ޚަބަރު

ޕްލެޓްފޯމުން ވިލިމާލެ ފަަރަށް ލިބުނު ގެއްލުން ބަލަން ފަށައިފި

މުހައްމަދު އިޝާން

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން ދިޔަ ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ސާވޭ ކުރުމުގެ މަސައްކަތް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފަށައިފިއެވެ.

އީޕީއޭއިން މިއަދު ބުނީ، ތިލިމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏާ އީޕީއޭއާ ގުޅިގެން މިއަދު ފަރަށް ލިބުނު ގެއްލުން ސާވޭ ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ ސާވޭގައި އީޕީއޭގެ ޑިރެކްޓަރު އިބްރާހީމް ނައީމުވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

"މިއަދު ވަނީ ޖޮއިންޓް ސާވޭއެއް ފަށައިފަ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުން ބަލަން،" އީޕީއޭއިން ބުންޏެވެ.

މިދިޔަ މަހުގެ 16 ގައި ވިލިމާލެ ފަރަށް އެ ޕްލެޓްފޯމް އެރީ މޫސުން ގޯސްވެ އޭގެ ނަގިލި ކަނޑައިގެން ގޮސްގެން އެރޭ 2:45 އެހާކަންހާއިރުއެވެ. ޕްލެޓްފޯމް ފަރަށް އަރާފައިވަނިކޮށް ފެނިފައިވަނީ މެރިން ޕޮލިހަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.

ބުރިޖުގެ ޕްލެޓްފޯމު ފުން ކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާމެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕްލެޓްފޯމު ފަރުން ނުނެގި ލަސްވުމުގެ ސަބަބުން އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފައެވެ.