ފަހަކަށް އައިސް ދިވެހިމުޖުތަމައުން ފެންނަ އެންމެ ކަންބޮޑުވާންޖެހިފައިވާ، މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުން، އެކިގޮތްގޮތަށް ކުދިބޮޑު އެންމެނަށްހެން ދަނީ އޭގެ އަސަރު ކުރަމުންނެވެ. ވަރަށް މަދު އާއިލާއެެއް ފިޔަވައި ކޮންމެ އާއިލާއެއްވެސް އެނުރައްކާތެރި ވަބާގެ ޝިކާރައަކަށް ވެފައިވާ ކޮންމެވެސް އެއް ފަރުދެއްގެ ހާލަތު ތަހައްމަލު ކުރަން ޖެހިފައިވާކަމުގެ ހިތިހަގީގަތާ ދެކޮޅު ހެދޭކަށް ނެތެވެ. ނުހަނު ރަނގަޅު ތައުލީމާއި ހަރުދަނާ އުޅުމެއްގައި ހުރިހާކަމަކުން ފުރިހަމަވެފައި ހުންނަ ދަރިއަކު ކުއްލިއަކަށް މިނުރައްކަލުގެ ޝިކާރައަކަށް ވާތަން ފެނުމުން، ހައިރާންވެ ގޮތްހުސްވާ މައިންބަފައިންނާއި ބެލެނިވެރިން މަދެއް ނޫނެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ އެކިއުމުރުތަކުގެ ދެޖިންސުގެ މީހުންގެ ތެރެއިން މުޖުތަމައު ގަބޫލު ކުރާފަދަ ބަޔަކަށް ވުމަށް މަސައްކަތް ކުރާ މީހުންވެސް މަދެއްނޫނެވެ. މިފަދައިން މަސައްކަތް ކުރަން ބޭނުން ވިޔަސް މިއީ ހީކުރާހާ ފަސޭހަ ކަމަކަށް ނުވެއެވެ. ނޭޝަނަލް ޑްރަގް އެޖެންސީން ފޯމު ފުރައިގެން، ޑިޓޮކްސްއަށް ނުވަތަ ރީހެބަށް މަސްތުވާތަކެތިން މިންޖުވެ، މަސްތުން ސާފުވުމަށް ދާން ޖެހޭ ކޮންމެވެސް އެއް މަރުކަޒެއްގައި ކަނޑައެޅޭ ދުވަސްތަކެއްގައި ފަރުވާއަށް ހުންނަން ޖެހެއެވެ. ދެން އަނބުރާ މުޖުތަމައަށް އައުމަށްފަހު، ކުރިމަތިލާން ޖެހޭ ކަންތައްތަކާއި، މުޖުތަމައުން އެއްކަލަ މީހާ ބަލައިނުގަންނާތީވެ، ޖެހޭ މައްސަލަތަކާއި، ގެއްލިފައިވާ އަބުރާއި އިއްޒަތާއި އިތުބާރުގެ ސަބަބުން އާއިލާއާއި ދުރު މީހުންގެތެރޭގައިވެސް އުޅުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ދިރިއުޅުމަށްޓަކައި އާމްދަނީއެއް ހޯދުމަށް ވަޒީފާއެއް ހޯދުން އޮންނަނީ ދަތިވެފައެވެ. މަދުފަހަރެއްގައި ނޫނީ، އުޅޭނެ ތަނެއް، ބޯހިޔާވަހިކަމެއް ހޯދުންވެސް އޮންނަނީ ދަތިކަމަކަށްވެފައެވެ. މިހުރިހާ ކަމެއްގެ ކުރިން އެންމެ ފުރަތަމަ މަސްތުން ސާފުވެ، ހެޔޮމީހަކަށްވުމަށްޓަކައި ލިބެންވާ ފަރުވާއާ ހަމައަށް ދިއުމުގައިވެސް ގިނަފަހަރު ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ.

