އިނގިރޭސި ޕްރިމިއާ ލީގުގެ ކާމިޔާބު ކްލަބު ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރި ތޯމަސް ޓުޗެލް އެ މަގާމުން ވަކިކޮށްފިއެވެ.
ޗެލްސީން ޓުޗެލް މަގާމުން ވަކިކޮށްފައިވަނީ މި ސީޒަނުގެ ދަށް ފެށުމާއެކުގައެވެ. ޗެމްޕިއަންސް ލީގުގައި ޗެލްސީން ރޭ ކުޅުނު މެޗުގައި ޗެލްސީ ބަލިވީ 1-0 އިން ޑައިނަމޯ ޒަގްރަބް އަތުންނެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ސައުތުހެމްޓަން އަތުންވެސް އެޓީމު ވަނީ 2-1 އިން ބަލިވެފައެވެ.
އުމުރުން 49 އަހަރުގެ ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފައި މިވަނީ 20 މަސްދުވަހު އެ ކްލަބާ ހަވާލުވެ ހުރުމަށްފަހުއެވެ. ކުރިން ޕީއެސްޖީއާއި ބްރޫޝިއާ ޑޯޓުމަންޑަށް އިރުޝާދު ދިން ޓުޗެލް ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕުގެ އިތުރުން ޔޫއެފާ ސުޕަ ކަޕުވެސް ކާމިޔާބުކޮށްފައެވެ.
ޗެލްސީގެ އާ ވެރިޔާ ޓޮޑް ބޮލީ ނިންމާފައިވަނީ އާ ކޯޗެއް ހޯދުމަށްފަހު ޓުޗެލްގެ ކޯޗިން ޓީމު މަގާމުން ދުރުކުރުމަށެވެ. އެހެންކަމުން މިހާރު ޗެލްސީގެ ކޯޗުކަމުގައި ތިބީ ޓުޗެލްގެ އެސިސްޓެންޓް ކޯޗުންނެވެ.
ބީބީސީން ބުނެފައިވާ ގޮތުގައި ޗެލްސީން ޓުޗެލް ބޭރުކުރީ ރޭގެ ނަތީޖާއާއެކުގައި ނޫން ކަމަށެވެ. ފާއިތުވެދިޔަ މުއްދަތުގައި ޗެލްސީގެ ބޯޑާއި ޓުޗެލްގެ ގުޅުން ވަރަށް ބޮޑަށް ކުޑަވެ، ކުޅުންތެރިންނާއި ޓުޗެލްއާ ދެމެދުވެސް ހިޔާލުތަފާތުވުންތަކެއް ހުރި ކަމަށްވެސް ބީބީސީން ބުނެފައިވެއެވެ.
ޗެލްސީގެ ބޯޑުން ރަސްމީކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓުޗެލްގެ މަސައްކަތަށް ކްލަބުން ޝުކުރުވެރިވާ ކަމަށާއި، ޓުޗެލްއަކީ ޗެލްސީގެ ތާރީހުގައި މުހިއްމު ސަފުހާއެއް ލިޔެލައިދިން ކޯޗެއް ކަމަށެވެ.
ޗެލްސީން މިހާރުވެސް އާ ކޯޗަކަށް މަސައްކަތް ކުރަމުންދާކަން މީޑިއާތަކުން ވަނީ ބުނެފައެވެ. އެ ކްލަބުން މި ހަފުތާ ތެރޭގައި އާ ކޯޗަކަށް މަސައްކަތްކުރަމުން އަންނަ އިރު، ބަލަމުންދާ ކޯޗުންގެ ލިސްޓަށް މިހާރުވެސް ވަނީ ތިން ނަމެއް އައިސްފައެވެ. އެއީ ރެއާލް މެޑްރިޑާއެކު ތާރީހީ ކާމިޔާބީތަކެއް ހޯދާފައިވާ ޒައިނުއްދީން ޒިދާނުގެ އިތުރުން ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓާސް އަދި ކުރިން ޓޮޓެންހަމްއާއި ޕީއެސްޖީގެ ކޯޗުކަމުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