އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 10

އަބްދުﷲ ފާރޫގް ހަސަން

މަރީޓްޒާ ހަނގުރާމަ

(26 އޯގަސްޓުގެ އަދަދާ ގުޅޭ)

مــــــراد އެހައިތަނަށް ޔޫރަޕުގައި ކުރިމަތިލައްވަމުން ގެންދެވީ ހަމައެކަނި ބައިޒަންޓައިނުންނާއެވެ. ޔޫރަޕުގެ އެހެނިހެން ދައުލަތްތައް މުސްލިމް ތުރުކިއޭއިންގެ ދިފާޢުގައި ބައިޒަންޓައިނުންނަކަށް އެއްވެސްވަރަކަށް އެހީއެއް ނުވެއެވެ. ޚުދު ޕޯޕުވެސް އެކަމަކާ އަޅުއްވައެއް ނުލައްވައެވެ. އޭނާ ޞަލީބީ ހަނގުރާމަތަކުގައި ނުހަނު ފާޅުކަންބޮޑު ދައުރެއް އަދާކުރައްވައިފައި އޮތުމާއެކުވެސްމެއެވެ. مــــــراد ގެ ފުތޫޙާތާމެދު ޕޯޕް އެންމެކުޑަމިނުން ކަންބޮޑުވެވަޑައިގެންނެވުމެއްވެސް ފާޅެއް ނުކުރައްވައެވެ. ގްރީކު އޮތޮޑޮކްސް ނަޞާރާއިން ހަލާކުވަމުންދާ މަންޒަރު ބައްލަވާން ހުންނެވީ ނުހަނު ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ.

ނަމަވެސް ފިލިޕޯޕޮލިސް ފަތަޙަވުމުން މަސްރަޙު މުޅީން ތަފާތުވެއްޖެއެވެ. އެރަށަކީ ބައިޒަންޓައިން އެމްޕަޔަރުގެ ރަށެއްކަމުގައިވިޔަސް އެރަށްއޮތީ ބަލްގޭރިޔާގައެވެ. އެހެންކަމުން އެފަތަޙައާ ވިދިގެން މުސްލިމް ތުރުކިއޭއިންގެ ކުރިމަތީގައި ބަލްގޭރިޔާއަށްދާ މަގު ސާފުވެއްޖެއެވެ. ތުރުކިއޭއިންގެ މިފިޔަވަޅުން ރޯމަން ކެތަލިކް ޗާޗުގެ ހިޔަނީގައި އުޅޭ ޤައުމުތަކުގެ ހިއްސުތައްވެސް ހޭލައްވައިލައިފިއެވެ. ޕޯޕް އަރުބަން (ފަހެއް) ވެސް ތުރުކިއޭއިން ހުއްޓަވަން ހަންގޭރީއާއި ސާވިޔާއާއި، ބޮސްނިޔާއާއި، ވަލާޗިޔާ (Wallachia) ގެ ރަސްރަސްކަލުން އެއްބަސްކުރުއްވައިފިއެވެ. އެހެންކަމުން 754ހ./1363މ. ގައި ނަޞާރާ އިއްތިހާދީންގެ ލަޝްކަރު ތުރޭސަށް ދަތުރު ފަށައިފިއެވެ. އެބައިމީހުން އިޢުލާންކުރި ގޮތުގައި އެބައިމީހުން ނޭވާއެއްވެސްލާނީ މުސްލިމް ތުރުކިއޭއިން ޔޫރަޕުން ބޭރުކޮށްލައިފައެވެ.

