ޚަބަރު

ގްރީން ޓެކްސްގެ ގޮތުގައި ނެގި ފައިސާ ދައުލަތަށް ދައްކާކަށް ގާނޫނުގައި ނުހިމެނޭނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި، ގާނޫނަށް އައި ބަދަލަކާ ގުޅިގެން ގްރީން ޓެކްސް ނެގުން ހުއްޓާލާފައިވާ މުއްދަތުގައި އެ ޓެކްސްގެ ގޮތުގައި ނަގާފައިވާ ފައިސާ ދައުލަތަށް ދައްކަންޖެހޭ ގޮތަށް ހިމަނާފައިވާ މާއްދާއަކީ ގާނޫނުގައި ހިމެނޭނެ މާއްދާއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، އެ ބިލުގެ ބަހުސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދަނިކޮށް، އެކަން މަޖިލިސް މެންބަރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅީ، މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު ތަސްދީގުކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ގްރީން ޓެކްސް ނަގަން ފެށޭނީ 2023ގެ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް އޮތުމުން ކުރިން ނަގަމުން އައި ޓެކްސް ނެގުން ހުއްޓުމުންނެވެ.

އެ އިސްލާހާއެކު މީރާއިން ބުނެފައި ވަނީ، އެ މާއްދާ އޮތް ގޮތުން ގްރީން ޓެކްސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ގްރީން ޓެކުހުން ދައުލަތަށް ލިބެންޖެހޭ އާމްދަނީން 300 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ. އެހެންކަމުން ތިނެއް ޖުލައިން ފެށިގެން އަންނަ ޖެނުއަރީމަހު، ގްރީން ޓެކްސް ނެގުމާ ހަމައަށް މިދާ މުއްދަތުގައި ނަގަންޖެހޭ ގްރީން ޓެކްސް މި އިސްލާހާ ގުޅިގެން ދައުލަތަށް ނަގާނެއެވެ.

ދައުލަތުން މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައި ވަނީ، އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ގްރީން ޓެކްސް ނަގަން ފަށަންދެން ކުރިން ނަގަމުންދިޔަ ގްރީން ޓެކްސް ނެގެމުންދާނެކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކުރުމަށާއި އެ ނޫންވެސް އެކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ކަމަށެވެ.

އެގޮތުން ގާނޫނުގެ 35 ވަނަ މާއްދާއަށް ގެނައި އިސްލާހުތަކުގެ ގޮތުގައި ބިލުގައި ހިމަނާފައި ވަނީ، ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދު ފަހަރާއި އެ ނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުން އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އެއިން ކޮންމެ މީހަކަށް ހަ ޑޮލަރުުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ތިން ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނެގޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މާއްދާގެ ދަށުން ނަގާ ޓެކްސް ޓޫރިސްޓުންގެ އަތުން ނަގައި ދައުލަތަށް ދެއްކުމަކީ އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އެގޮތުން ތިނެއް ޖުލައިން ފެށިގެން މި އިސްލާހު ފާސްވެ އަމަލުކުރުމާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރިތަނެއް ހިންގާ ފަރާތަކުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި އިސްލާހާ ގުޅޭ ގޮތުން މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުގައި ކުށެއް ކަަމަށް ކަނޑައެޅިފައިނުވާ ކަމެއް ފަހުން ހަދާ ގާނޫނަކުން އަދަބު ނުލިބޭނެ ކަމަށް ގާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.

"އެހެންކަމުން މިހާރު ތިބޭފުޅުން މިތަނަށް ހުށަހަޅުއްވާފައިވާ ގާނޫނުގައި އަޅުގަނޑަށް ފެންނަ ތަނުގައި ތިޔަ ވިދާޅުވަނީ ކުރީގައި ކޮށްފައި އޮތް ކަމެއް އެހެން ގޮތަކަށް ހެދުމަށްޓަކައި އެކަން ހިނގައިދިޔަ ފަހުން ގާނޫނެއް ހައްދަވަން، މި ގާނޫނުގައި އަޅުގަނޑު ދެކޭ ގޮތުގައި މި މާއްދާއެއް ނުހިމެނޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.