(29 އޯގަސްޓުގެ އަދަދާ ގުޅޭ)

ޢަރަބި ޤައުމުތަކުގެ ދީނީ ޚިޔާލުގެ ހެޔޮކަމުގެ އަހްލުވެރީން އެބަޔަކާ ދެކޮޅަށް ތެދުވި އަމީރުންނަކީ އަމިއްލަ އެދުންފުޅުގެ އަސީރުންނެވެ. އިސްލާމީ ޝަރީޢަތް ހިންގެވުމަށް އިންކާރުކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުން އެބޭފުޅުންގެ ވެރިކަން ހައްދަވައިފައިވަނީ ލާދީނީ ދައުލަތްތަކަކަށެވެ. ވަރަށްގިނަ ޢަރަބި ޤައުމުތަކުގައި ރާޚާނާތަކާއި ޖުވާޚާނާތަކާއި ހަށިވިއްކާ ތަންތަން ހުންނަނީ ޗާލޫވެފައެވެ. ފުޖޫރާއި ފުސޫޤުގެ ބާޒާރު އޮންނަނީ ނުހަނު ބާރަށް ލޭންދޭން ކުރެވިކުރެވިއެވެ. ސަރުކާރީ ނޫސްވެރިކަމާއި އިލެކްޓްރޯނިކް މީސްމީޑިޔާގެ ޒަރީޢާއިން ހެސްކިޔައިފައި ފަތުރަނީ ފާފަވެރިކަމެވެ. އުރެދުމެވެ. ރިބާ ހުއްދައެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން ގޮވައިލާ މީހުންގެ ބޯމައްޗަށް ކުދިކުދިކޮށް އޮއްސައިލައި އަނިޔާވެރިކަމުގެ އުސްފަރުބަދަތަކެވެ. ކަށީގެ މަދުން ހިތްވަރުލައިގެން މަސައްކަތްކުރަނީ އިސްލާމީ ޚިޔާލުގެ ބައެއްގެ ހިޔަނިވެސް ވެރިކަމުގެ ގަނޑުވަރުތަކާ ހަމަޔަށް ފޯރިޔަނުދިނުމަށެވެ. ދީނީ މީހުން ފުރޭމުކޮށްގެން ދޮގު މައްސަލަތައް އުފައްދައި ތަޙްޤީޤުކޮށް ޝަރިޔަތް ހިންގަމުން ގެންދެއެވެ. ހަށިތަކުގެ ކޮށިތަކުގައި ފުރާނަތަކަށް ހިފަހައްޓައިނުލެވޭވަރުގެ ހިތެއް ފިތެއްނެތް އަދަބުތައް ދެމުންގެންދެއެވެ. ގޮތްކިޔައިދެނީ ޔަހޫދީންނާއި ނަޞާރާއިންނާއި ހިންދީންގެ ތަޖްރިބާކާރުންނެވެ. އެޤައުމުތަކުގެ ވެރީންނަކީ ބޮޑެތި ބާރުތަކުގެ ހޭމަތަކެކެވެ. ހައްތާވެސް ހިލޭމީހުންގެ ގޮނޑިކޮއްކޮ ސަރުކާރުތަކެވެ. ފަލަސްޠީނުގެ ބިމާއި އެތާނގެ ރައްޔިތުންނަކީ ޢަރަބިވެރީންގެ ވިޔަފާރި މުދަލެވެ. ޢަރަބިވެރީންނަކީ ހުޅަނގުގެ ތަހްޒީބާ ހިތްޕުޅާވެފައި ތިއްބަވާ ވެރީންނެވެ. އިސްރާއީލުގެ ވެރީންނާއި ޢަރަބި ވެރީންނަކީ "ނިބޫ ކުދިން" ނެވެ. އެއްލިބިލެއްގެ ބޭފުޅުންނެވެ. އެބޭފުޅުންގެ ހިތްޕުޅު ދެއްވިފައިވަނީ ހުޅަނގުގެ ތަހްޒީބަށެވެ. އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިންތަކަކާ އެބޭފުޅުން ރުހިވަޑައެއް ނުގަންނަވައެވެ. މުޅި އިސްލާމީ ދުނިޔެއަށް ވިސްނާއިރުވެސް ސިޔާސަތާއި ވެރިކަން ހިންގުމުގެ ދާއިރާގައި އިސްލާމްދީނާއި އިސްލާމީ ނިޒާމު ބާރުވެރިކުރެވިފައިވާތީއެއް ނުފެނެއެވެ. އިސްލާމްދީން ނެގެހެއްޓިފައިވަނީ ހުސްއެކަނި މިސްކިތްތަކުގެ މިހްރާބުގެތަކާއި މިންބަރުތަކުގައެވެ. ޚާލިޞް އިސްލާމީ ވިސްނުމުގެ ޚާއްޞުންނާއި ޢާންމުން ތިބީ ޤައުމުތަކުގެ މިޙާލަތާމެދު ހިތާމައާއި މޮޅިވެރިކަމާއި ފިކުރު ބޮޑުވުމުގައި ހައްޔަރުވެފައެވެ. އިސްލާމީ ފިކުރުގެ ޚާއްސުންނާއި ޢާންމުން އިޞްލާޙީ ޙަރަކާތްތައް ފަށައިގަތެވެ. މިސުރުގެ އިސްލާމީ ޚިޔާލުގެ މީހުންނަށް ސަރުކާރެއް އުފެއްދުމާ ހަމަޔަށް އާދެވުނީ ދަހަރުތަކެއްގެ ޤުރްބާނީތަކަކަށްފަހުގައެވެ. ނަމަވެސް އެބައިމީހުން އުފެއްދި ސަރުކާރުވަނީ މަކަރުވެރި ނުބައި ރޭވުމެއްގެދަށުން ވައްޓައިލައިފައެވެ. އެކަމާ އިޙްތިޖާޖުކުރި މުޒާހިރީންވަނީ ޤަތުލުޢާންމެއް ހިންގައި ކަތިލައިފައެވެ. މިސްކިތްތަކަށްވަދެ ރައްކައުތެރިވި މީހުންނަށްވެސް ޙިމާޔަތެއް ނުލިބުނެވެ. ރާބިޢާޢަދަވިއްޔާގައި އެކަނިވެސް ދިހަހާސް މީހުންނަށް ސީސީއަށް ފުރާނަ ވެދުމަށްއަރުވާން ޖެހުނެވެ. ގޭގައި މަޑުމަޑުންތިބި މީހުންވެސް ގެއިން ނެރެގެން ގެންގޮސް ޖަލުތަކަށްއަޅައި ފުރައިލިއެވެ. އިހާނެތި އަދަބުތައްދީ އަނިޔާކުރިއެވެ. ސީސީގެ ޖަލުތަކުގައި ދިރިތިބީންނަށްވުރެ ނަސީބުވެރިކަމުގައި ބެލެވެނީ އަވަހަށް މަރުވެދިޔަ މީހުންނެވެ.

