މަސްވެރިކަމުގެ ލައިސަންސަށް ނަގަމުން އަންނަ ފީ، ފިޝަރީޒް މިނިސްޓްރީން ކުޑަކޮށްފިއެވެ.

މަސްވެރިކަމުގެ ލައިންސަށް ނަގަމުން އަންނަ ފީ ކުޑަކޮށްފައި ވަނީ، ކަނޑުމަހުގެ މަސްވެރިކަން ހިންގައި ބެލެހެއްޓުމާ ގުޅޭ އާ ގަވާއިދުގެ ދަށުންނެވެ.

މި ގަވާއިދުގައިވާ ގޮތުން ކަޅުބިލަ މަހުގެ ދޮށީގެ މަސްވެރިކަން ނުވަތަ ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރު 15 މީޓަރަށްވުރެ ކުޑަނަމަ އެއް އަހަރު ދުވަހުގެ މުއްދަތަކަށް 500 ރުފިޔާ ނަގައި އިރު، އެއަށްވުރެ ބޮޑު އުޅަނދުތަކުން ނަގާނީ އަހަރަކަށް 1،500 ރުފިޔާއެވެ.

މި ދެބާވަތުގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން 15 މީޓަރަށްވުރެ، ކުޑަ އުޅަނދުތަކުން އަހަރަކަށް 500 ރުފިޔާ ނަގައި އިރު، އެއަށްވުރެ ބޮޑު އުޅަނދުތަކުން އަހަރަކަށް 1،800 ރުފިޔާ ނަގާނެއެވެ.

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރު 85 ފޫޓަށްވުރެ ބޮޑު ނަމަ މީގެ ކުރިން ނަގަނީ އަހަރަކަށް 3،600 ރުފިޔާއެވެ. ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަންކުރާ އުޅަނދު ފަހަރު 85 ފޫޓަށްވުރެ، ކުޑަ ނަމަ ނަގަނީ 1،800 ރުފިޔާއެވެ.

އެކްސްޕޯޓުކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަން ކުރާ އުޅަނދުތަކާއި ހަމައެކަނި ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން 15 މީޓަރަށްވުރެ ކުދި އުޅަނދުތަކުން އަހަރަކަށް ނަގާނީ 125 ރުފިޔާއެވެ. އެއަށްވުރެ ބޮޑު އުޅަނދުތަކުން އަހަރަކަށް 250 ރުފިޔާ ނަގާނެއެވެ.