ހދ. ހަނިމާދޫ ޝަބްނަމްގެ ހަސަން މުހައްމަދަކީ ހިތްވަރާއި ސާބިތުކަމުގެ މިސާލެކެވެ. އޭނާގެ އުމުރުން 35 އަހަރު ވީއިރު އުފާވެރި އާއިލާއެއް ބިނާކޮށް، ޒިންމާދާރު ބައްޕައެއްގެ ދައުރާއި ލޯބިވާ، ފިރިއެއްގެ ރޯލުވެސް އަދާކޮށްފައެވެ. މިއަދު، އިންތިހާއަށް ވޭނާއި ނުކުޅެދުންތެރިކަމާއެކުވެސް އޭނާ އެ އަންނަނީ މިވާޖިބު އަދާ ކުރުމުގައި ސާބިތުކަން ދައްކަމުންނެވެ.
ކޮވިޑުގެ ހިތްދަތި، ބިިރުވެރިކަމުގެ ތެރޭގައި ހަސަން ކުރިމަތިލާން ޖެހުނީ ކުއްލި ވޭނަކާއެވެ. އޭގެ ކުރިން ދުވަހަކުވެސް ތަފާތު އަދި ބޮޑު ބައްޔެއްގައިވެސް އުޅެން ނުޖެހި، ފުރިހަމަ ސިއްހަތެއްގައި ދިރިއުޅެމުން ދިޔަ ހަސަންގެ ކަނައަތުގެ އިނގިލިތަކުގައި އާދަޔާ ހިލާފު ނުފިލާ ތަދެއް ހުންނަން ފެށުމުން، 2020 ވަނަ އަހަރު، މާލެ އައިސް ޑޮކްޓަރަށް ދެއްކީ، އެފަދަ އެއްވެސް ނުރައްކާތެރިކަމެއް ކަމުގެ ކުޑަވެސް ހިލަމެއްނެތި އެވެ.
ހަޔާތުގެ މިބޮޑު އަދި ކުއްލި ބަދަލުގެ ވާހަކަ "ވަން"އަށް ހިއްސާ ކުރަމުން ހަސަން ބުނީ ޓްރީޓޮޕް ހޮސްޕިޓަލުން ޑޮކްޓަރު ބައްލަވާފައި ދެއްވި އިރުޝާދާ އެއްގޮތަށް އޮޕަރޭޝަނެއް ކުރިކަމަށެވެ. އަދި ހަފުތާއެއްވަންދެން އެރިހުމަށް ލުޔެއް ލިބުނުކަމަށެވެ. އެހެންނަމަވެސް އަނެއްކާވެސް ރިހުން ގަދަވާން ފެށުމުން އޭޑީކޭ އަށް ދައްކައި ޑޮކްޓަރު ބެއްލެވުމަށްފަހު ކެންސަރުކަމަށް ލަފާވާ ކަމަށާއި ވީހާވެސް އަވަހަށް ފުރައިގެން ރާއްޖެއިން ބޭރަށް ދާން ޖެހޭނެކަމަށް އެންގިއެވެ. އެހެންނަމަވެސް ހަސަންގެ ހާލަތު ކިތަންމެ ނާޒުކު ވިޔަސް، ދުނިޔެއާއި ގައުމުގެ ހާލަތު ވެސް އޮތީ އެހާ ދެރަ ހިސާބެއްގައެވެ. ބޯޑަރު ބަންދުކޮށްފައި އޮތުމުން ހަސަންއަށް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވޭނެ މަގެއް ފައްސެއް ނުވިއެވެ.
ދެފަހަރުގެ ސްކޭނުން ވެސް ނުފެނުނު ޓިއުމަރެއް ހަސަންގެ އަތުގައި ހުރިކަން އެމްއާރްއެއް ހަދައިގެން އެނގުނުނަމަވެސް ފުރައިގެން ދެވޭ ވަރުވީ 2021ވަނަ އަހަރުގެ މެދުތެރޭގައެވެ. އެފަހަރު ކެންސަރުގެ ސަބަބުން އެންމެ މުހިންމު ކަނާއަތުގެ ތިން އިނގިލިން ހަސަނު މަހުރޫމުވެގެން ދިޔައެވެ. ފަރުވާދިނުމުގައި 3 މަސްދުވަހު އިންޑިޔާގައި ހުރުމަށްފަހު ހަސަން ރާއްޖެ އައީ ކެންސަރާ ހަނގުރާމަކޮށް، އެބަލިން ފަސޭހަވިކަމުގެ، (އޭނާއަށް ޔަގީންވިޔަސް) ދޮގު އުއްމީދެއްގައެވެ.
ރާއްޖެ އައުމަށްފަހު 3 މަސްވުމުން އިންޑިޔާއަށް ޓެސްޓު ހަދަން ދިއުމުން، ރަނގަޅުކަމަށާއި އަނެއްކާވެސް 6މަސް ދުވަސްފަހުން އަންނަން އެންގިކަމަށް ހަސަން ކިޔައިދިނެވެ. އަދި ދެން ރަށަށް އެނބުރި ދިޔައީ ކަމަށާއި އުއްމީދު ކުރި ގޮތާ ހިލާފަށް 4 މަސްވެސް ނުވަނީސް އޮޕަރޭޝަން ކުރި ތަން ގޯސްވާން ފެށިކަމަށް އޭނާ ބުންޏެވެ. ދެން އިތުރު ފަރުވާއަށް ދިއުމުން ހަސަންއަށް މަޖުބޫރުވެގެން ދިޔައީ އޭނާގެ ކަނައަތުގެ ހުޅުން ތިރި، އަތްތިލައިން އެކީ މަހުރޫމުވާށެވެ.
"ދެން ކީއްކުރާނީ. މިއަހަރު އަތްތިލަ ބުރިކޮށްލަން ޖެހުނީ." އެއީ ކެތް ކުރަން ފަސޭހަ ބަސްތަކެއް ނޫނެވެ. "ވަން"އާ ވާހަކަ ދެއްކި އިރު ހަސަންގެ އަޑުން އިވުނު ވޭނާއި ކެކުޅުން ފާހަގަ ކުރެވެއެވެ ގަދަފަދައަށް މަސައްކަތް ކުރަމުން ދުނިޔޭގައި އުޅެމުން އައި ފިރިހެނަކު ކުއްލިޔަކަށް އެހެން އިންނަން ވުުމުން ކުރާނެ ހިތިއަސަރު ހަމަގައިމުވެސް ކެތްކުރަން ފަސޭހަނުވާވަރަށް ވޭންދޭނެއެވެ.
އެންމެ މުހިންމު ކަނައަތްތިލައާއި އިނގިލިތަކާ ނުލައި އުޅުމަކީ ކިތަންމެ ދަތި އަދި އުނދަގޫ ކަމަކަށްވިޔަސް، އޭނާއަކީ ޒިންމާތަކެއް ކޮނޑުއަޅައިގެން ހުރި ފިރިއެއްކަމާއި ބައްޕައެއްކަން ހަސަން ހަނދާން ނައްތައެއްނުލައެވެ. ދިރިއުޅުމުގެ ބުރަ އަދިވެސް ކޮނޑުގައި އޮތްކަމާއި އެބަރު ނެގޭނެކަމާއި ނަގަން ޖެހޭނެކަމުގެ އިހުސާސާއި ފިކުރުގައި ހަސަން ހިންދެމިލާފައި ބުރަކަށިން ވަރަނަގައިގެން ތެދުވިއެވެ. އަދި ކަށީގެ މަދުން ހިތްވަރު ނެރެގެން ހަނިމާދޫ މިިސްކިތެއްގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަން ފެށިއެވެ. އެމަސައްކަތުން ލިބޭ އާމްދަނީން 5 އަހަރާއި 2 އަހަރުގެ ކުދިންނާއި އަނބިމީހާއާއެކު އުފާވެރި، ހަޔާތެއް ވޭތުކުރަން ހިންމަތާއެކު މަސައްކަތް ކުރަމުން އަންނަ ހަސަން އަށް ކޮންމެ 3 މަހުން ޑޮކްޓަރަށް ދައްކަން މާލެ އަންނަން ޖެހުމާއި 6 މަހުން އިންޑިޔާއަށް ދާންޖެހޭތީ އާއްމުންގެ އެހީ އޭނާއަށް އިންތިހާއަށް ބޭނުންވެފައިވެއެވެ. ދޮއްޓަށް ހުރި ދަރިފުޅަކީ ތިންމަހުން ނޫނީ 4 މަހުން ލޭއަޅަން ޖެހޭ ކުއްޖެއްކަމުން ހަސަން އެކަމާމެދުވެސް އިންތިހާއަށް ފިކުރުކުރަން ޖެހެއެވެ.