އަނިޔާވެރިކަމާއި ވަޙްޝީކަމުގައި عــبـــدالــفـتّــاح السّـيـــســى އަށްވުރެ ކުރިއަށް ނުކުމެވަޑައިގެން ހުންނެވީ بـشّـــارالأســـــد އެވެ. މިސުރަށްވުރެވެސް ސޫރިޔާގައި އަނިޔާވެރިކަމުގެ ކަނޑު މާބޮޑަށް ކެކިއުތުރިއެރިއެވެ. ޖައްބާރުކަމާއި ރަޙުމު ކުޑަކަން މާބޮޑަށް މައްޗަށްދިޔައެވެ. އެ އަނިޔާއާއި ބޭއިންސާފާއި ގޮށްމުށުބާރާއި ގަދަބަދަވިކަމުގެ ބަދަލުހިފުމަށްޓަކައި މިސުރާއި ސޫރިޔާގެ ޝަހީދުންގެ ފަހުތިބީންނަށް އެދެ ޤައުމުގެ ސަރުކާރުގެ ލަޝްކަރުތަކާ ކުރިމަތިލާންޖެހުނެވެ. އެދެ ސަރުކާރަކީވެސް ދެމިއޮތުމުގެ ޝަރުޢީ އެއްވެސް ޙުއްޖަތެއްނެތް ދެ ސަރުކާރެވެ. މިސުރާއި ސޫރިޔާގައި އިންޞާފާއި ޙައްޤު ދަމަހައްޓާން ބޭނުންވާ ފަރާތްތަކަށް ސިފައިންނާ ކުރިމަތިލާންޖެހުނީ އެހައިތަނުންނެވެ. ހަތިޔާރު ބޭނުންކުރާންޖެހުނީ ދަގަނޑުން ދަގަނޑު ކެނޑުމަށްޓަކައެވެ. މިދެންނެވި މަޖުބޫރީ ޙާލަތުގައިތިބި ރައްޔިތުންތައް އަނިޔާވެރި ވެރިކަމާ ކުރިމަތިލުމުން މިސުރާއި ސަޢޫދިއްޔާގެ މުފުތީން ތެދުވެވަޑައިގެންނެވީ އެ ޙަރަކާތާ ދެކޮޅަށެވެ. ޙިމާޔަތްކުރެއްވީ އަނިޔާވެރި ދެ ސަރުކާރުގެ މައުޤިފެވެ. ރައްޔިތުންގެ ތަޙްރީކުގެ ޙަރަކާތްތަކަކީ އިސްލާމްދީނުން އެއްކިބާވެފައިވާ ޙަރަކާތެކޭ މުފުތީން ވިދާޅުވުމަކީ ޚުދު އޭގެ ޒާތުގައިވެސް އަނިޔާއެކެވެ. އެ ޙަރަކާތަކީ "ވަރަށް ބޮޑު ގެއްލުމެއްކަމަށާއި އަވަށްޓެރީން ހޭނެކަމެއް" ކަމުގައި ވިދާޅުވިކަމީ ކޮޅެއްނެތްހައި ހިތާމަހުރި ކަމެކެވެ. "ސަރުކާރާ ދިމާކުރެވޭހައި ބާރެއް ނެތްހިނދު ހިމޭނުން ތިބޭށޭ ތިމާމެންގެ ފުރާނަ ނުރައްކަލަށް ހުށަނާޅާށޭ" ވިދާޅުވެ، ފޮތްތަކާއި މަޒުމޫނުތައް ލިޔުއްވިކަމީ ހިތާމަކުރާންޖެހޭ ކަމެކެވެ.

ސޫރިޔާގައި ކަންހިނގައިފައިވާ ގޮތާމެދު ބަލައިލާއިރު މިނިވަން މުޖާހިދުން ޤައުމުގެ ވަރަށްބޮޑު ބައެއް بـشّـــار ގެ މުށުތެރެއިން ފިރުކައިގަތެވެ. އަނިޔާވެރި بـشّـــار އަކީ ދުވަސްކޮޅެއްގެ މެހްމާނެއްކަމުގައި ބެލެވޭވަރަށް އޭނާ ކަމީނާވިއެވެ. މިނިވަން ޙަރަކާތް ކުރިއެރިއެވެ. ކާމިޔާބުވިއެވެ. ނަމަވެސް ހިތާމަޔަކީ އީރާނުން ފާޅުގައި ޢަސްކަރީ ބާރުގެ ބޭނުންކޮށްގެން މިނިވަން މުޖާހިދުން ތަޅައިޗިސްކޮށްލިކަމެވެ. މިނިވަން މުޖާހިދުން ވެރިކަމުގެ ކިއްލާއާ ދިމާޔަށް ކުރިއަރަމުންދިޔަ ކުރިއެރުން ހުއްޓުވައިލިކަމެވެ. އެހައިތަނުން ދުނިޔޭގެ ބޮޑު ބާރެއްކަމުގައިވާ ރޫސީވިލާތުންވެސް ފާޅުގައި މައްސަލައިގެ ތެރެއަށްވަދެ މިނިވަން ރައްޔިތުންގެ ކާމިޔާބީ ނާކާމިޔާބީއަށް ބަދަލުކޮށްލިކަމެވެ. އެހެންކަމުން بـشّـــارالأســـــد އާ ދެކޮޅަށް ނުކުތްމީހުން ހެދީ ގޯހެކޭ ބުނުމަކީ އަދި މާބޮޑު ގޯހެކެވެ. މާބޮޑު ބޭއިންސާފެކެވެ.

މިސުރުގައި حـسنِـى مـبــارك، އާ ދެކޮޅަށް އިޚްވާނުން ތެދުވިތެދުވުމަކީވެސް ސަރުކާރުގެ މުފުތީންގެ ނަޒަރުގައި ގޯސްކަމެކެވެ. އިޚްވާނުން ޖުމްހޫރީ ހަމަތަކުގެމަތީން އިންތިޚާބު ކާމިޔާބުކޮށް ސަރުކާރެއް އުފެއްދުމުން އެކަންވެސްވީ ބޮޑެތި ބާރުތަކުގެ ފުރާނަޔަށް ދަތިވިކަމެއް ކަމުގައެވެ. ނަތީޖާއަކީ އިޚްވާނުންގެ ސަރުކާރާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގެ ނުބައި ރޭވުންތަކެއް ރާވައިލުމެވެ. އެނުބައި ރޭވުމުގެ ރާޒުވާގައި މަނާތަކަކަށް ހަދައިލީ ގަލްފުގެ ޢަރަބި ދައުލަތްތަކެވެ. ޢަރަބި ސަރުކާރުތަކުން ބިރުގަތީ އިސްލާމީ ސިޔާސީ ނިޒާމުގެ މަނަސް ހިނގާގޮތް ވެއްޖެކަމުގައިވާނަމަ އަވަހަށް ނުވަތަ ލަހުން ނަމަވެސް އެބައިމީހުންގެ ޢައްޔާޝީ ހާލިތަކަށް އޭގެ އަސަރު ފޯރަފާނެތީއެވެ. ޝައްކެއްނެތެވެ. "ދަށުގައި އޮންނަ އަތުގެ" ވެރީންނަކަށް ޙައްޤު ބަހެއް ނުބުނެވޭނެއެވެ. ފުއްދުންތެރިކަމުގެ ސިފަލިބިފައިވާ މީހަކަށްމެނުވީ ބިރުކަނޑައިލައިފައި ވާހަކައެއް ނުދެއްކޭނެއެވެ. ޢިލްމުވެރީންނަށް ދިމާވާ މައްސަލައަކީ މިއީއެވެ. ޢިލްމުވެރީން އެބޭކަލުންގެ މަޤާމާއި ދަރަޖަތަކަށް ފަރުވާލެއް ނުބަހައްޓަވައެވެ.

އިންސާނާގެ ފިޠުރަތު ސަލާމަތުން ހުރިކަމުގައިވާނަމަ އޭނާ އަނިޔާއާއި ބޭއިންސާފަކީ ރަނގަޅުކަމެއް ކަމަކަށެއް ނުދެކޭނެއެވެ. އޭނާ އެއީ ރަނގަޅުކަމެއް ނޫންކަމުގައި ހުސްއެކަނި ވިސްނާނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ ނުބައިކަންކަމާ ދެކޮޅަށް ތެދުވެ މޭމަތި އައްޑަނަޔަކަށް ހަދައެވެ. އަނިޔާގެ ކުރިމަތީގައި ނިވާފަތްގަނޑުތައް ބެހެއްޓޭތޯ މަސައްކަތްކުރެއެވެ. އަނިޔާވެރިކަމާ ރުހިގެން ތިބުމަކީ އިންސާނީ ކަރާމާތާ ގުޅޭކަމެއް ނޫނެވެ. އެއީ އަޅުވެތިކަމުގެ ވިސްނުމެކެވެ.