އައްޑޫސިޓީއަކީ މަސްތުވާތަކެތީގެ މައްސަލަ ބޮޑު ހިސާބެކެވެ. މިވަބާގައި ޖެހިފައިވާ ޒުވާނުންނާއި އުމުރު ހަމަނުވާ ކުޑަކުދިންނާއި ދެވަން ފުރައިގެ މީހުންވެސް ވަކި މަދެއް ނޫނެވެ. ގިނަފަހަރު މަސްތުވާތަކެތީގެ މިވަށްބުރުން ނުކުންނަން މީހާއަށް އުނދަގޫވާ އެންމެ ބޮޑު ސަބަަބަކީ އޭނާ މަސްތުވާތަކެތިން ދުރުވުމަށް ފަރުވާ ހޯދުމަށްފަހު މުޖުތަމައަށް އެނބުރި އައުމުން ދެން ކުރިމަތިލާން ޖެހޭ ކަންތައްތައް ތަހައްމަލު ނުކުރެވުމެވެ.

މިފަދައިން މުޖުތަމައަށް، ޖަލުންނާއި ރީހެބްތަކުން އަދި އެހެނިހެން ގޮތްގޮތުން ވެސް މަސްތުން ސާފުވެގެން ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ "އާފްޓާ ކެއާ"ގެ އެހީތެރިކަން ރާއްޖޭގެ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ހިމެނިފައެއް ނެތެވެ. "އާފްޓާ ކެއާ"އަކީ ރިހެބް ނުވަތަ ޖަލުން މިނިވަންވެގެން މުޖުތަމައަށް ނުކުންނައިރު، ދާނެ ތަނަކާއި ޒަރޫރީ ބޭނުންތައް ފުއްދާނެ ގޮތެއް، ނެތް ފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން މިއެހީތެރިކަން ލިބޭގޮތް ހަމަޖައްސައިދިނުމެވެ.

އައްޑޫސިޓީގެ ހުޅުމީދޫ، ނުވަތަ ހުޅުދޫ އާއި މީދޫއަކީ ނިސްބަތުން ބަލާކަމަށް ވާނަމަ މަސްތުވާތަކެތީގެ މައްސަލަ ބޮޑު ދެރަށެވެ. މިކުޑަކުޑަ ދެރަށުގައި މިވަގުތު ތިބި ގިނަ ޒުވާނުންނާއި ހަރުފުރައިގެ މީހުންގެ ތެރޭގައި އިރެއްގައި މަސްތުވާތަކެތީގެ ވަބާގައި އެތައް ހާލެއްގައި އުޅެފައި އަނބުރާ މުޖުތަމައަށް ނުކުމެ ތިބި މީހުންނާއި އަމިއްލައަށް ފަރުވާ ލިބި، އެކަމުން ދުރަށް ގޮސް ދިރިއުޅުން އާރާސްތު ކުރާ މީހުން ހިމެނެއެވެ. މިދެރަށުން ފާހަގަ ވާ އެންމެ ހާއްސަ އެއްކަމަކީ، އަބަދުވެސް ކޮންމެ ހާލެއްގައި އުޅެމުންވެސް ދަރިންނާއި އާއިލާއަށް އަޅާލައި ހީވާގި މަސައްކަތްތެރީން ގިނަކަމެވެ.

މަސްތުވާތަކެތީގެ މައްސަލަ ނުހަނު ބޮޑު މިހިސާބުގެ ބައެއް ފިރިހެނުން އިސްނަގައިގެން އެންމެ ފަހުން ކުރަން ނިންމި މަސައްކަތަކީ ހަމަގައިމުވެސް މުޖުތަމައުގެ ވަރުގަދަ އެއްކަންބޮޑުވުމަށް ލިބިގެންދާނެ ހައްލެކެވެ. ތަޖުރިބާ ހުރި އަދި އަމިއްލައަށް ތަޖުރިބާ ކުރެވިފައިވާ މީހުން ގަބޫލުކުރާ އަދި ބުނާ ގޮތުގައި، މަސްތުވާތަކެތީގެ ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް ރައްކާތެރިކުރެވޭނީ، އެކަމަށް ދެވިހިފާފައިވާ މީހުން އެކަހެރި ކުރުމުގެ ބަދަލުގައި އެެމީހުންނަށް ދީނާއި ދުނިޔޭގެ ކަންކަން ބުނެދީ އަހުލުވެރިކުރުވައި، އެމީހުންނަށް ކުރެވިދާނެކަންތައް ހުރިކަން ވިސްނައިދީގެން މަސައްކަތްތެރި ބަޔަކަށްވެސް އެެމީހުން ހަދައިގެންނެވެ.

އައްޑޫސިޓީ ހުޅުދޫ އުދަރެސް ނިޝާމު މޫސާ(39އ) އާއި ނިޔަދުރުމާގޭ އަހުމަދު ޒިޔާއު(39އ) އާއި އިރުމަތީގޭ އަލީ ހަމީދު(49އ) އަދި މާލެސިޓީ، ގ.މެރިންލައިޓް މުހައްމަދު ފިޒާން(46އ)، މި ހަތަރު މީހުންނަކީވެސް އިރެއްގައި މަސްތުވާތަކެތީގެ ވަބާގައި އަދަބު ލިބި، ރިހެބިލިޓޭޓްވެސް ވެފައިވާ މީހުންނެވެ. އެމީހުންގެ ހިތްވަރާއި މިންނަތުން މިއަދާ ހަމައަށް ދިރިއުޅުން އާރާސްތުކުރުމަށް މަސައްކަތްކޮށް ކާމިޔާބުވަމުން އައިސްފައިވާއިރު އެމީހުންގެ ކޮންމެ ދުވަހެއްގެވެސް އެކަކުއަނެކަކަށް ހިއްސާ ކުރެވެމުން އަންނަ ކަމެއް އޮވެއެވެ. އެއީ ހުދު އެމީހުންގެ އަމިއްލަ ތަޖުރިބާގެ އަލީގައި ކަންބޮޑުވާކަމެއްވެސްމެއެވެ.

އެއީ މަސްތުވާތަކެތީގެ ބޭނުން ކުރާ މީހުން މުޖުތަމައަށް އަނބުރާ ގެނައުމަށް ކޮންމެެވެސް ބަޔަކު އިސްވެ އެހީތެރިވާން ޖެހޭ ކަމާމެދު ވިސްނާވިސްނުމެވެ. އެކިދުވަސްމަތިން އެކިއެކި ގޮތްގޮތަށް ބަދަލުކުރެވެމުންދިޔަ ހިޔާލުތަކުގެ ތެރެއިން، މަސްތުންސާފުވެ މުޖުތަމައަށް އަނބުރާ އަންނަން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް "ހިލޭސާބަހަށް އެހީވާނެފަދަ ޖަމިއްޔާ"އެއް ނުވަތަ އެންޖީއޯއެއް އުފެއްދުމުގެ ހިޔާލަށް އެންމެނަށްވެސް ރުހި ގަބޫލުވެވުނެވެ.

އެހިސާބުން ފެށިގެން ސިކުނޑިތަކުގައި ކުރެހުނު ޗާޓުތައް ކަރުދާހަށް ނަގައި، ލިޔުންތައް ތައްޔާރު ކުރެވި، މަސްތުވާތަކެތީގެ ވަބާއިން އެނބުރި އަންނަން ބޭނުންވެގެން އެހީއަށް އެދޭ ކޮންމެ ފަރާތަކަށްވެސް އަތް ދިއްކޮށްލެވޭނެ، އެންޖީއޯއެއް ރެޖިސްޓްރީ ކުރުމުގެ މަރުހަލާއާ ހަމަައަށް އެމީހުން މިވަނީ ވާސިލުވެފައެވެ. "ރިކަވަރީ ކެއާ" ގެ ނަމުގައި ތައްޔާރުވެ މިހާރުވެސް މަސައްކަތް ފެށިފައިވާ އެންޖީއޯ ވަރަށް އަވަހަށް ރަޖިސްޓަރީ ކުރެވޭނެއެވެ. މިހާރުވެސް އެހީއަށް އެދިއްޖެނަމަ، އެމީހަކަށް އެހީވުމަށް މިޖަމިއްޔާގެ ބައިވެރިން ތިބީ ތައްޔާރަށެވެ.

