އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާ ޗެލްސީން ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ވީއޭއާރް އެހީގައި ރެފްރީ ނިންމި ނިންމުމާއި، ނިއުކާސަލްއާ ދެކޮޅަށް، އެޓީމުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވީއޭއާރް އެހީގައި ރެފްރީ ނިންމި ނިންމުންވެސް ގޯސް ކަމަށް ޕްރޮފެޝަނަލް ގޭމްސް މެޗު އޮފިޝަލް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ބުނެފިއެވެ.

ޕީޖީއެމްއޯއެލްއަކީ ޕްރިމިއާ ލީގުގެ މެޗުތައް އޮފިޝިއޭޓް ކުރާ އޮފިޝަލުންގެ ހުރިހާ ކަމެއް ބަލަހައްޓާ ހާއްސަ ބޯޑެކެވެ. އެ ބޯޑުން ރެފްރީންގެ ހުރިހާ ނިންމުންތަކެއް ރިވިއުވެސް ކުރާނެއެވެ. ފިޔަވަޅުތައް އެޅުމުގައި އެ ބޯޑުގެ ލަފާ ޕްރިމިއާ ލީގުން އަބަދުވެސް ހޯދާނެއެވެ.

ޗެލްސީއާއި ވެސްޓް ހަމް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-1 އިންނެވެ. އެ މެޗުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ވެސްޓް ހަމްގެ މެކްސްވެލް ކޯނެޓް ޖެހި ބޯޅައެއް ގޯލަށް ވަދެ ނަތީޖާ ހަމަހަމަވި ކަމަށް ބެލެވުނު ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ފަހިވުމުގައި ޖެރަޑް ބޮވެން ޗެލްސީގެ ގޯލަކީޕަރު އެޑުއާޑް މެންޑީއަށް ފައުލް ކޮށްފައިވާ ކަމަށެވެ.

އެ ނިންމުމަށް މެޗަށްފަހު ވެސްޓް ހަމްގެ ކޯޗު ޑޭވިޑް މޮޔެސްއާއި ކެޕްޓަން ޑެކްލަން ރައިސް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު، ޕީޖީއެމްއޯއެލްއިން ބުނެފައި ވަނީ ރެފްރީ ޖެރާޑް ގިލެޓް ނިންމި ނިންމުން ގޯސް ކަމަށެވެ. އެމައްސަލަ ބަލައި ފިޔަވަޅުތައް އެޅުމަށް ޕްރިމިއާ ލީގަށް އެހީތެރިވާނެ ކަމަށްވެސް ޕީޖީއެމްއޯއެލްއިން ބުނެފައިވެއެވެ.

ނިއުކާސަލްއިން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވި އިރު، އެ މެޗުގައި ނިއުކާސަލްއަށް ދޭން ޖެހޭ ގޯލެއް ނުދީ ވީއޭއާރް ރެފްރީ ލީ މޭސަން ނިންމި ކަމަށް ރެފްރީންގެ ބޯޑުން ވަނީ ބުނެފައެވެ. އެ ކަން ހިނގައި ދިޔަ ގޮތަށް ބަލާ އިރު، ހުރަސް ވެގެން ދިޔަ ބޯޅަ ގޯލަށް ވަނީ ޕެލެސްގެ ޓައިރިކް މިޗެލް ގައިގައި ޖެހިފައެވެ.

މެޗު ރެފްރީ މައިކަލް ސަލިސްބެރީ ވީއޭއާރް ރެފްރީ މިޗެލްއާ ވާހަކަ ދެއްކުމަށްފަހު ނިންމީ އެ ބޯޅަ ގޯލަށް ވަނީ ނިއުކާސަލްގެ ޖޯ ވިލޮކް ގޮސް ޕެލެސްގެ ގޯލްކީޕަރު ވިސެންޓެ ގުއިޓާ ގައިގައި ޖެހި ފައުލް ކުރުމުން ކަމަށެވެ. އެކަމަކު މަންޒަރު ފެންނަ ގޮތުގައި ވިލޮކް ގޮސް ގޯލްކީޕަރު ގައިގައި ޖެހުނީ މިޗެލް ކޮއްޕާލުމުންނެވެ.

އޭގެ އިތުރުންވެސް މިދިޔަ ހަފުތާ ތެރޭގެ މެޗުތަކުގައި ވީއޭއާރް ނިންމުންތަކަށް ފާޑު ކިޔާފައިވެއެވެ. ބޯންމައުތާއި ނޮޓިންހަމް ފޮރެސްޓް ވާދަކުރި މެޗެއްގައި ވީއޭއާރް ބަލަން އިރުޝާދު ދިން ނަމަވެސް އެ މެޗުގެ ރެފްރީ މައިކަލް އޮލިވިއާ ވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ. އަދި އޭގެ އިތުރުން ލީޑްސް ކޯޗު ޖެސޭ މާޝް ވީއޭއާރް ބޭނުންކުރަން ރެފްރީއަށް ޝަކުވާ ކުރުމުން އޭނާއަށް ލީޑްސް އާއި ބްރެންޓްފޯޑު ވާދަކުރި މެޗުގައި ރަތް ކާޑުވެސް ދައްކާފައިވެއެވެ.