މިސުރާއި ސޫރިޔާގެ ހިތްވަރުގަދަ މުސްލިމު ޒުވާނުން އެބައިމީހުންގެ ލެއިން އަގުދައްކައިގެން އުންމަތުގެ ޒަމީރު ދިރުވައިދެމެހެއްޓިއެވެ. إمــــام حسيـن رضــى اللّــه عــنـــه ކަރުބަލާގެ މައިދާނުގައި އެކަލޭގެފާނުގެ ލޭފޮދުން އަގުއަދާކުރައްވައިގެން އުންމަތުގެ ޒަމީރު ޤިޔާމަތާ ހަމައަށް ދިރުއްވައި ދެމެހެއްޓެވި ފަދައިންނެވެ. އިންސާނީ ތާރީޚުގެ އެންމެ އަސަރުގަދަ ބާބުތަކަކީ ޙައްޤު ޙިމާޔަތްކުރުމުގެ ވާހަކަ ލިޔެވިފައިވާ ބާބުތަކެވެ. ޙައްޤު ދިފާޢުކުރުމުގެ ވާހަކަތައް ބަޔާންކޮށްފައިވާ ބާބުތަކެވެ. އެމަސައްކަތުގައި މާލީ އަދި ޖާނީ ބޮޑެތި ގެއްލުންތައް ބަރުދާސްތުކުރި ހިތްވަރުގަދަ ދަރީންގެ ވާހަކަތަކެވެ. އިންސާނާގެ ހަށިގަނޑުގެ ތަނެއް އުމަގުވެއްޖެކަމުގައިވާނަމަ އެތަނެއް ފަސޭހަކުރުމަށްޓަކައި އެންޓިބައިޓިކް ބޭސްތައް ބޭނުންވެއެވެ. ހަމައެފަދައިން އިންސާނުންގެ އިޖްތިމާޢީ ޙަޔާތުގައިވެސް އަނިޔާއާއި ގޮށްމުށުބާރުގެ ބަލިމަޑުކަމަކާ ކުރިމަތިވެއްޖެކަމުގައިވާނަމަ އެކަމުގައިވެސް ފަރުވާއެއްގެގޮތުން ބާރުގެ ބޭނުންކުރާންޖެހެއެވެ. ޢަރަބި ދުނިޔޭގައި އިޙްތިޖާޖުތައް ފެށުނީ އެގޮތުންނެވެ.

ސަރުކާރުތަކުގެ ހަރުކަށިކަމާއި ލޭއޮހޮރުވުމުގެ ސަބަބުން ރައްޔިތުންގެ ޙަރަކާތްތައްވެސް ބައެއްފަހަރަށް ހަތިޔާރާއެކު ކުރާ ބަޣާވަތަކަށް ބަދަލުވެއެވެ. އަޅުގަނޑުމެންގެ ހަމްދަރުދީއާއި އިޙްތިރާމު ޙައްޤުވެގެންވަނީ މާތް اللّــه ގެ ދީނުގެ ޙުރުމަތާއި ކަރާމަތް ހިފެހެއްޓުމަށްޓަކައި ތިމާމެންގެ ލެއިން އަގުއަދާކުރާ މީހުންނަށެވެ. ޝައްކެއްވެސްނެތް އެއްމުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިޔެއް ނުވާނެއެވެ. އަނިޔާ ލިބޭކަށެއް ދޫކޮށެއް ނުލާނެއެވެ. އިސްލާމީ ނިޒާމު ޤާއިމުކުރުމަށްޓަކައި ޤުރުބާންވާ މީހުންނަކީ ހަމަމަގުން އެއްކިބާވެފައިވާ ބަޔަކުކަމުގައި އަޅުގަނޑުމެން ކަނޑައަޅާނަމަ އެކަންވާނީ ވަރަށްބޮޑު އަނިޔާއަކަށެވެ. ބޭއިންސާފަކަށެވެ.

ޢަރަބި ޤައުމުތަކާއި ޢަރަބިނޫން ބައެއް ޤައުމުތަކުގެ ޢިލްމުވެރީންކުރެ ބައެއް ބޭކަލުންގެ ޚިޔާލުފުޅަކީ އިޙްތިޖާޖުކުރުން ހުއްޓައިލަން ޢާންމުންނަށް ވިސްނައިދިނުމެވެ. ބޭއަދަބީ ކަމަކަށް ނުވާނެނަމަ ދަންނަވާނަމޭ އަޅުގަނޑުގެ ހިތަށްއަރައެވެ. އެންމެފުރަތަމަ ކުރާންވީކަމަކީ ޢިލްމުވެރީން ވެރީންގެ މުއްފަތުން އުޅުއްވުން ހުއްޓައިލެއްވުމެވެ. ޚުޝާމަދުކުރެއްވުމާއި އާދެ މަސާހިބު ވިދާޅުވުން ހުއްޓައިލެއްވުމެވެ. ޢިލްމުވެރީންގެ ވާޖިބަކީ ވެރީން ޖަވާބުދާރީކުރެއްވުމެވެ. މުސްލިމުންގެ ތާރީޚުވަނީ ޢިލްމުވެރީން ރަސްރަސްކަލުން ޖަވާބުދާރީކުރެއްވުމުގެ ރަން ޙާދިޘާތަކުގެ ވާހަކަތަކުން ފުރިފައެވެ. އެކަމަކު ޢިލްމުވެރީން މިހާރު ވަނީ އެމަގު ދޫކޮށްލައްވައިފައެވެ.

