ޚަބަރު

23 މިލިއަން ހަރަދުވީ ފޭސް ދޭއްގައި ވަގުތީ ދެ ސުކޫލު އިމާރާތްކުރަން: އެޑިއުކޭޝަން

މުހައްމަދު އިޝާން

2

ހުޅުމާލޭ ފޭސް ދޭއްގައި 23 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ އިމާރާތްކުރުމުގެ ފެންވަރު ދަށް ކަމަށް ބުނެ އާންމުންގެ ފާޑު ކިޔުން އާމާޒުވުމުން އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް ރައްދު ދީފިއެވެ.

މިއަދު ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް އިމާރާތްކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ބޮޑު ހަރަދެއްކޮށްގެން އިމާރާތްކުރި ސްކޫލް، ވަގުތީ އިމާރާތްތައް ހަދާ ގޮތަށް ޓިނުން ހަދާފައި ހުރުމުން ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

އެކަމާ ގުޅިގެން މިއަދު އެޑިއުކޭޝަނުން ބުނީ، އެސްޖޭ ކޮންސްޓްރަކްޝަނާ 23 މިލިއަން ރުފިޔާއަށް ހަވާލުކުރީ ދެ ޕްރީސުކޫލު އިމާރާތް ކުރުމަށް ކަމަށެވެ. ދެ ސުކޫލު ވެސް ހަވާލުކުރީ 165 ދުވަސް ތެރޭ ނިންމާ ގޮތަށް ކަމަށެވެ.

"ހުޅުމާލެގެ ދެ ވަނަ ފޭސްގައި ދެ ޕްރީ ސްކޫލް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއާ. މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 23 މިލިއަން ރުފިޔާ. މި އަދަދަކީ 165 ދުވަހުގެ ތެރޭ ދެ ސްކޫލް ނިންމަން ހަވާލުކުރެވުނު އަދަދު،" އެޑިއުކޭޝަނުން ބުންޏެވެ.

އެޑިއުކޭޝަނުން ބުނީ މަސައްކަތް ނިންމަން ޖެހޭ މުއްދަތައްވުރެ އަވަހަށް ސްކޫލުގެ މަސައްކަތް ނިމިފައިވުމުން ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި މިއަދު ކިޔަވައިދޭން ފެށީ ކަމަށެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލަކީ ޕްރީ ސްކޫލެއްގެ ގޮތުގައި އިމާރަތްކުރަން ހަވާލުކުރި ސްކޫލެއް ކަމަށާއި ނަމަވެސް ފޭސް ދޭއްގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާތީ އެ ސްކޫލުގައި ގްރޭޑް ހަޔަކާ ހަމައަށް ކިޔަވައިދޭން ފެށީ ކަމަށް އެޑިއެކޭޝަނުން ބުންޏެވެ.

"މިއީ ޕްރީ ސްކޫލްގެ ގޮތުގައި އިމާރާތް ކުރެވުނު ސްކޫލެއް ނަމަވެސް ހުޅުމާލެ ފޭސް ދޭއްގައި ގިނަ އަދަދެއްގެ މީހުން އާބާދު ވަމުން ދިއުމާ ގުޅިގެން މި ސްކޫލް ހުޅުވާފައި ވަނީ އެލްކޭޖީ އިން ފެށިގެން ގްރޭޑް ހަޔަކާ ހަމައަށް ކިޔަވައިދޭ ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި. އަދި ގްރޭޑުތަކަށް ކިޔަވައިދޭން ބޭނުންވާ ވަސީލަތްތައް ވަނީ ސްކޫލުގައި ގާއިމް ކުރެވިފަ،" އެޑިއުކޭޝަނުން ބުންޏެވެ.

އެޑިއުކޭޝަނުން ބުނީ، ސަރުކާރުގެ އަމާޒަކީ ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވެ އަދި ކިޔެވުން ނުގެއްލޭގެ ގޮތަކަށް މި ދިރާސީ އަހަރު ސްކޫލުތަކުގައިވާ ޖާގައިގެ ދަތި ކަމަށް ހައްލެ ހޯދައިދިނުން ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހެދި ފުރަތަމަ ސްކޫލު ހުޅުވައި ކިޔަވައިދޭން މިއަދު ފެށި އިރު، ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލަކާއި ސެކަންޑަރީ ސްކޫލެއް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އޭގެ ތެރެއިން ޕްރީ ސްކޫލު އަންނަ މަހުގެ ތެރޭގައި ހުޅުވަން ނިންމާފައިވާ އިރު، ސަލާހުއްދީން ސްކޫލުގެ ނަމުގައި ހަދާ ސެކަންޑްރީ ސްކޫލް ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅެވެ.

އެ ދެ ސްކޫލް ހުޅުވުމާއެކު ފޭސް ދޭއްގެ 6،000 ދަރިވަރުންގެ ޖާގަ އިތުރުކުރެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