"ވަކިޖިންސެއް ހާއްސައެއް ނުކުރަން. ކޮންމެ ފެންވަރެއްގެ ކޮންމެ ކަހަލަ ކޮންމެ މީހަކު ވިޔަސް އެހީއަށް އެދި ބުނެފިނަމަ އެމީހަކަަށް ފަރުވާ ލިބި، މުޖުތަމައުގައި އެކަށީގެންވާ މީހަކަށް ހެދުމަށް ހުރިހާ މަސައްކަތެއްވެސް ކުރާނެ. އަދި މިވަގުތު ކޮންމެ ހަރަދެއް ކުރަން ޖެހުނަސް މިކުރަނީ އަމިއްލައަށް މަސައްކަތްކޮށްގެން ލިބޭ އާމްދަނީން، އަމިއްލަ ޖީބުން." ނިޝާމު މޫސާ ބުނިގޮތުގައި، އެމީހުން އުޅުނު ގޮތުން ލިބުނު ތަޖުރިބާގެ އަލީގައި މިފަދަ ކަމެއް ކުރުމަށް އިސްނެގީ، މިގޮތަށް އާއިލާތަކާއި މުޖުތަމައުގެ އިތުބާރު ގެއްލުމުގެ ސަބަބުން، މަސްތުން ސާފުވުމަށްފަހު އެނބުރި މުޖުތަމައުގައި އުޅެން ފެށުމަށް "އެހީ"ތެރިކަން ބޭނުންވާނެތީއެވެ. އަދި "އާފްޓާކެއާ"އަށް އެދޭ ފަރާތްތަކަށް މިއީ ވަރަށްވެސް އުފާވެރި ހަބަރަކަށްވާނެކަމަށް އެމީހުން އުއްމީދު ކުރާކަމަށްވެސް ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެހީވުމަށް ޖަމިއްޔާތައް ހުރި ނަމަވެސް ޖަލުން ނުވަތަ ރީހެބްސެންޓަރުތަކުން ރިހެބިލިޓޭޓް ވެގެން ނުކުންނަ ފަރާތްތަކަށް، "ފަރުވާއަށްފަހު އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީވާ" ފަރާތްތައް ވަރަށް މަދެވެ. އެގޮތަށް ރަސްމީކޮށް މިމަސައްކަތް ކުރުމަށް ރަޖިސްޓަރީ ކުރާ މިއެންޖީއޯ "ރިކަވަރީ ކެއާ" ވެގެންދާނީ ނިޝާމު މޫސާއާއި އަނެއް ތިން ބައިވެރިންގެ ހިޔާލާއި ހިތްވަރުން އުފެދޭ "އާފްޓާކެއާ"އެންޖީއޯއަކަށެވެ.

"ބައެއްގެ އެހީތެރިކަމާ ނުލައި، އަނބުރާ މުޖުތަމައަށް ނުކުމެ ސަވައިވް ނުވެވޭނެ. ދުލުން ބުނެލަން ފަސޭހަވެދާނެ. އެކަަމަކު އެއީ ބުނާހާ ފަސޭހަކޮށް ކުރެވޭނެ ކަމެއްނޫން. އެކަމަކު ނުވާނެ ކަމެއްވެސް ނޫން. ކޮންމެ މީހަކަށްވެސް އަނެކާގެ އެހީ ބޭނުންވާނެ. އިންސާނަކަށްވީތީ. އެކަމަކު އެއީ ޑްރަގް އެޑިކްޓަކަށް ވުމުން އެކަންތައް މާބޮޑަށް ފާހަގަ ވަނީ އެޑިކްޓް ލޭބަލްއާ ހެދި."

ނިޝާމުއާއި އޭނާގެ ބައިވެރިން ބުނާ ގޮތުގައި އެމީހުންގެ އަމިއްލަ ތަޖުރިބާއާއި ކުރެވުނު ދިރާސާތަކުންނާއި ފެންނަ ހަގީގީ މަންޒަރުތަކުން ނެރެވެނީ އެއް ނަތީޖާއެކެވެ. މިއަދާ ހަމައަށް މުޖުތަމައަށް އަނބުރާ ނުކުމެ، މީހުންގެ ތެރޭގައި ގާބިލު، މަސްތުވާތަކެއްޗާ ނުލައި، ރީތި ދިރިއުޅުމެއް އުޅޭ މީހުންނަކީ އެމީހުންގެ ފަހަތުގައި ކޮންމެވެސް އެހީތެރިކަމަކާއި ހިތްވަރުދިނުމެއް އޮވެގެން އެހިސާބަށް ނުކުމެވިފައި ތިބި ބަޔެކެވެ.

