މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އޮފިސަރުންނަށް ފަސޭހައިން ބޯހިޔާ ވަހިކަން ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކަރެކްޝަން އޮފިސަރުންނަށް ގާނޫނުން މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އޭގެ ތެރެއިން އެއް ދަތިކަމަކީ އޮފިސަރުން އެކޮމަޑޭޝަންގެ ކަންތައް ހަމަޖެއްސުން ކަމަށާއި އެކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ އެ ކަންބޮޑުވުމަށް އަޅުގަނޑުމެން ހައްލެއް ހޯދައިދޭނަން. އަދި ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއްވެސް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖަލު ބެލެހެއްޓުމަކީ ކަރެކްޝަންގެ އޮފިސަރުން ވާ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ކޮވިޑުގެ ނުރައްކާތެރިކަން ފެތުރިފައި އޮތް ދުވަސްވަރުވެސް، ޖަލުތަކާއި ޖަލުތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ޒިންމާ އޮފިސަރުން ފުރިހަމައަށް އަދާކުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހާއްސަ ތަމްރީނުތަކެއް ލިބިގެން ނޫނީ ތަފާތު ކުށްތައް ކުރާ ގިނަ އަދަދެއްގެ ބަޔަކު އެއްތަނެއްގައި ބެލެހެއްޓުމަކީ ގޮންޖެހުން ބޮޑު އުނދަގޫ މަސައްކަތެއް ކަމަށެވެ.

ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަނީ ވަރަށް މަތިވެރި މަގުސަދެއްގައި ކަމަށެވެ. އެއީ މުޅި މުޖުތަމައު އިސްލާހުކުރުމާއި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމުކޮށް އަމަންކާމާއި ހިތްހަމަޖެހުމާއެކު ދިރިއުޅުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.