މާލޭގައި އެއްގަމު ދަތުރުފަތުރުތަކަށް ޕަބްލިކް ޓްރާންސްޕޯޓުގެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ސަރުކާރުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން މިދިޔަ ހޯމަ ދުވަހު މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށައިފައެވެ.
އާއްމުންގެ ގިނަބަޔަކު އިންތިޒާރު ކުރަމުން އައި މިނީ ބަހުގެ މި ހިދުމަތް ފެށުމާއެކު ގިނަ ބަޔަކު ވަނީ އެ ހިދުމަތް ބޭނުންކުރަން ފަށައިފައެވެ. މިނީ ބަހުގެ ހިދުމަތާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވެސް ވަނީ އެ ހިދުމަތަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މާލޭގައި މިނީ ބަސް ދަތުރުކުރަނީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑު މަގު އަދި ސޯސަން މަގުންނެވެ. މި ހަތަރު މަގުގައި ދަތުރުކުރުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާ އިރު، ޖުމުލަ 42 ބަސް ސްޓޮޕެއް ހުރެއެވެ. އަދި ދަތުރުތައް އޮންނާނީ ކޮންމެ ދުވަހަކު ފަތިހު 5:45 އިން ފެށިގެން ރޭގަނޑު 12:15 އަށެވެ.
އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި ހޯމަ ދުވަހާއި އަންގާރަ ދުވަހު އެކަނިވެސް ޖުމުލަ 5،512 މީހުން ވަނީ މިނީ ބަހުގައި ދަތުރުކޮށްފައެވެ. އެގޮތުން މިނީ ބަހުގެ ހިދުމަތުގެ ފުރަތަމަ ދުވަހު 2،257 މީހުން ދަތުރުކޮށްފައިވާ އިރު، އިއްޔެ 3،255 މީހުން މި ހިދުމަތް ބޭނުން ކުރި ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ފޯރުކޮށްދިން މައުލޫމާތަށް ބަލައި އިރު އިއްޔެ އެކަނިވެސް އޯކިޑުމަގު ބަސްރޫޓުން 1،049 މީހަކު ދަތުރުކުރިއެވެ. އަދި އަމީނީ މަގު ރޫޓުން 1،046 މީހަކު ދަތުރުކުރި އިރު، މަޖީދީމަގު ރޫޓުން 1،160 މީހަކު ދަތުރުކުރިއެވެ.
މި ހިދުމަތް ބޭނުންކުރާ ގިނަ ފަރާތްތަކުން ބުނާގޮތުން މިއީ މާލެއަށް މުހިއްމު ހިދުމަތެކެވެ. ސަރުކާރުން މިހާރުވެސް ވަނީ މިނީ ބަހުގެ ހިދުމަތް ފުޅާކުރުމަށް މަޝްވަރާތައް ފަށައިފައެވެ. އެގޮތުން އާރުޓީއެލް މަޝްރޫއުގެ ދަށުން ފަށާފައިވާ ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތް ހަރުދަނާކުރުމާ ގުޅޭގޮތުން ކެބިނެޓުގައި ވަނީ އިއްޔެ މަޝްވަރާކޮށްފައެވެ.
މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ދަށުން މިނީ ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ ނިޒާމު ފުރިހަމަ ކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށާއި ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މި ހިދުމަތްވެ، އިތުރަށް ތަރައްގީވެގެންދާނެ ކަމަށެވެ.
މިނީ ބަހުގެ ޓިކެޓުގެ އަގަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ ހަތް ރުފިޔާއެވެ. ނަމަވެސް ފުރަތަމަ ދެ ހަފުތާ ވަންދެން ހުރިހާ ފަރާތްތަކަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ. އޭގެ ފަހުންވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.
މާލޭގައި ބޭނުންކުރަން ހަމަޖެހިފައިވަނީ 18 ބަހެކެވެ. އޭގެ ތެރެއިން އަށް ބަސް ހާއްސަކޮށްފައިވަނީ ހާއްސައެހީއަށް ބޭނުންވާ މީހުންނަށެވެ.
މާލޭގައި މީގެ ކުރިން 2011 ވަނަ އަހަރުވެސް މިނީ ބަހުގެ ހިދުމަތް ދިނެވެ. ނަމަވެސް އަހަރެެއްހާ ދުވަސް ނުވަނީސް ބަހުގެ ހިދުމަތް ހުއްޓާލިއެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް