ޚަބަރު

ބޯޑުގެ މަޝްވަރާއާ ހިލާފަށް ފުލުހުން ގަވާއިދު ހެދި މައްސަލަ ބަލަން ބޭއްވި ބައްދަލުވުން ސިއްރު

އިބްރާހިމް ޒަކީ

ޕޮލިސް ބޯޑުން މަޝްވަރާ ދިން ގޮތާ ހިލާފަށް ފުލުހުން ދެ ގަވާއިދެއް ހެދި މައްސަލަ ބެލުމަށް ޕޮލިސް ބޯޑު ހާޒިރުކޮށްގެން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މި މައްސަލައަކީ ޕޮލިސް ބޯޑުން އެ ކޮމިޓީއަށް ހުށަހެޅި މައްސަލައެކެވެ. 241 ކޮމިޓީންގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ ދެ ގަވާއިދަކީ ފުލުހުންގެ ރިޓަޔަަމަންޑް ގަވާއިދާއި ފުލުހުންގެ ރޭންކުގެ ކުރިއެރުމާއި ރޭންކު ދަށްކުރުމާއި ޝަރަފުގެ ނިޝާންދިނުމާބެހޭ ގަވާއިދު ކަމަށެވެ.

މި މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅީ، ޕޮލިސް ބޯޑުގެ ފަރާތުންނެވެ. ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް އެދި ހުށަހަޅަމުން އެ ބޯޑުގެ ފަރާތުން ބުނީ، މި މައްސަލާގައި ކޮމިޓީއާ ހިއްސާކުރާ ބައެއް މައުލޫމާތުތަކަކީ އެ މައުލޫމާތުތައްް އާއްމުވެގެން ދިއުމުން ރަނގަޅަށްވުރެ ބޮޑަށް ނުރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމެއް ކަމަށެވެ. އެހެންކަމުން މަސްލަހަތަށްޓަކައި ބައްދަލުވުން ސިއްރު ކޮށްދިނުމަށް އެދުނެވެ.

އެ ބޯޑުގެ އެދުމުގެ މަތިން ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމެވެ. ތާއީދުކުރެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

އެ ހުށަހެޅުމާއެކު ކޮމިޓީ ބައްދަލުވުުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ ބައްދަލުވުން ސިއްރުކުރުން ފާސްކުރިއެވެ.