މިއަހަރަށް ބަޖެޓުގައި ހިމަނާފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ މިއަހަރަށް ބަޖެޓުގައި ހުރި އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތައް ފެށުން ލަސްވަމުންދިއުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވާ އއ. ތޮއްޑޫ އާއި އުކުޅަހުގެ އާ ހެލްތު ސެންޓަރު އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ޓެންޑަރަށް އިއުލާން ކުރުމަށް ހެލްތު މިނިސްޓްރީން، ފިނޭންސަށް ފޮނުވާފައިވާއިރު އެ މަސައްކަތް އިއުލާންކުރެވޭނީ ކޮންއިރަކުންތޯ އާއި އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރާއެކު ސޮއިކުރެވޭނެ އިރަކާބެހޭގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން، މިއަދު ވަނީ މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބަޖެޓްގައިވާ ކަންތައްތައް ކުރިއަށްގެންދިޔަ ނަމަވެސް ދުނިޔޭގެ އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވާ ކަންތައްތަކާ ހުރެ ޕީއެސްއައިޕީގެ ޕްރޮޖެކްތްތައް ޓެންޑާ ކުރުން ލަސްކޮށްލާފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދުނިޔޭގައި ތަކެތީގެ އަގު އުފުލި އިންޓަރެސްޓު ރޭޓުތައް މަތިވެފައިވުމާއެކު، 2022 ވަނަ އަހަރަށް ލަފާކުރި ބަޖެޓުގައިވާ ގޮތަށް ބޭރުގެ މާލީ ބާޒާރުގައި ސުކޫކާއި ބޮންޑު ވިއްކައިގެން ދަރަންޏަށް ފައިސާ ހޯދުމަށް މިއީ ރަނގަޅު ވަގުތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މިހާރުގެ ވިސްނުމަކީ ކޮންމެހެން ކުރަން ނުޖެހޭ ހަރަދު ވީހާވެސް ކުޑަކޮށް، މުސާރަތައް ދިނުމާއި، ދަރަނި އަދާކުރުން ކުރިއަށްގެންދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޔުކުރެއިން ރަޝިޔާ ހަނގުރާމަ އާއި ދުނިޔޭގެ އެކިއެކި ގައުމުތަކުގައި، ހާއްސަކޮށް އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި އިންޓްރެސްޓް ރޭޓް މަތި ކުރަމުންދިއުމާއި އެކު މި ދަނޑިވަޅަކީ، ބަޖެޓްގައި ފާހަގަކޮށްފައިވާ ފަދައިން ބޭރުގެ މާކެޓަށް ބޮންޑް އަދި ސުކޫކުފަދަ އެއްޗެހި ވިއްކައިގެން ފައިނޭންސް ހޯދުމަށް ދަތިތަކެއް ހުރި ދަނޑިވަޅަކަށް ވާތީ އަޅުގަނޑުމެން މިހާރު، މިދުވަސްކޮޅު ކޮންމެވެސް ވަރަކަށް ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ޓެންޑާކޮށް ކުރިއަށްގެންދިއުމުގައި ލަސްކޮށްގެންކުރިއަށް މިގެންދަނީ" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު އަމީރު ވިދާޅުވީ، ކޭޝްފްލޯ މެނޭޖުކުރުމަށް ހުރި ކަންތައްތައް ކައިރިން ބަލަމުން އަންނަ ކަމަށާއި، މިހާރު ކުރިމަތިވެފައިވާ ބަޖެޓާއި ކޭޝް ފްލޯގެ ދަތިކަން ހައްލު ވުމުން ޕްރޮޖެކްތްތައް ޓެންޑާ ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.