ޖަލުގައި ހުރި ފިރިމީހާއާ ބައްދަލުކުރަން ޖަލަށްދިޔަ އަނބިމީހާ، ދެ ކޮންޑަމަށް މަސްތުވާތަކެތި އަޅައި އެ ދެ ކޮންޑަމް ޖަންގިޔަލުގައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރި މައްސަލަ އަލުން ބަލަން ހައިކޯޓުން ދެންމެ އަމުރުކޮށްފިއެވެ.

މިއީ ބ. ތުޅާދޫ/ ރަންބުސްތާނުގޭ، ނޫރާ މޫސާގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން ކުރި ދައުވާއެކެވެ. މި ހާދިސާ ހިނގާފައިވާ ކަމަށް ބުނެފައިވަނީ 15 ޖުލައި 2018 ގައެވެ.

ނަމަވެސް ނޫރާގެ މައްޗަށް ކްރިމިނަލް ކޯޓުގައި މި ދައުވާ ސާބިތެއް ނުވިއެވެ. އެއީ އެ އަންހެން މީހާ ބަލައި ފާސްކުރުމުގައި ފުލުހުން ގާނޫނާއި ހިލާފުވި ކަމަށް ބުނެއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އަންހެނަކު ބަލައި ފާސްކުރަން ވާނީ އަންހެން ފުލުހެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމަށާއި ނަމަވެސް އެއްޖިންސުގެ ފުލުހަލު އެ ވަގުތު ނެތުމުން ނޫރާ ބަލައި ފާސްކޮށްފައި އެއްޖިންސުގެ ޕްރިޒެންސް އޮފިސަރުން އެތަނަށް ހާޒިރުކޮށްގެން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެ ހުމުކާ ގުޅިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ހައިކޯޓުން މިއަދު ކުރި ހުކުމަކީ ދައުލަތުން އިސްތިއުނާފު މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ.

ހައިކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުޒެއިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސެއިން ޝަހީދުގެ އިއްތިފާގުން ކުރި މި ހުކުމްގައި ބުނެފައި ވަނީ، ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުން މީހުން ހުއްޓުވައި ބަލައިފާސްކުރުމާއި ކޯޓު އަމުރެއްގެ ދަށުން މީހުން ބަލައި ފާސްކުރުމުގައި އެ މީހާއާ އެއްޖިންސުގެ އޮފިސަރަކު ނެތް ނަމަ އެއްޖިންސުގެ މީހަކު ހާޒިކުރުމުން އެ އިޖުރާއަތު ފުރިހަމަވީ ކަމަށް ބެލެެވޭނެ ކަމަށެވެ.

އެވަގުތު މާފުށީ ޖަލުގެ ޕޮލިސް ސްޓޭޝަންގައި އަންހެން މުވައްޒަފަކު ނެތުމުން، ކޯޓު އަމުރެއްގެ ދަށުން ނޫރާގެ ހަށިގަނޑު ބަލައި ފާސްކޮށްފައި ވަނީ، ކަރެކްޝަނަލް ސާވިސްގައި މަސައްކަތްކުރާ އަންހެން އޮފިސަރުން ހާޒިރުކޮށްގެންކަން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ފުލުހުން އެކަން ކޮށްފައި ވަނީ އެ މީހުންނަށް އޭރު ލިބިފައިވާ އެންމެހާ ބާރުތަކާއި އިހުތިޔާރުތައް ބޭނުކުރުމާބެހޭ ގަވާއިދުގެ ދަށުން ކަމަށާއި މިހާރު އޮންނަ ގަވާއިދުގައިވެސް ބުނަނީ ހަމަ އެގޮތަށް ކަމަށްވެސް ހުކުމުގައިވެއެވެ. އެހެންކަމުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި އެ މައްސަލައަކީ މައުޟޫއީ ގޮތުން ބަލައި ހުކުމްކުރަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލުކުރާ ކަަމަށް ހައިކޯޓުން ހުކުމްކުރިއެވެ.