سلطـــان مــــــراد خــــان އޭރު ހުންނެވީ އަނާޠޫލިއްޔާގައެވެ. ނަމަވެސް އެޚަބަރު ލިބިވަޑައިގެންނެވުމާއެކު އޭނާ އަވަސްއަވަހަށް ޔޫރަޕަށް ދަތުރު ފައްޓަވައިފިއެވެ. އެކަމަކު مــــــراد އަށް އެހިސާބަށް ވަޑައިނުގެންނެވެނީސް ލާލާޝާހީން (سلطـــان مــــــراد ގެ ޔޫރަޕިޔަން ލަޝްކަރުތަކުގެ ކޮމާންޑަރ) މަސީޙީންނާ ދިމާޔަށް ދަތުރު ފައްޓަވައިފިއެވެ. ލާލާޝާހީންގެ ލަޝްކަރުގެ ޢަދަދު މަސީޙީ އިއްތިހާދުގެ ލަޝްކަރުގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަދެވެ. ލާލާޝާހީނަށް ވަޑައިގެންނެވުނުއިރު މަސީޙީ އިއްތިޙާދީންތިބީ އުދުރުނާ (އެޑްރިޔާނޯޕަލް) ގެ ކައިރީން މަރީޓްޒާ ކޯރުގެ އައްސޭރީގައި މުޢަސްކަރު ހަދައިގެންނެވެ. ލާލާޝާހީނަށް އެއްރެޔަކު ޚަބަރު ލިބިވަޑައިގެންނެވިއިރު ޢީސާއީ އިއްތިހާދީންގެ ލަޝްކަރު އުޅެނީ ރާބުއިމާއި ނެށުމާއި ލަވަކިޔުމުގައި ހޭބޯނާރައެވެ. އޭގެތެރޭގައި "ހިނދުކޮޅުނައިސް" އަމަށުންހުރި އެކަކުވެސް ނެތެވެ. ލާލާޝާހީން ވަގުތުތަކެއް ނަންގަވައެއް ނުލައްވައެވެ. ވަގުތުން ޙަމަލަދެއްވައި މަސީޙީންތައް މުޅާގޮނޑިތަކެއް ފަދައިން ކޮށައިލައްވައިފިއެވެ. ލާލާޝާހީންގެ ކަނޑިތަކުގެ މިޔަދަށުން ސަލާމަތްވި މަދުމީސްކޮޅު ކޯރު ހުރަސްކުރާންކުރި ނާކާމިޔާބު މަސައްކަތުގެ ތެރޭގައި ކޯރަށް ގެނބިގެން މަރުވީއެވެ. މަސީޙީ ލަޝްކަރުގެ އެންމެންކަހަލަ ގޮތަކަށް ފަނާވެދިޔައީއެވެ. ހަންގޭރީގެ ރަސްގެފާނުވެސް އެލަޝްކަރުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާއަށް ވަރަށް ޙާލުގައި އުޅުއްވައިގެން ފުރާނަފުޅާއިގެން ސަލާމަތްވެވަޑައިގެންނެވުނެވެ. (ދައުލަތް ޢުޘްމާނިއްޔާ، ޞަފުޙާ: 40، 41)

ކްރޭޒީ ލިޔުއްވައިފައިވެއެވެ. "ޢީސާއީން ތިބީ ފަތަޙަ ލިބޭނެކަމުގެ ޔަޤީންކަމުގައި ބޮޑާވެފައެވެ. ދުޝްމިނުންނާމެދު އަޅާންޖެހޭ ދިފާޢީ ރައްކައުތެރިކަމުގެ ފިޔަވަޅުތަކާމެދުވެސް ފަރުވާކުޑަކޮށްލައިގެންނެވެ. އަނެއްކާ އެ އެންމެންވެސްތިބީ ރާގެ މަސްތުގައެވެ. މަޖާކުރުމުގައެވެ. އެގޮތުގައި ތިއްބައި ކުއްލިޔަކަށް އިވުނީ މުސްލިމް ތުރުކިއޭއިންގެ ހަނގުރާމައިގެ ބެރުތަކާއި ތާޅަފިލިތަކުގެ އަޑެވެ. އެއާއެކު اللّــه أكـبــــــر ގެ ވަރުގަދަ ނަޢުރާގެ އަޑެވެ. ހަމައެވަގުތު ދުޝްމިނުން އަރައިގެންފިއެވެ. ޢީސާއީން ވިއްސިވިހާލިވެގެން ފިލާން ދުއްވައިގެންފިއެވެ." (ޞަފުޙާ: 23) އެދުވަސްވަރުގެ ތުރުކިއޭ މުއައްރިޚެއްކަމުގައިވާ سعــدالــدّيــــن ނުހަނު ޝާޢިރީ ބަހުރުވައަކުން ލިޔުއްވައިފައިވެއެވެ. "ޢީސާއީންތައް އަތުލައިގަނެވުނީ ޖަންގަލީ ޖަނަވާރުތަކެއް ކޮށީގައި ތިއްބައި އަތުލައިގަނެވުނު ފަދައިންނެވެ. އެއުރެން އަހަރެމެންގެ ކުރިމަތީގައި ދުވެދުވެތިބީ ރޯވެފައިވާ އަލިފާންގަނޑެއް ގަދަވައިރޯޅިއާއެކު ކޮޅުކޮޅަށް ގެންދާ ފަދައިންނެވެ. އެބައިމީހުން މަރީޓްޒާ ކޯރަށް ފައިބައި ޣަރަޤުވެ ނިމިހިނގައްޖައުމާ ހަމަޔަށެވެ." (ކްރޭޒީ: 23)

ކްރޭޒީ އަދިވެސް ލިޔުއްވައިފައިވެއެވެ. "ހަންގޭރީންނާއި ސާވިޔާއިން ތުރުކިއޭއިންނާ އެންމެފުރަތަމަ ބައްދަލުކުރި ބައްދަލުކުރުން ނިމިގެންދިޔައީ މިގޮތަށެވެ. އެއަށްފަހު ޤަރްނުތަކެއް ވަންދެން ޢީސާއީންނަށް އޮތީ އިތުރު މުސީބަތާއި ހަލާކާއި ފަނާވުމުގެ ދައުރުތަކެއް އައުމެވެ." (ޞަފުޙާ: 23) މިއީ އިބްތިދާއީ ޢިޝްޤާއި ފޯރީގައި ނުކުތް ނަތީޖާއެވެ. ކުރިޔަށްއޮތްތާނގައި ވާންހުރި ކަންތައްތަކެއް އެބޭޗާރާއިންނަކަށް އޭރަކު ރޭކާވެސް ނުލައެވެ.

މަރީޓްޒާ ހަނގުރާމައިގެ ޚާއްޞަ ކަމަކީ އެހަނގުރާމައަކީ ޢުޘްމާނީން ބައިޒަންޓައިނުން ފިޔަވައި ޔޫރަޕުގެ ސަލާފީ ޤައުމުތަކާ އެންމެފުރަތަމަޔަށް ކުރިމަތިލި ހަނގުރާމަކަމެވެ. އެ ޤައުމުތަކަކީ ބައިޒަންޓިއަނުންނަށްވުރެ ހަނގުރާމައިގެ ތެރެޔަށް ވަދެތިބި ހިތްވަރުގަދަ ޤައުމުތަކެކެވެ. މުއައްރިޚުން ވިދާޅުވާގޮތުގައި އެ ހަނގުރާމައިގެ ނަތީޖާއަކީ ބަލްގާނު ފަރުބަދައިގެ ދެކުނުގެ ހުރިހައި ސަރަޙައްދުތަކެއް ޢުޘްމާނީ ރަސްކަމާ އެއްކޮށްލެވުމެވެ. އޭގެސަބަބުން މަސީޙީންގެ ޢަސްކަރީ ބާރަށް ވަރަށްބޮޑު ލޮޅުމެއް އެރިއެވެ. ހީނަރުކަމެއް އައެވެ. އެހެންކަމުން سلطـــان مــــــراد خــــان ކަނޑައެޅުއްވީ އެހައިތަނުން ފެށިގެން އޭޝިޔާގެ ބަދަލުގައި ޔޫރަޕުގައި އޭނާގެ ރަސްކަން ފުޅާކުރައްވަމުން ގެންދެވުމަށެވެ. އެގޮތުން ޑެމޯޓީކާއަކީ مــــــراد ގެ ރަސްކަމުގެ ވެރިރަށަކަށް ހެއްދެވިއެވެ. އެރަށް އޮންނަނީ ތުރޭސްގައެވެ. އުދުރުނާ ވެރިރަށަކަށް ހެއްދެވީ އޭގެ ތިންއަހަރު ފަހުންނެވެ. (ދައުލަތް ޢުޘްމާނިއްޔާ، ޞަފުޙާ: 42)

ލޭންޕޫލްވެސްވަނީ މި ޙަޤީޤަތަށް ހެކިދެއްވައިފައެވެ. އޭނާ ވިދާޅުވެފައިވެއެވެ. "މަރީޓްޒާ ހަނގުރާމައިގެ ކުރީން ތުރުކިއޭއިން ދުޝްމިނުން ބަލިކޮށް ފައްސައިލުމަށްފަހު ހިތްހަމަޖައްސައިލައެވެ. އެކަމަކު އެހަނގުރާމަޔަށްފަހު ވަރަށް އަވަހަށް އެބައިމީހުންވަނީ ހަނގުރާމަތައް ދުޝްމިނުންގެ ސަރަޙައްދަށް ގެންދާން ވަރުގަދަޔަކަށް ޢަޒުމު ކަނޑައަޅައިފައެވެ. (ތުރުކީ، ޞަފުޙާ: 29) އާދެ، ޢީސާއީން އަމިއްލަޔަށް ސިންގާކޮއްޓަކަށް ވަނީއެވެ. އަމިއްލަޔަށް އަމިއްލަ މަރަށް ދަޢުވަތު ދިނީއެވެ.