މަޝްހޫރު ތާބިޢީ ބޭކަލެއްކަމުގައިވާ طــاؤس يمــــانـــــى رحـمـه اللّــه، خـلـيفـــة هشــام بـــن عــبـــد المـلك ގެ އަރިހުގައި ވިދާޅުވިއެވެ. "އަޅުގަނޑު عــلـــى رضــى اللّــه عـــنــــه ވިދާޅުވާ އަޑުފުޅު އެހީމެވެ. ނަރަކައިގައި ފަރުބަދަތަކުގައި ކުރިއާ ހަމަޔަށް އެތަކެތީގެ ބޯ ފޯރާވަރުގެ ހަރުފަތައް އުޅެއެވެ. ބޮޑެތި ޙިމާރުތަކާ އެއްވަރުގެ ބިޗޫތައް އުޅެއެވެ. އެތަކެތި ތިބޭނީ ރައްޔިތުންނާމެދު އިންސާފުން އެއްކިބާވެ އަނިޔާވެރިވެވަޑައިގަންނަވާ ޙާކިމުންގެ ގައިކޮޅުގައި ދަތްއަޅައި ވިހަލާން ތައްޔާރުވެގެންނެވެ."

ޚަވާރިޖުންނާ ބެހޭގޮތުން މަޝްހޫރުކަމެކެވެ. އެބައިމީހުން އަބަދުވެސް ތިބެނީ އެވަގުތަކު ހުންނަވާ خـلـيفـــة އަކާ ދެކޮޅަށެވެ. خـلـيفـــة އާ ބައިވެރިވެ ޚަވާރިޖުންނާ ދެކޮޅަށް ހަނގުރާމަކުރުމާ ބެހޭގޮތުން إمــــام مـــالـك رحــمـه اللّــه ގެ އަރިހުގައި ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. "އެއް އަނިޔާވެރިޔަކު އަނެއް އަނިޔާވެރިޔެއްގެ ކިބައިން ބަދަލުހިފާން ދޫކޮށްލާށެވެ. އަދި މާތް اللّــه އެދެފަރާތުންވެސް ބަދަލުހިއްޕަވާނެއެވެ." إمــــام مـــالـك خـلـيفـــة އާ ބައިވެރިވެވަޑައެއް ނުގެންނެވިއެވެ.

خـلـيفـــة عــبــدالمـلـك بــــن مــــــروان އާ ދެކޮޅަށް ބަޣާވަތްކުރި ޚަވާރިޖުންނާ ބެހޭގޮތުން މުސްލިމުންގެ މަޝްހޫރު ޢިލްމުވެރިޔާ حـســن الـبصـــرى رحــمـه اللّــه އާ ސުވާލުކުރެވުނެވެ. حـســن الـبصـــرى رحــمـه اللّــه ޖަވާބު ދެއްވިއެވެ. "ދެފަރާތުންކުރެ އެއްފަރާތަކާވެސް ބައިވެރިނުވާށެވެ." ޝާމްކަރައިގެ މީހެއް އަނެއްކާވެސް ސުވާލުކުރިއެވެ. "أمـيـــــرالمــؤمــنــيـــن އާވެސް ބައިވެރިނުވާންވީތޯއެވެ؟ حـســن الـبصـــرى ކޯފާއިސްކުރައްވައިފައި ވިދާޅުވިއެވެ. "އާނއެކެވެ. أمـيـــــرالمــؤمــنــيـــن އާވެސް ބައިވެރިވާނެކަމެއްނެތެވެ."

