ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އަދި އުންމީދީ ޒުވާން އެތުލީޓް އިބާދުﷲ އާދަމް އިތުރު ތަމްރީނުތަކަށް ޖެމެއިކާއަށް ފޮނުވަން އެތުލެޓިކްސް އޮސޯސިއޭޝަނުން ނިންމައިފިއެވެ.
ތަމްރީނުތަކަށް ހިމްނާ އާއި އިބާދުﷲއަށް ފުރުސަތު ފަހިވެފައިވާ އިރު، އެސޯސިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި ދެ އެތުލީޓުންވެސް ޖެމެއިކާގައި ތަމްރީނު ފުރިހަމަ ކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ހިމްނާ ޖެމެއިކާގައި ތަމްރީނު ފުރިހަމަ ކުރާނީ އޮލިމްޕިކްސް ކޮމިޓީގެ ހާއްސަ އޮލިމްޕިކްސް ސްކޯލާޝިޕްގެ ދަށުންނެވެ. އިބާދުﷲގެ ތަމްރީނުތަކަކީ ޔޫތު މިނިސްޓްރީގެ ހާއްސަ ސްކޯލާޝިޕެކެވެ.
އިބާދުﷲ އާއި ހިމްނާ ޖެމެއިކާއަށް ފުރާނެ ތާރީހެއް އަދި ޔަގީންވެފައެއް ނުވެއެވެ. އެސޯސިއޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ވިސާގެ ކަންކަން ނިންމައި، އެންމެފަހުގެ ތައްޔާރީތައް ކަމަށެވެ. ޖެމެއިކާގައި ދެ އެތުލީޓުންވެސް ތަމްރީނު ފުރިހަމަ ކުރާނީ ސްޕްރިންޓެކް ޓްރެކް ކްލަބުގައެވެ.
ސްޕްރިންޓެކް ޓްރެކް ކްލަބަކީ ދުނިޔެއަށް މަޝްހޫރު އެތުލެޓިކްސް ކޯޗު މައުރީސް ވިލްސަންގެ ކްލަބެކެވެ. އޭނާއަކީ މިހާރުވެސް ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސްޕްރިންޓް ޓީމު ކަމަށްވާ ޖެމެއިކާގެ ގައުމީ ސްޕްރިންޓް ޓީމުގެ ޓެކްނިކަލް ޑިރެކްޓަރެވެ. ރަނގަޅު ފެންވަރުގެ އެތުލީޓުން އުފެއްދުމުގެ ގާބިލުކަން ފުރިހަމައަށް ލިބިފައިވާ ސްޕްރިންޓެކަކީ ކާމިޔާބު އެތުލީޓުންގެ ތަމްރީނުތައްވެސް ފުރިހަމަ ކޮށްފައިވާ ކްލަބެކެވެ.
އެގޮތުން 2001 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދި ކްރިސްޓޮފާ ވިލިއަމްސް އާއި އެ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ 200 މީޓަރުގެ ރޭހުން ރިހި މެޑަލް ހޯދި މައިކަލް މެކްޑޮނަލްޑްއަކީވެސް ސްޕްރިންޓެކް ކްލަބުގެ އުފެއްދުންތަކެވެ.
ހިމްނާ އާއި އިބާދުﷲ އަކީ ރާއްޖޭގެ އެންމެ އުންމީދީ ދެ އެތުލީޓުންނެވެ. އުމުރުން އެންމެ 20 އަހަރުގެ ހިމްނާއަކީ މިހާރު ރާއްޖޭގެ 100 މީޓަރު އަންހެން ގައުމީ ރެކޯޑާއި 200 މީޓަރުގެ އަންހެން ގައުމީ ރެކޯޑު އަދި 400 މީޓަރުގެ އަންހެން ގައުމީ ރެކޯޑުވެސް ދަމަހައްޓަމުން އަންނަ އެތުލީޓެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ހިމްނާ އޭނާގެ 400 މީޓަރު ގައުމީ ރެކޯޑު އާކުރި އިރު، 200 މީޓަރު ގައުމީ ރެކޯޑާއި 100 މީޓަރުގެ ގައުމީ ރެކޯޑު އޭނާ މުގުރާލީ މިދިޔަ މަހުގެ ތެރޭގައެވެ. ތުރުކީގައި އޮތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ހިމްނާ 200 މީޓަރުގެ ރެކޯޑު މުގުރާލި އިރު، އޭގެ ކުރިން ބާމިންހަމްގައި އޮތް ކޮމަންވެލްތު ގޭމްސްގައި އޭނާ ވަނީ ޒަމާންވީ 100 މީޓަރު ރެކޯޑު މުގުރާލައި، ތަފާތު ދައްކައިފައެވެ.
އިބާދުﷲއަކީ ގައުމީ 100 މީޓަރުގެ ފިރިހެން ޖޫނިއާ ރެކޯޑު އޮންނަ އެތުލީޓެވެ. އަދި މިވަގުތު ހަސަން ސާއިދު ނަގާފައި ރާއްޖޭގައި ހުރި އެންމެ ބާރު ފިރިހެން ސްޕްރިންޓް ދުވުންތެރިޔަކީވެސް އިބާދުﷲ އެވެ. އޭނާ ވަނީ އެންމެ ފަހުން ބޭއްވި ގައުމީ އެތުލެޓިކްސް މުބާރާތުގައިވެސް ސާއިދުގެ ފަހަތުން 200 މީޓަރާއި 100 މީޓަރު ރޭސްތަކުގައި ރިހި މެޑަލް ހޯދައިފައެވެ.
އިބާދުﷲގެ ފަރާތުން ސޮލިޑާރިޓީ ގޭމްސްގައިވެސް ބޮޑެތި ކުރިއެރުންތަކެއް ފެނިފައިވާ އިރު، ހީޓްތަކުގައި ވާދަކޮށް އޭނާ ވަނީ 200 މީޓަރުގެ ސެމީ ފައިނަލް އިވެންޓްގައިވެސް ވާދަކޮށްފައެވެ.
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދުވެސް މީގެ ކުރިން ޖެމެއިކާގައި ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ އިރު، ޖެމެއިކާއަކީ ދުނިޔޭގެވެސް އެންމެ މޮޅެތި ދުވުންތެރިން ނިސްބަތްވާ ގައުމެވެ. އެގޮތުންވެސް އެންމެ ފާހަގަކޮށްލެވެނީ މިވަގުތުވެސް 100 މީޓަރާއި 200 މީޓަރުގެ ދުނިޔޭގެ ރެކޯޑު އޮތް އުސައިން ބޯލްޓެވެ. ބޯލްޓަކީ މިހާތަނަށް ދުނިޔެ ދުއް އެންމެ ބާރު ދުވުންތެރިޔާއެވެ. އޭނާއަކީވެސް ޖެމެއިކާއަށް ނިސްބަތްވާ އެތިލީޓަކަށްވީ އިރު، ޖެމެއިކާއަކީ މިހާރު އެންމެ ވަރުގަދަ އެތުލީޓުން ތަމްރީނުވަމުންދާވެސް ގައުމެކެވެ.