ކަންތައްތައް އިސްލާހުކުރުމުގެ ނިޔަތުގައި ނަމަވެސް އެއް ބަޔަކު އަނެއް ބައެއްގެ އަބުރާއި ޝަރަފު ނަގައިލުމާއި ސިއްރުތައް ހާމަކުރުމަކީ އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެ ކަންކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ސުލްހަވެރި މުޖުތަމައެއް ބިނާކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ހިނގަމުން މިދަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަނގުރާމަތަކާއި ލޭ އޮހޮރުވުން އާންމުވަމުންދާ ދުވަސްވަރެއް ކަމަށާއި އިގުތިސާދީ ހީނަރުކަމާއި މަގާމާއި ނުފޫޒާއި ޖާހަށްޓަކައި އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރާ ދުވަސްވަރެއް ކަމަށެވެ.

މިފަދަ ފިތުނަވެރި ކަމެއްގެ ތެރޭގައި ދުނިޔެ އޮތް ދުވަސްވަރެއްގައި ރާއްޖެ ގަދަ ޖަޒީރާ ގައުމުތަކަށް އެކަންކަމުގެ އަސަރު ފޯރިޔަނުދިނުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށާއި ނޫން ނަމަ އަހަރެމެންގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި, ފުނޑުފުނޑުވެ, ނޭނގި ތިއްބައި އިސާހިތަކު ގައުމުގެ އެއްބައިވަންކަމާއި ކުރިއެރުމާޢި އިގުތިސާދު ހަލާކުވެދާނެ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, މުސްލިމުން ވާންވާނީ އަބަދުވެސް ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށް ކަމަށާއި ޒާތީ މަސްލަހަތު ކުރިއަށް ނެރެ, ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ނަމަވެސް ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް އެއް ބަޔަކު އަނެއް ބައެއްގެ އަބުރާއި ޝަރަފު ނަގައިލުމާއި ސިއްރުތައް ހާމަކުރުމަކީ އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެ ކަންކަން ކަމަށާއި މުޖުތަމައެއްގައި ފަސާދަ އާންމުވެއްޖެ ނަމަ, މާތް الله އެބަޔަކަށް އުގޫބާތް ދެއްވާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އަންގަވާފައިވަނީ ކަމުވޮށިގެންވާ މީހުންގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށެވެ.

އެހެންކަމުން ކޮންމެ ކަމެއްގެ ހައްލަކީ އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރުމާއި ހުތުރު ބަހުން މުހާތަބު ކުރުމާއި ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ހުތުރުކަން ބޮޑު ވާހަކަތައް ފެތުރުމާއި އަނެކުންގެ ކުށް ހޯދުން ނޫން ކަމަށާއި އެކަން އެގޮތަށް ހިނގާނަމަ, އެއީ މުސްލިމުންގެ މެދުގައި މައްސަލަތައް އުފެދޭ ހިނދު އެކަންކަން ހައްލުކުރަން މާތް الله އަންގަވާފައިވާ ރިވެތި ގޮތް ނޫން ކަމަށް ބުންޏެވެ.