ޕްރިމިއާ ލީގުގައި ލިވަޕޫލާއި އެވަޓަން މިއަދު ކުޅުނު ފޯރިގަދަ މާސީސައިޑް ޑާބީ އެއްވަރު ވެގެން ނިމިއްޖެއެވެ.
އިނގިރޭސި ލީގުގައި ތާރީހު ބޮޑު މާސީސައިޑް ޑާބީގައި މިއަދު ކުޅުނު މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. އެވަޓަންގެ ދަނޑުގައި މިއަދު ކުޅުނު މެޗު ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، މިއީ 2020 ވަނަ އަހަރު ޖޫން މަހުގައި ކުޅުނު މެޗަށްފަހު 0-0 އިން އެއްވަރުވި ފުރަތަމަ ޑާބީއެވެ.
މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި ކުޅުނު މާސީސައިޑް ޑާބީ ދެ މެޗުވެސް ލިވަޕޫލް ކާމިޔާބު ކޮށްފައި އޮތް އިރު، މިއަދުގެ މެޗަށް ދެޓީމުންވެސް ނުކުތީ ނަތީޖާއަކަށް މުހިއްމު ހާލަތެއްގައި އޮވެގެންނެވެ. ލިވަޕޫލުން ޖެހިޖެހިގެން ތިންވަނަ މޮޅެއް ހޯދަން ނުކުތް އިރު، އެވަޓަންއިން ނުކުތީ މޮޅު ނުވެވި އޮތް ސިލްސިލާއެއް ނިންމުމަށެވެ. އެވަޓަން މިއަދުގެ މެޗަށް ނުކުތީ އެންމެފަހުން ކުޅުނު ދެމެޗުގައި 1-1 އިން އެއްވަރު ވެފައި އޮވެގެންނެވެ.
މެޗު ރަނގަޅަށް ފެށީ އެވަޓަންއިންނެވެ. އެޓީމުން ކުރިއަށް ޖެހި ހަމަލާތަކަށް މަސައްކަތް ކުރަމުން ދިޔަ އިރު، އަލަށް ޓީމަށް ގެންދިޔަ ފޯވަޑް ނީލް މޯޕޭގެ މޫވްތައް ފާހަގަވިއެވެ. ކުރީކޮޅުގައި މޯޕޭގެ ހުރަހަކުން އެންތަނީ ގޯޑަންއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ނުކުރެވުނު އިރު، ޓޮމް ޑޭވީސްގެ ހަމަލާ ދަނޑިއަށްވެސް އަމާޒު ވެފައިވެއެވެ.
ހާފު ނިމެން ދަނިކޮށް ލިވަޕޫލްގެ އުރުގުއޭ ފޯވަޑް ޑާވިން ނުނޭޒްގެ ނުރައްކާތެރި ހަމަލާއެއް ފެނުނެއެވެ. އަރިމަތިން އޭރިއާ ތެރައަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ޖޯޑަށް ޕިކްފޯޑު އަތުގައި ޖައްސައި ޕަންޗުކޮށްލީ ދަނޑިއަށެވެ. މިއަދުގެ މެޗުގައި އެވަޓަންގެ ގޯލްކީޕަރުގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވިއެވެ.
އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައި ބަދަލަކަށް މެޗަށް ނުކުތް ރޮބާޓޯ ފިރްމީނޯގެ ނުރައްކާތެރި ދެ ހަމަލާއެއްވެސް މަތަކުރީ ޕިކްފޯޑެވެ. އަނެއްކޮޅުން އޭގެ މިނެޓެއް ފަހުން، 65 ވަނަ މިނެޓުގައި މޯޕޭގެ ހަމަލާ މަތަކުރީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި މޯޕޭގެ ހުރަހަކަށް އަރައި ކާނޯ ކޯޑީ ފޮނުވާލި ބޯޅަ ގޯލަށް ވަދެގެން އެވަޓަންއިން އުފާފާޅުކުރި ނަމަވެސް އެ ބޯޅައަށް ކޯޑީ މަސައްކަތް ކުރި އިރު، ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ރެފްރީ ނިންމީ ވީއޭއާރްގެ އެހީގައެވެ. މިއަދުގެ މެޗުގެ ފަހު ކޮޅުގައިވެސް ލިވަޕޫލުން ފުލުފުލުގައި އެޓޭކް ކުރިއެވެ.
މުހައްމަދު ސަލާހު ފަހުވަގުތު ފޮނުވާލި ހަމަލާގެ އިތުރުން ފިރްމީނޯގެ އިތުރު ހަމަލާއެއްވެސް މަތަކޮށް އެވަޓަންއަށް ޕޮއިންޓެއް ނަގައިދިނީ ޕިކްފޯޑުގެ މޮޅު ދެ ސޭވްއަކުންނެވެ. ހަމެޗުން ނުވަ ޕޮއިންޓާއެކު ލިވަޕޫލް ފަސްވަނައިގައި އޮތް އިރު، އެވަޓަން އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ. އެއީ ހަ މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު