ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަން ނިންމުމުން، އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، އަހުމަދު ސައީދު އަލީ މަގާމުން އިސްތިއުފާދެއްވައި އެ ކޮމިޝަނަށް މިއަދު ސިޓީ ފޮނުއްވާފައިވާ ކަމަށާއި މާދަމާއިން ފެށިގެން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ.

ޖޭއެސްސީން މިއަދު ވަނީ އަހުމަދު ސައީދު އަލީ، މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާ ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާއެއް ތަހުގީގުކުރަން ނިންމައިފައެވެ. އެ ނިންމުން ނިންމާފައި ވަނީ އޯގަސްޓް 24 ބޭއްވި މައްސަލަތައް ބަލާ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ވެސް އަހުމަދު ސައީދު އަލީގެ ސްލޫކީ މައްސަލައެއް ބަލައިފައެވެ.

އެ މައްސަލައަކީ ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރު އޮފީސްތައް ބަންދުކުރި ދުވަސްވަރު މެދުނުކެނޑި ކޯޓުތަކުން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމުން އެ އުސޫލާ ހިލާފުވި މައްސަލައެކެވެ.

އަހުމަދު ސައީދު އަލީ އަކީ ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގީ ކޮމިޓީގެ މެމްބަރެކެވެ.