މަސައްކަތްތެރި މީހަކަށް އަތްތިލައާ ނުލައި އުޅެން ޖެހުމުން ވާނެގޮތް ކޮންމެ މީހަކަށްވެސް އިހުސާސް ކުރެވޭނެއެވެ. ހަސަން ތަހައްމަލު ކުރަމުން އެދަނީ އެވޭނެވެ. އެހެންނަމަވެސް އެވޭނާ އެކުވެސް ހަސަން ކުރި ހިތްވަރާއިި އޭނާގެ ކެތްތެރިކަމާއި މެދު ނުހަނު ފަހުރުވެރިވާ، އެފަދަ ފިރިއެއް ދެއްވީތީ ނުހަނު އުފާކުރާ، ކޮންމެ ހާލެއްގައި ވެސް ހަސަންއާއެކު ހަޔާތުގެ ނަވުގައި ސާބިތުވެ ހުރި އޭނާގެ އަނބިމީހާ "ވަން"އަށް ބުނި ގޮތުގައި އެއީ ދެވަނައެއް ނެތްފަދަ ހިތްވަރުގަދަ އިންސާނެކެވެ.
"ވަރަށް ވޭނުގަ، ވަރަށް ހާލުގަ އުޅުނުއިރުވެސް ހަމަ ވަރަށް ހިތްވަރުގަދަ. އެވަރުގެ ކެތްތެރި މީހަކު ނުދެކެން. ވަރަށް ވަރަށް ހިތްވަރުގަދަ. އަތާނުލައިވެސް ޒިންމާ އަދާކުރަން ތެދުވީ." ހަސަންގެ އަންހެނުން ބުންޏެވެ.
ހަސަންގެ އާއިލާއިން ފާހަގަ ކުރި ގޮތުގައި ހަސަން މީގެ ކުރީން ދުވަހަކުވެސް ބައެއްގެ އެހީއަކަށް ނޭދެއެވެ. މިއީ އާއްމުންގެ އެހީއަށް ހަސަން އެދޭ ފުރަތަމަ ފަހަރު ކަމަށް ބުންޏެވެ.
ހަސަންގެ އާއިލާއާއި އަނބިމީހާއާއި ދަރިންނާއި އެހެންވެސް ތިމާގެ އާއިލީ މީހުންވެސް ހަސަންއަށް ވަރަށް ހެޔޮކަމަށާއި އާއިލާއާއި ހާއްސަކޮށް އަނބިމީހާގެ އެހީތެރިކަމަށް ފަށްފަށުން ޝުކުރުވެރިވާކަމަށް ހަސަން ބުންޏެވެ. ހަސަން އެދެނީ އޭނާއާއި އޭނާގެ އާއިލާއަށް ހެޔޮ އެދޭ ފަރާތްތަކުން އޭނާއަށް އެހީތެރިވެދިނުމަށެވެ. ރާއްޖެއިން ބޭރަށް ދާން ޖެހޭ ދިއުމަށް އަދި ޑޮކްޓަރީ ފަރުވާއަށް ކުރަން ޖެހޭ ހަރަދުތަކަށް އެހީތެރިކަމެއް ދީލަތި ހިތަކާއެކު ފޯރުކޮށްދިނުމަށެވެ.