ޚަބަރު

އިހަވަންދޫ ގެއެއްގެ ތެރޭގައި ހުރި ގުދަނެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

ހއ. އިހަވަންދޫގައި މީހުން ދިރިއުޅޭ ގެއެއްގެ ތެރޭގައި ހަދާފައި ހުރި ގުދަނެއްގައި ރޯވެ ބޮޑެެތި ގެއްލުންތަކެއް ވެއްޖެއެވެ.

އިހަވަންދޫ ކައުންސިލް ރައީސް އަހުމަދު ސޮބާހު މިއަދު "ވަން" އަށް ވިދާޅުވީ، މިއަދު 11:45 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ތިން ކޮޓަރީގެ އެޕާޓްމެންޓުގައި ގުދަނެއް ގޮތަށް ބޭނުންކުރަމުން އައި ކޮޓަރިއެއްގައި ކަމަށެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ އިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.

"މިއީ އެ ގޯތި ތެރޭގައި ވަކިން ހަދާފައި ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓެއް، އެތަނުން މީހުން ދިރިއުޅެނީ އެއް ކޮޓަރީގައި. ރޯވީ ލަކުޑި ކަހަލަ އެއްޗިސް ބަހައްޓަން ގުދަނެއް ގޮތަށް ބޭނުންކުރަމުން އައި ކޮޓަރީގައި" ސޮބާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާއްމުންނާއި ކައުންސިލާއި ފުލުހުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ. ނަމަވެސް ހާދިސާގެ ސަބަބުން ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ފާރަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ އެޕާޓްމެންޓް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ވިދާޅުވިއެވެ.

ސޮބާހު ވިދާޅުވީ، ރަށު ކައުންސިލާއި ފުލުހުންނާއި ޑިޒާސްޓާ މެނޭޖްމަންޓް ގުޅިގެން އެ ގޭގައި ދިރިއުޅެމުންދިޔަ އާއިލާއަށް ދޭންޖެހޭ އެހީތެރިކަމެއްވާ ނަމަ، އެ ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.