އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެގޮތަށް އަމަލުކުރަން "އިންސްޓްރަކްޝަން" ދެއްވައިގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ވިދާޅުވެއްޖެއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފައެވެ. އެ މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފައެވެ.
އެ މައްސަލައިގައި ކުރިިމިނަލް ކޯޓުގައި މިއަދު ވަނީ އަދީބުގެ ހެކިބަސް ނަގައިފައެވެ.
ކޯޓުގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ކުރިޔަށް ގެންގޮސްފައިވަނީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން އެރަށުގެ އެކުއިޒިޝަން ކޯސްޓަށް ފުރަތަމަ ކަނޑައެޅި ފަސް މިލިއަން ޑޮލަރު، ތިން މިލިއަން ޑޮލަރަށް ކުޑަކޮށް އެގްރީމަންޓް ކުރި އަދަދު ދެ މިލިއަން ޑޮލަރަށް ކުޑަކުރީ ރައީސް ޔާމީންގެ އެންގެވުމަށް ކަމަށެވެ. އަދި އެ ފައިދާ ދެ ޕޭމަންޓަކުން ދައްކަވަންޖެހޭ ގޮތް ހެދުމަށް އިރުޝާދު ދެއްވި ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
"ރައީސް ޔާމީން ވިދާޅުވި މިރަށް ޔޫސުފް ނައީމަށް ދޭށޭ. ޔޫސުފް ނައީމްވެސް ވަރަށް ގިނަ ކަންކަން ކޮށްދެއްވައޭ،" އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ އާރަށް ކުއްޔަށް ދޫކުރުމުން ބޮޑެތި އަދަދުތަކުން ޔޫސުފް ނައީމް، ޔާމީނަށް ފައިސާ ދެއްވި ކަމަށާއި އެގޮތުން އެއް މިލިއަން ޑޮލަރުވެސް ޔާމީނަށް ދެއްވި ކަމަށެވެ.
އަދީބު އިތުރަށް ވިދާޅުވީ، އާރަށް ކުއްޔަށް ދޫކޮށްފައިވަނީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ. އަދި އާރަށް ކުއްޔަށް ދިނުމުގެ މައްސަލަ މަހެއްގެ ތެރޭގައި ނިންމާލާފައިވާ ކަމަށާއި އެއީ އާއްމު އުސޫލަށްވުރެ އަވަސް މުއްދަތެއް ކަމަށްވެސް ވިދާޅުވިއެވެ.
އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ނަމަވެސް އަދީބު މިވަގުތު ހުންނެވީ ގޭބަންދުގައެވެ.
އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށެވެ. އަދި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.