ޚަބަރު

އާރްޓީއެލްގެ ހިދުމަތް ހަރުދަނާކުރުމަށް ކެބިނެޓްގައި މަޝްވަރާކޮށްފި

މުހައްމަދު އިޝާން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން ފަށާފައިވާ ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތް ހަރުދަނާ ކުރުމާ ގުޅޭގޮތުން ކެބިނެޓްގައި މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ، މިއަދު އެ އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ އާރްޓީއެލް ފެރީގެ ހިދުމަތުގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ޒޯން އެކެއްގެ މަސައްކަތް ސަރުކާރުން އެއްކޮށް ނިންމައިލުމާއި މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ފެރީގެ ހިދުމަތުގެ ދެވަނަ މަރުހަލާ އަދި ތިން ވަނަ މަރުހަލާގެ މަސައްކަތްތައް ތަންފީޒުކުރާނެ ގޮތުގެ މައުލޫމާތު އަސްލަމް އާއި ނަހުލާ ހިއްސާކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އާރްޓީއެލްގެ ފެރީގެ ހިދުމަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެ ހިދުމަތް މިހާރު ހއ. ހދ. އަދި ށ. އަތޮޅުގައި އަންނަނީ ދެމުންނެވެ.

އާރުޓީއެލް މަޝްރޫއުގެ ދަށުން އެމްޓީސީސީން އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ. އެމްޓީސީސީން މިހާރު ވަނީ ބައެއް ރަށްތަކަށް ބަސް ފޮނުވައިފައެވެ. އަދި އިއްޔެ ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށައިފައެވެ.