ދިރާގު ޕޯސްޓް ޕެއިޑާއި މަންތުލީ ޕްލޭންތަކުން މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ ޖެހިގެން އަނެއް މަހު ބޭނުން ކުރެވޭނެ ގޮތް ހަދައިފިއެވެ.

ދިރާގުން ދިރާގު ޕޯސްޓް ޕެއިޑާއި މަންތުލީ ޕްލޭންތަކަށް ޑޭޓާ ރޯލްއޯވާ ތައާރަފުކޮށްފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ދިރާގުން މިއަދު ބުނީ، ޑޭޓާ ރޯލްއޯވާ ތައާރަފު ކުރުމާއެކު، އޯގަސްޓު މަހު ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުން ނުކޮށް ހުރި ޑޭޓާ އެލަވަންސެއް ސެޕްޓެމްބަރު މަހުގެ އެލަވަންސްގައި ހިމަނާފައިވާ ކަމަށެވެ.

ކުރިއައް އޮތް ތާނުގައިވެސް އެ މަހެއްގައި ބޭނުން ނުކޮށް ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހު ބޭނުން ކުރެވޭނެ ކަމަށެވެ. އެގޮތަށް ރޯލް އޯވާ ކުރެވޭ ޑޭޓާ ބޭނުން ކުރެވޭނީ އެއް މަސް ދުވަހަށް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، އެ ހިދުމަތް ތައާރަފުކޮށްފައި ވަނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްދާ ދަނޑިވަޅެއްގައި ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ހިދުމަތަށް އެޕްލައިކޮށްގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެގޮތުން ނަސީބުވެރި ކަސްޓަމަރަކަށް އަބޫ ދާބީ، ޑުބާއީ އަދި އިސްތަންބޫލަށް ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެ ދަތުރުގައި ހިލޭ ދެކޮޅު ޓިކެޓު އަދި އެކޮމޮޑޭޝަންގެ އިތުރުން ޑުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއާއެއްވެސް ހިމެނެއެވެ. އަދި 1،000 ޑޮލަރުގެ ޝޮޕިން އެލަވަންސެއް ވެސް ނަސީބުވެރި ފަރާތަކަށް ލިބިގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެޕްލައިކުރާ ފަރާތްތަކުން ޑިޕޮސިޓްއެއް ބަހައްޓަން ނުޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.