ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުންނަ ޑިޓެންޝަން ސެންޓަރުގެ ސީލިން ފަޅާލައިގެން ފިލި ބިދޭސީ ހޯދަން އިއުލާންކޮށްފިއެވެ.

ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލި މައްސަލަ ފުލުހަށް ރިޕޯޓްކުރީ ރޭ ފަތިހެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހޯދަން އިއުލާނުކޮށްފައި ވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މިތުން، 26އ އެވެ.

އިމިގްރޭޝަނުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން 7980408 ގުޅައި ހިއްސާކޮށްދިނުމަށް އެދިފައެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، ޑިޓެންޝަން ސެންޓަރުން ފިލާފައިވަނީ ވޯކް ވިސާ ރެގިއުލޭޝަންގެ މައްސަލައެއްގައި 2019 ވަނަ އަހަރު 10 އަހަރަށް ރާއްޖެއިން ޑީޕޯޓް ކޮށްލާފައި ހުރި މީހެއް ކަމަށެވެ.

އަދި އޭނާ ރާއްޖެ އައީ މިދިޔަ ބުދަ ދުވަހު ކަމަށާއި ނަމަވެސް ރާއްޖެ އެތެރެވުމުގެ ފުރުސަތު ނުދީ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓީ ކަމަށް ވިދާޅުވިއެވެ.