އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން އާސެނަލްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުގައި އާސެނަލް ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެއީ މިހާތަނަށް މި ސީޒަނުގައި ލީގުގައި އާސެނަލްއަށް ޕޮއިންޓް ގެއްލުނު ފުރަތަމަ ފަހަރެވެ. މިރޭގެ މެޗަށް އާސެނަލް ނުކުތީ ފަސް މެޗުން ފަސް މޮޅު ހޯދައި، ލީގުގައި ޕޮއިންޓެއް ނުގެއްލި އޮތް ހަމައެކަނި ޓީމުގެ ގޮތުގައެވެ.
އަނެއްކޮޅުން ޔުނައިޓެޑްވެސް ނުކުތީ ފޯމު ރަނގަޅު ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން ޔުނައިޓެޑް ބަލިފައި އޮތް ނަމަވެސް އޭގެ ފަހުން ކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ. އަދި މިރޭ ހޯދި މޮޅާއެކު ހަ މެޗުން 12 ޕޮއިންޓް ހޯދައި، ޔުނައިޓެޑް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ނަމަވެސް އާސެނަލް ލީގު ތާވަލުގެ އެއްވަނައިގައި އޮތް އިރު، އެޓީމަށް ހަ މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.
ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗުގައި އެއްވަރުވެފައިވާ އިރު، އެޓީމަށް ހަ މެޗުން ލިބިފައި ވަނީ 14 ޕޮއިންޓެވެ.
ޔުނައިޓެޑުން ވަނީ އަލަށް ޓީމަށް ގެންދިޔަ ބްރެޒިލްގެ ވިންގް އެންޓޮނީ މެޗުގެ ފުރަތަމަ 11 ގައި ހިމަނައިފައެވެ. މިރޭގެ މެޗުވެސް ކަސެމީރޯ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުން ފެށި އިރު، އެ ދެކުޅުންތެރިންނަށްވެސް ފުރުސަތު ދީފައިވަނީ ފަހު ހާފުގައެވެ.
މެޗު ރަނގަޅަށް ފެށީ އާސެނަލްއިންނެވެ. ބުކަޔޯ ސަކާ އާއި ގެބްރިއަލް މާޓިނެލީގެ ނުރައްކާ އާސެނަލްގެ އެޓޭކުން ފެނިގެން ދިޔަ އިރު، އެޓީމުން ވަނީ 12 ވަނަ މިނެޓުގައި ލީޑު ނެގުމާ ގާތަށް ޖެހިލައިފައެވެ. މެދުތެރެއިން ކްރިސްޓިއަން އެރިކްސަން އަތުން މާޓެން އޮޑިގާޑް ބޯޅަ ހޯދައި، މާޓިނެލީއަށް ދިން ބޯޅައިގައި އޭނާ ކުރިއަށް ޖެހި، ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފައެވެ.
ރެފްރީ ނިންމާފައި ވަނީ މެދުތެރެއިން އޮޑެގާޑް ބޯޅަ ހޯދީ، އެރިކްސަންއަށް ފައުލް ކޮށްފައި ކަމަށެވެ. އެކަމާ ގުޅިގެން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ކުޅުންތެރިންވެސް ވަނީ ވަރަށް ބޮޑަށް ރެފްރީއަށް ޝަކުވާކޮށްފައެވެ.
އެ ހަމަލާއަށްފަހުވެސް އާސެނަލްގެ ނުރައްކާ ބޮޑުކޮށް ފެނިގެން ގޮސްފައިވީ ނަމަވެސް މެޗުގައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޔުނައިޓެޑުން އުފެއްދި ކައުންޓާ އެޓޭކެއްގައި މާކަސް ރަޝްފޯޑު ތަނަވަސްކޮށްދިން ބޯޅައިގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ 100 މިލިއަން ޑޮލަރަށް އެ ޓީމަށް ގެންދިޔަ އެންޓޮނީއެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުމެވެސް އާސެނަލްއިން މެދުތެރެއިން ރަނގަޅު ޕާސްތަކެއް ޖަހައިގެން ކުޅުނު އިރު، ހާފުގެ ކުރީކޮޅުގައި އޮޑެގާޑާއި ގެބްރިއަލް ޖީސަސް ފޮނުވާލި ހަމަލާތައް ފާހަގަވިއެވެ. ޖީސަސްގެ ހަމަލާ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، އޮޑެގާޑަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ ގޯލާ ސީދާ ނުވެއެވެ.
އާސެނަލްއިން ކުރިއަށް ޖެހި ކުޅުމުގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 60 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ ބުކަޔޯ ސަކާއެވެ. މެދުތެރެއިން އޮޑެގާޑުގެ ޕާހުގައި ޖީސަސް ޖެހި ބޯޅަ ޔުނައިޓެޑްގެ ޑިފެންސް ބްލޮކް ކުރުމުން ސަކާ ވަނީ ރީބައުންސް ގޯލަށް ވައްދާލައިފައެވެ.
އެ ގޯލު ޖެހުމުން ޔުނައިޓެޑުން ބަދަލުތައް ގެނެސް ރޮނާލްޑޯވެސް ކުޅެން އަރުވާފައިވާ އިރު، އާސެނަލްއަށް ލަނޑު ލިބުނީ ކައުންޓާގައި ޔުނައިޓެޑުން ނުރައްކާ ކުރި ބޯޅަތަކުގައެވެ. އެގޮތުން އާސެނަލްގެ ގޯލަށް ފަސްވަރަކަށް މިނެޓް ފަހުން ކައުންޓާގައި ކުރިއަށް ޖެހި ރަޝްފޯޑު ޔުނައިޓެޑްގެ ލީޑު ފުޅާކުރި އިރު، މެދުތެރެއިން ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގައިގެން 75 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ފުޅާވެސް ކޮށްފައެވެ.
ކްރިސްޓިއަން އެރިކްސަން ކުރިއަށް ޖެހި ގޯލު ކުރިމަތިން ޕާސްކޮށްލި ބޯޅަ ގޯލަށް ވައްދާލައި ޔުނައިޓެޑްގެ ތިންވަނަ ގޯލުވެސް ޖަހައިދިނީ ރަޝްފޯޑެވެ.
މެޗުގެ ފަހު ކޮޅުގައިވެސް އާސެނަލްގެ ހަމަލާތައް ފެނުނު ނަމަވެސް އެޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. އާސެނަލްއިން މިފަހަރުގެ ސީޒަން ފުރިހަމަ ފޯމެއްގައި ފަށައިގެން ފުރަތަމަ ފަސް މެޗު ކާމިޔާބުކުރި އިރު، މި ސީޒަނުގެ ކުރިން ލީގުގެ ފުރަތަމަ ފަސް މެޗުން އާސެނަލް މޮޅުވެފައި އޮތީ ތިން ސީޒަނެއްގައެވެ. އެއީ 1930-31 ގެ ސީޒަނާއި 1947-48 ގެ ސީޒަނުގެ އިތުރުން 2004-05 ގެ ސީޒަނުގައެވެ. އޭގެ ތެރެއިން 2004-05 ގެ ސީޒަން ފިޔަވާ އަނެއް ދެ ސީޒަނުގައިވެސް އާސެނަލްއިން ލީގު ނެގި އިރު، 2004-05 ގެ ސީޒަން ނިންމާލީ ތާވަލުގެ ދެވަނައިގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު