ޚަބަރު

ވޯޓާ ތީމް ޕާކްގެ އެއްބަސްވުން ބާތިލުކޮށް ބިން ހަވާލުކުރަން އަންގައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ޔޫތު ޕާކާ ޖެހިގެން ޖެހިގެން އޮންނަ ބިމުގައި ވޯޓާ ޕާކެއް ހެދުމަށާއި ސިޓީ ހޮޓަލެއް ހެދުމަށް މެލޭޝިއާގެ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް ބިން ހަވާލުކުރަން އަންގައިފިއެވެ.

އެއްގަމާއި މޫދުގައި ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް ރާއްޖޭގައި މިފަދަ ފުރަތަމަ ޕާކުގެ ގޮތުގައި ތަރައްގީކުރަން ފެށި އެ ޕާކަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް، ވޯޓާ ތީމް ޕާކުގެ ބައެއް އިމާރާތްތަކަށް ބޭނުންވާ ސްޓްރަކްޗާ ހެދުމުގެ އިތުރަށް މާބޮޑު އަމަލީ މަސައްކަތެއް އެތަނުގައި މިހާތަނަށް ކޮށްފައެއް ނުވެއެވެ.

އެ މަޝްރޫއުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމުގައި އެޗްޑީސީން އަމަލުކުރި ގޮތާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް އެޗްޑީސީން ވަނީ އެ މަޝްރޫއު ހިންގުމުގެ އެއްބަސްވުން ބާތިލުކުރިކަން އަންގައި 30 ދުވަހުގެ ތެރޭގައި އެ ބިން އަނބުރާ އެ ކޯޕަރޭޝަނާ ހަވާލުކުރުމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏަށް ނޯޓިސް ފޮނުވައިފައެވެ.

އެއްބަސްވުން ބާތިލުކުރުމާއެކު ވޯޓާ ފްރަންޓް ކުންފުނިން ވަނީ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމުގައި އެޗްޑީސީން އަމަލުކުރިގޮތުގެ މައްސަލަ ކޯޓުގައި ކުރިއަށްދަނިކޮށް އެއްބަސްވުން ބާތިލުކުރުމަކީ އެ ކުންފުންޏަށް އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ބުނެ އެޗްޑީސީގެ ސިޓީއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ.

ނަމަވެސް ސިވިލް ކޯޓުން ވަނީ އެފަދަ އަމުރެެއް ނެރެން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފައެވެ.