މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި ފެށުމަށް ހަމަޖެހިފައިވާ މިނީ ބަހުގެ ދަތުރުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.
އެމްޓީސީސީން މިހާރުވެސް އަންނަނީ ރަސްމީކޮށް މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެ، ރޫޓުތައް ޓެސްޓުކުރަމުންނެވެ. މިނީ ބަހުގެ ހިދުމަތް އާއްމުންނަށް ހުޅުވާލައިގެން މާދަމާ ފަށަން ތައްޔާރުވެފައިވާ އިރު، މާލޭގައި މިނީ ބަސް ދަތުރުކުރާނެ ތިން ރޫޓެއް އެމްޓީސީސީން ވަނީ ކަނޑައަޅައިފައެވެ.
އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި މިނީ ބަސް ދަތުރުކުރާނީ އަމީނީ މަގު، މަޖީދީ މަގު، އޯކިޑު މަގު އަދި ސޯސަން މަގުންނެވެ. މި ހަތަރު މަގުގައި ދަތުރުކުރުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާ އިރު، ޖުމުލަ 42 ބަސް ސްޓޮޕެއް ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މިނީ ބަހުގެ ޓިކެޓުގެ އަގަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ ހަތް ރުފިޔާއެވެ. ނަމަވެސް އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތްދޭ ފުރަތަމަ ދެ ހަފުތާގައި ހުރިހާ ފަރާތްތަކަށްވެސް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އަދި އޭގޭ ފަހުންވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުންޏެވެ.
މާލޭގައި ބޭނުންކުރަން ހަމަޖެހިފައިވަނީ 18 ބަހެވެ. އެ ބަސްތަކަކީ ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށް ހާއްސަ ޖާގަތަކާއެކު ޖުމުލަ 20 ގޮނޑި ހުންނަ ބަސްތަކެކެވެ. އަދި ކޮޅަށް ތިބެގެން ދަތުރުކުރެވޭ ގޮތަށް އިތުރު ދިހަ ޖާގަ ކޮންމެ ބަހެއްގައި ހުންނާނެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
އާރުޓީއެލް މަޝްރޫއުގެ ދަށުން އެމްޓީސީސީން އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ. އެމްޓީސީސީން މިހާރު ވަނީ ބައެއް ރަށްތަކަށް ބަސްތައް ފޮނުވައިފައެވެ.
އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އަންނަނީ ހައި ސްޕީޑު ފެރީގެ ހިދުމަތް ވެސް ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު