ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުން ބަހުގައި ދަތުރުކުރައްވައި މަޖިލީހަށް ވަޑައިގެންފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަަމް އާޒިމް އާއެކު މެމްބަރުން މިއަދު ހެދުނު މާލެ ވަޑައިގަތީ ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ބަހެއްގައެވެ. އަދި މާލެ ވަޑައިގަތުމަށްފަހު އެ ބޭފުޅުން ވަނީ މާލޭގައި އަލަށް ފަށައިގެން އުޅޭ އާރްޓީއެލް މިނީ ބަހުގައިވެސް ދަތުރުކުރައްވައިފައެވެ. އަދި މަޖިލީހަށްވެސް ވަޑައިގެންނެވީ ބަހުގައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވަނީ މިދިޔަ ހޯމަދުވަހު އެވެ. މިނީ ބަހުގެ ހިދުމަތަށް މާލޭގައި 18 ބަހެއް ބޭނުން ކުރެއެވެ. އޭގެތެރެއިން އަށް ބަސް ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

މާލޭގައި މިނީ ބަސް ދަތުރުކުރަން ތިން ރޫޓެއް އެމްޓީސީސީން ކަނޑައަޅާފައިވާ އިރު، ޖުމުލަ 40 ބަސް ސްޓޮޕެއް ހުރެއެވެ. މިނީ ބަހުގެ ޓިކެޓުގެ އަގަކަށް ސަރުކާރުން ކަނޑައަޅާފައި ވަނީ ހަތް ރުފިޔާއެވެ. ނަމަވެސް ފުރަތަމަ ދެ ހަފުތާ ވަންދެން ހުރިހާ ފަރާތްތަކަށްވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. އޭގެ ފަހުންވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އާރުޓީއެލް މަޝްރޫއުގެ ދަށުން އެމްޓީސީސީން އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ. އެމްޓީސީސީން މިހާރު ވަނީ ބައެއް ރަށްތަކަށް ބަސްތައް ފޮނުވައިފައެވެ.

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އަންނަނީ ހައި ސްޕީޑު ފެރީގެ ހިދުމަތް ވެސް ދެމުންނެވެ.