ފުރަތަމަ ފަހަރަށް ޖަލު ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރި ގައިދީން މުޖުތަމައަށް ދޫކޮށްލުމަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް އެޅުނު އުސް ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ގައިދީންނަށް ހިންގި ފުރަތަމަ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކުރި މީހުން، އެމީހުންގެ އާއިލާތަކާ ހަވާލުކޮށް މުޖުތަމައުގެ ތެރެއަށް އަލުން އަނބުރައި ފޮނުވާލުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ގައިދީން ކޮމިއުނިޓީއަށް ރި އިންޓަގްރޭޓެޑް ކުރުމަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމުގެ މަގުގައި އެޅުނު އުސް ފިޔަވަޅެއް ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ، ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރިހަމަކުރި 32 ގައިދީން ސަރުތުތަކަކާއެކު އިއްޔެ އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ބައިވެރިން އެއް އަހަރު ދުވަހުގެ މުއްދަތަށް ޝަރުތުކުރެވި މޮނިޓާކުރަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.

ކަރެކްޝަންސް އިން ބުނީ މަސްތުވާތަކެއްޗާ ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ 40 ގައިދީންނާއެކު މި ޕްރޮގްރާމު ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 32 ގައިދީން ކަމަށްވެސް ބުންޏެވެ.