ފައިނޭންޝިއަލް ފެއާޕްލޭގެ އުސޫލުތަކާ ހިލާފުވެފައިވާތީ ޕީއެސްޖީވެސް ހިމެނޭހެން 8 ކްލަބަކަށް ޔޫއެފާއިން ފިޔަވަޅު އަޅައިފިއެވެ.

ފައިނޭންޝިއަލް ފެއާޕްލޭއަކީ ކްލަބުތަކުން ކުރާ ހަރަދުތައް ދެކޮޅު ޖެއްސުމަށް މަޖުބޫރުކުރުމުގެ ގޮތުން ޔޫއެފާއިން އެކުލަވާލި ހާއްސަ އުސޫލެކެވެ. އެ އުސޫލުތަކުގައި ވާގޮތުން ޔޫއެފާގެ ކްލަބުތަކުގެ ވެރިންނަކީ މާލީ ގޮތުން ތަނަވަސް ބައެއް ނަމަވެސް، ކްލަބުތަކަށް ހަރަދުކުރެވޭނީ ކްލަބަށް ފައިދާވާ މިންވަރަކަށް ބަލައިފައެވެ. އެހެންކަމުން ކްލަބުތަކުގެ ވިޔަފާރި "ބްރޭކް އީވަން" ކުރުމަށް މިހާރު ލާޒިމެވެ.

"ބްރޭކް އީވަން" ކުރުމުގެ އުސޫލާ ހިލާފުވެގެން ޕީއެސްޖީއަށް 10 މިލިއަން ޔުރޯގެ ޖޫރިމަނާއެއް ޔޫއެފާއިން ކޮށްފައިވާ އިރު، އެ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އިންޒާރުދީ ޔޫއެފާއިން ވަނީ 65 ޔޫރޯއާ ގާތް ކުރާ އަދަދަކަށް ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ. ޔޫއެފާއިން ބުނެފައިވާ ގޮތުގައި "ބްރޭކް އީވަން" އުސޫލު ކަނޑައެޅުމުގައި ބަލާން ޖެހޭ ކަންކަމަށް ބަލާފައި ވަނީ މިދިޔަ ތިން އަހަރު ކްލަބުތަކުން ކޮށްފައިވާ ހަރަދައް ދިރާސާ ކޮށްގެނެވެ.

ޕީއެސްޖީގެ އިތުރުން ޖޫރިމަނާގެ ފިޔަވަޅު އެޅި ކްލަބުތަކަކީ އިޓާލިއަން ސެރެއާ އޭގެ ޔުވެންޓަސް، އިންޓަ މިލާންގެ އިތުރުން އޭސީ މިލާނަށާއި ރޯމާގެ އިތުރުން ފްރާންސް ލީގުގެ މާސޭއާއި މޮނާކޯ އަދި ތުރުކީގެ ބެސިކްޓަސްއަށެވެ. އެއިން ކޮންމެ ކްލަބެއްވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.

އޭގެ އިތުރުން 19 ކްލަބަކަށް ޔޫއެފާއިން ވަނީ ފައިސާގެ ކަންކަން ކައިރިން ބަލާނެ ކަން އަންގައިފައެވެ. އޭގެ ތެރޭގައި އިނގިރޭސި މުއްސަނދި ކްލަބުތައް ކަމަށްވާ ޗެލްސީއާއި މެންޗެސްޓާ ސިޓީ ހިމެނޭ އިރު، އެ ލީގުގެ ލެސްޓާ ސިޓީއާއި ވެސްޓް ހަމްވެސް ހިމެނެއެވެ. މިދިޔަ އަހަރު ޔޫއެފާ މުބާރާތްތަކުގައި ކުޅުނު ކްލަބުތައް ޔޫއެފާއިން ތަހުގީގު ކުރި އިރު، އެ ތަހުގީގުގައި ބަލާފައި ވަނީ 2018 އިން ފެށިގެން މިއަހަރާ ހަމައަށް ކޮށްފައިވާ ހަރަދުތަކަށެވެ.

ޔޫއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ އޫސޫލަށް އަންނަ އަހަރުން ފެށިގެން ބަދަލުތަކެއް ގެންނަންވެސް ވަނީ ނިންމާފައެވެ. އެގޮތުން އެ އުސޫލުތައް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.