އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓޑުން އާސެނަލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗުގައި ވި ބައްޔަކީ މިހާތަނަށް މި ސީޒަނުގެ ލީގުގައި އާސެނަލް ވި ފުރަތަމަ ބައްޔެވެ. ރޭގެ މެޗަށް އާސެނަލް ނުކުތީ ފަސް މެޗުން ފަސް މޮޅު ހޯދައި، ލީގުގައި ޕޮއިންޓެއް ނުގެއްލި އޮތް ހަމައެކަނި ޓީމުގެ ގޮތުގައެވެ.

އާސެނަލްއާ ދެކޮޅަށް ރޭ ނުކުތް ޔުނައިޓެޑުން ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން ބަލިފައި އޮތް ނަމަވެސް، އޭގެ ފަހުން ކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ. ރޭ ހޯދި މޮޅާއެކު ހަ މެޗުން 12 ޕޮއިންޓް ހޯދައި، ޔުނައިޓެޑް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ނަމަވެސް އާސެނަލް ލީގު ތާވަލުގެ އެއްވަނައިގައި އޮތް އިރު، އެޓީމަށް ހަ މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މެޗުން މޮޅުވާން ފުރުސަތު އޮތް ނަމަވެސް، މޮޅު ނުވެވުނީ އެކަމަށް ހިތްވަރު ނުލެވުމުން ކަމަށެވެ.

"މެޗުން މޮޅުވެވެން ފުރުސަތު އޮތް. މެޗުން މޮޅު ނުވެވުނީ ބައެއް ހާލަތްތަކުގައި ޑިސިޕްލިން ނުހިފެހެއްޓުމުން. އަދި ލިބުނު ގިނަ ފުރުސަތުތަކެއް ގެއްލިގެންވެސް ދިޔަ. ވަރަށް ބޮޑަށް ހިތްވަރުލައިގެން ނޫނިއްޔާ ޔުނައިޓެޑް ކައިރީގައި މޮޅު ނުވެވޭނެކަން އެނގިއްޖެ. މެޗުން ލިބުނީ ފިލާވަޅެއް. މިތަނުގައި (ޔުނައިޓެޑް ދަނޑުގައި) މޮޅުވާނަމަ ހުރިހާ ކަމެއް ރަނގަޅަށް ކުރަން ޖެހޭނެ،" އާޓެޓާ ބުންޏެވެ.

އާސެނަލްއިން ރޭގެ މެޗަށް ނުކުތީ 1947 ވަނަ އަހަރުގެ ރަނގަޅު ރެކޯޑަކާ ހަމަކުރުމަށެވެ. ރޭގެ މެޗުން މޮޅުވެ، އާސެނަލްއަށް ސީޒަންގެ ފުރަތަމަ ހަ މެޗުން މޮޅުވާން ފުރުސަތު އޮތް އިރު، އެ ރެކޯޑަކީ 1947 އަހަރު އެ ކްލަބުން ހަދާފައިވާ ރެކޯޑެކެވެ. އޭގެ ފަހުން އަދި އާސެނަލްއަށް ފުރަތަމަ ހަ މެޗުން މޮޅުވެވިފައެއް ނުވެއެވެ.

ރޭ އާސެނަލް އާއި ޔުނައިޓެޑް ކުޅުނު މެޗުގައި ޔުނައިޓެޑުން ފުރަތަމަ ލީޑު ނެގީ އަލަށް ގެންދިޔަ ވިންގް އެންޓޮނީގެ ގޯލުންނެވެ. އޭގެ ފަހުން އާސެނަލްގެ ބުކަޔޯ ސަކާ ޖެހި ގޯލުން މެޗުގެ ނަތީޖާ ހަމަހަމަވި ނަމަވެސް މާކަސް ރަޝްފޯޑު ޖެހި ދެ ގޯލުން ޔުނައިޓެޑުން މޮޅެއް ޔަގީންކުރިއެވެ.