خـلـيفـــة هــــارون الــــرّشـيـــد ގެ އެދިވަޑައިގެންނެވުމުގެމަތީން إمــام أبـــو يــوسف رحـمــه اللّــه ފޮތެއް ލިޔުއްވައިދެއްވިއެވެ. އެފޮތުގެ ނަމަކީ كـــتـــاب الخـــــــراج އެވެ. އެފޮތުގެ މުޤައްދިމާގައި ލިޔުއްވައިފައިވެއެވެ.

"أمـيـــــرالمــؤمــنــيـــن އެވެ! މާތް اللّــه މަނިކުފާނާ ޙަވާލުކުރައްވައިފައިވަނީ ވަރަށްބޮޑު ޒިންމާއެކެވެ. އެޒިންމާ އަދާކުރެއްވުމުގެ ދަރުމަ ވަރަށް ބޮޑެވެ. އެކަންކަމާމެދު ފަރުވާކުޑަކުރެއްވުމުގެ ފާފަވެރިކަންވެސް އެހައިމެ ބޮޑެވެ. މާތް اللّــه މަނިކުފާނު ލައްވައިފައިވަނީ މިއުންމަތުގެ ގޮތްވަކަށެވެ. ބެލެހެއްޓެވުންތެރިޔަކަށެވެ. އެކަމެއްގެ ބިންގަލަކީ މާތް اللّــه އަށް ބިރުވެތިވުން ކަމުގައިނުވާ އެއްވެސްކަމަކަށް ދެމިހުރުމެއް ނުލިބެއެވެ. އެހެންކަމުން އުންމަތަށް ހެޔޮއެދިވަޑައިގެންމެނުވީ އެއްވެސްކަމެއް ނުކުރައްވާށެވެ. ޙައްޤުތައް ޤާއިމުކުރެއްވުމާމެދު މަނިކުފާނު ޣާފިލުވެވަޑައިގެންހުންނަވައި އެންމެ ހިނދުކޮޅެއްވެސް ފާއިތުވެދިޔަ ނުދެއްވާށެވެ. މާތް اللّــه އެކަލާނގެ ރަސްކަންފުޅަށް ބިރުވެތިވާ މީހާ ސަލާމަތްކުރައްވައި ރައްކައުތެރިކުރެއްވުމުގެ ސަބަބުތައް މެދުވެރިކުރައްވައެވެ. ދުނިޔޭގެ މުޢާމަލާތަކަށްވުރެ އާޚިރަތާބެހޭ ކަންކަމަށް އިސްކަންދެއްވާށެވެ."

إمــــام غـــــزالــــى رحــمـه اللّــه ސަލްޖޫޤީ ދައުލަތުގެ ވަޒީރަކަށް ލިޔުއްވިއެވެ.

"މަޚްލޫޤުންގެ ޝަކުވާގެ އަޑުއެހުމަކީ އެންމެހައި އިންސާނުންގެ މައްޗަށް ވާޖިބުކަމެކެވެ. އަނިޔާވެރިކަންވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެކަންކަން ދުށުމުގެ ކުޅަދާނަކަމެއް އަހަރެންގެ ކިބަޔަކު ނެތެވެ. އަހަރެން ޠޫސު (ސަލްޖޫޤީ ދައުލަތުގެ އޭރުގެ ވެރިރަށް) ދޫކޮށްލައިފައި އައީ އެހެންވެގެންނެވެ. އަނިޔާކުރެވޭތަން ނުދުށުމަށްޓަކައެވެ. އެކަމަކުވެސް ބައެއް މުހުތާދުތަކުގައި އަހަންނަށް ޠޫސަށް ދާންޖެހެއެވެ. އަހަރެންގެ އަމިއްލަ ރަށްކަމުގައިވާތީއެވެ. އަނިޔާވެރިކަމުގެ އުޑި މިހާރުވެސް އެނބުރެމުންދާތަން ފެނުމުން އަހަރެން ވަރަށް މޮޅިވެއެވެ."

(ނުނިމޭ)