"ކޮންމެވެސް މީހަކު، ނޫނީ ކޮންމެވެސް ބަޔަކު އެހީވެގެން ވާނީ. އަމިއްލަފައި މައްޗަށް ތެދުވެވެންދެން ނޫނީ މީހާ މުޖުތަމައު ތެރޭގައި މީހަކަށް ވަންދެން ކޮންމެވެސް ކަހަލަ އެހީއެއް ނުލިބި ވަރަށް ދަތިކަމަކަށް ވާނީ. ގިނަފަހަރު އަނބުރާ އައިކޮޅަށް ސުމަކަށް ދަނީ އެއްވެސް އުއްމީދެއް ނުލިބި، އެއްވެސް ބައެއްގެ އިތުބާރާއި ޔަގީންކަން ނުލިބުމުން. އުޅޭނެ ތަނެއް ނުލިބުން، ވަޒީފާއެއް ނުލިބުން، ޒަރޫރީ ބޭނުންތައް ފުއްދާނެ ދެލާރި ނުލިބުން، ބަނޑުހައިކަން، ވަރުބަލިކަން، ފޫހިވުން، ނަފުރަތާއި ދެރަވުން، އަމިއްލައަށް ކުށްވެރިވުން، މިއީ ހައްތާވެސް އެކަނިވެރިކަމުން ކުރިމަތިލާން ޖެހޭ އަދި ދެން އަނބުރާ އައިކޮޅަށް ދާން މީހާއަށް ގަބޫލު ކުރެވޭ ކަންތައްތައް. އަޅުގަނޑުމެންގެ ތިއަރީއަކީ އެކަހެރިނުކޮށް އެހީވާށޭ، އަނބުރާ ގެނެވޭނޭ." ނިޝާމުއާއި އޭނާގެ އަނެއް ފަސްބައިވެރިން "ވަން"އަށް އެމީހުންގެ މަސައްކަތް ގެންދިޔަގޮތް ކިޔައިދެމުން ބުނި ގޮތުގައި އަދި މިވަގުތު އެމީހުންގެ އެންޖީއޯ އުފެދި، ފަށައި ހުރިހާ ކަމެއްހެން ކުރާނީ އަމިއްލައަށް އެމީހުންގެ މަސައްކަތުން ލިބޭ އާމްދަނީންނެވެ. އެހެންނަމަވެސް ކޮންމެ ހާލެއްގައިވެސް އެހީއަކަށް އެދި ދިއްކޮށްލެވޭ އަތެއްގައި ނުހިފައި ދޫކޮށްނުލާނެކަމުގެ ޔަގީންކަން އެމީހުންދެއެވެ.

"ބަޔަކު އިސްނަގަން އެބަޖެހޭ. އަޅުގަނޑުމެންގެ މަގުސަދަކީ އަނބުރާ މުޖުތަމަައަށް ނުކުންނަން މަސައްކަތް ކުރާ ފަރާތްތަކަށް އެއެހީ ފޯރުކޮށްދިނުން. މުޖުތަމައު ދެކޭ ގޮތް ބަދަލުވެގެން މަސްތުވާތަކެތީގެ ނުބައިކަމުން ބަޔަކު ސަލާމަތް ކުރެވޭނީ. އެއްފަހަރު ގޯސްވުމުން ސިއްކަ ނުޖަހާށޭ،. އަބަދު ނުބައި މީހަކަށް ނުހަދައި އެމީހާ ބަދަލެއް ގެނައުމުން އެބަދަލު ބަލައިގަނެގެން މިކަން ވާނީ. ވަޒީފާ ދީގެން، މުޖުތަމައުގެ ލޯތްބާއި އިތުބާރުވެސް ލިބިގެން، އެކަމަކަށް އަޅުގަނޑުމެން މިތެދުވަނީ. މިކަމަށް އެންމެންގެ އެއްބާރުލުންވެސް ބޭނުން."

ކޮންމެއަކަސް ހުޅުދޫގެ ޒުވާނުން އިސްނަގައިގެން ހިންގުމުގެ މަސައްކަތް ފަށާފައިވާ، "ރިކަވަރީ ކެއާ" އަކީ މުސްތަގުބަލުގައި ދިވެހިންނަށް އޭގެ ފައިދާ ކުރާނެ، ޖަމިއްޔާއަކަށް ވާނޭކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.