އިންތިޒާރުވެސް ކުރަމުން އަންނަ އިރު، ވަކި ސަރަހައްދުތަކެއްގައި ބަނގުރާ ވިއްކޭނެ ކަމަށް ބުނިވެސް މިއީ ފުރަތަމަ ފަހަރެވެ. މިހާރު އޮތް ގޮތުން ސްޓޭޑިއަމްގެ ވަކި ސަރަހައްދެއްގައި ބަނގުރާ ވިއްކަން ގަތަރުގައި ހުއްދަ ދޭނެއެވެ. އެއީ މެޗު ޓިކެޓް އޮންނަ ވަކި ބަޔަކަށް އެކަންޏެވެ.

އެ ސަރަހައްދުތަކުގައިވެސް ބަނގުރާ ބޭނުންކުރެވޭނީ މެޗު ފެށުމުގެ ވަކި ވަގުތެއް ކުރިން އަދި މެޗު ނިމުމުން ވަކި ވަގުތެއް ވަންދެނެވެ. މެޗު ހިނގަމުންދާ ވަގުތު، ސްޓޭޑިއަމްގައި ބިޔަރެއް އަދި ބަނގުރަލެއްވެސް ބޭނުމެއް ނުކުރެވޭނެއެވެ.

ފީފާއިން ވަނީ އެފަދަ ގޮތަކަށް ވަކި ސަރަހައްދެއްގައި ބަނގުރާ ވިއްކުން ގަތަރުގައި ޓްރައިލް ކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ބޭއްވި ކްލަބު ވޯލްޑް ކަޕްގެ ފައިނަލުގެ ކުރިންނާއި ފައިނަލްގެ ފަހުންވެސް މެޗު ބަލަން ދިޔަ ލިވަޕޫލް ސަޕޯޓަރުންނަށް ދަނޑުގެ ވަކި ސަރަހައްދަކުން ވަނީ ބަނގުރާ ވިއްކައިފައެވެ.

ތިން މިލިއަނާ ގާތްކުރާ އަދަދެއްގެ އާބާދީއެއް ދިރިއުޅޭ ގަތަރަށް ވޯލްޑް ކަޕާ ދިމާކޮށް 1.2 މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ގަތަރުގައި ހުރުމުގެ ކަންކަން ފުރިހަމައަށް ހަމަޖެހޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ޔަގީންކަން ދީފައިވާ އިރު، އެގައުމުގައި ވޯލްޑް ކަޕަށް ދާ މީހުންނަށް ހާއްސަކޮށް 130،000 ރޫމް އެބަހުއްޓެވެ. އެއީ ހޮޓެލްތަކާއި ކެބިންތަކުގެ އިތުރުން ކްރޫޒް ލައިންތަކާއި އެޕާޓްމަންޓް އަދި ހާއްސަ ކޭމްޕްތަކާވެސް އެކުގައެވެ.