ޖަނަރަލް ގަލްބު (Glubb) ވިދާޅުވާގޮތުގައި ތުރުކިއޭއިންގެ ވެރިރަށަކަށް އެޑްރިއާނޯޕަލް ހެދުމަށްފަހު އެބައިމީހުންވަނީ ޔޫރަޕިޔަން ބާރަކަށްވެފައެވެ. (ޢަރަބި ޤައުމުތަކުގެ ކުރު ތާރީޚު، ޞަފުޙާ: 222)

މަސީޙީން ކުޑަކަކޫޖެހުން

މަރީޓްޒާގެ ތާރީޚީ އަދި މަތިވެރި ފަތަޙައަކީ މުސްތަޤްބަލުގައި ލިބޭނެ ބޮޑެތި އެތައް ފަތަޙަތަކެއްގެ ނަކަތްގަލެވެ. މި އަފޫރުއްބަ ފަތަޙައަށްފަހު سلطـــان مــــــراد خــــان ދުޝްމިނުންގެ އެކިއެކި ދައުލަތްތަކުގެ ޚަބަރު "ވަކިވަކީން" ބެއްލެވިއެވެ. "މުސަލްމާން ޙުކުމްރާން" ގެ މުޞަންނިފު ލިޔުއްވައިފައިވެއެވެ.

އޭނާ އެޑްރިޔާނޯޕަލްގެ ކައިރީގައި ޔޫރަޕުގެ ރަސްރަސްކަލުން ބަލިކޮށްލެއްވި ބަލިކޮށްލެއްވުމުގެ އަވަސް ފައިދާއެއް އެވަގުތަކު ނުހޯއްދަވައެވެ. އޭނާ ފިލައިގެންދާ މީހުން ފިލައިގެންދިޔަ ދެއްވިއެވެ. ދުވަސްކޮޅަކު މަޑުކޮށްލެއްވުމަށްފަހު އެކި ދައުލަތްތަކަށް ވަކިވަކީން ވަޑައިގެންނެވިއެވެ. سلطـــان مــــــراد އެއިން ކޮންމެ ރަސްކަލެއްގެ ސިކުނޑިފުޅުގައިވެސް ބިންވަޅު ނަންގަވައިދެއްވީ މުސްލިމުން ޔޫރަޕުން ބޭރުކޮށްލެއްވުމަކީ އެބޭފުޅުންނަށް ލާހިކު ކުޅަދާނަފުޅުކަމެއް ނޫންކަމެވެ. މުސްލިމު ތުރުކިއޭ ސިފައިންގެ ހަށިތަކުގައި ފުރާނަ ހުރިހައި ހިނދަކުގައެވެ. މުލައްދަނޑިތަކުގައި ބާރުހުރިހައި ހިނދަކުގައެވެ. مــــــراد އެންމެފުރަތަމަ ހިއްޕެވީ މަޤްދޫނިޔާއެވެ. އެއަށްފަހު ކޯހެބަލްޤާނުގެ އުސްތިރި ފަރުބަދަތައް ގިރާކުރައްވަމުން ވަޑައިގެންނެވީ ނިޝާ (Nish) އަށެވެ. مــــــراد އެރަށްވެސް ފަތަޙަކުރެއްވިއެވެ. އެރަށަކީ ޤުސްޠަންޠީނު އަޢުޡަމްގެ އުފަން ބިމުގެ ޝަރަފު ލިބިފައިވާ ރަށެވެ. ސާބިޔާގެ އެކިއަވަށް ވަކިވަކީން ފަތަޙަކުރެއްވުމުގެ ކުޅަދާނަފުޅުކަން އޭނާއަށްވަނީ ލިބިވަޑައިގެންފައެވެ. ނިޝާ ފަސްދެއްވައި مــــــراد ކުރިޔަށް ވަޑައިގަންނަވާން ފެއްޓެވުމުން ސާބިޔާގެ ރަސްގެފާނު އޭނާގެ ކުރިފުޅުމަތީގައި ކުޑަކަކޫފުޅު ޖައްސަވައިފިއެވެ. އަހަރަކު ބާރަ މަނުގެ ރިހި (ގާތްގަނޑަކަށް 960 ރާތާ) ޖިޒީގެ ގޮތުގައި ދެއްވާން ހުށަހަޅުއްވައިފިއެވެ.

ބަލްގޭރިޔާގެ ރަސްގެފާނު އޭނާގެ ދަރިކަނބަލުން مــــــراد އަރިހަށް ވެދުމެއްގެގޮތުގައި ފޮނުއްވިއެވެ. ހަމައެއާއެކު ކިޔަމަންތެރިކަމުގައި ދެމިހުންނަވާން ޢަހްދު ކަށަވަރު ހިއްޕެވިއެވެ. ޤުސްޠަންތީނިއްޔާގެ ރަސްގެފާނުވެސް އެ އިރުމަތީގެ ތާޖުގެ ވެރިޔާގެ ކުރިފުޅުމަތީގައި އިސްތަށިފުޅު ލަންބަވައިލައްވާން ޖެހިވަޑައިގެންފިކަން ޤަބޫލުކުރެއްވިއެވެ.

سلطـــان مــــــراد اوّل (سلطـــان عـثمــان ގެ ކާފަދަރިކަލުން) ޔޫރަޕުގެ ރަސްރަސްކަލުންގެ އިސްތަށިފުޅުތައް ލަންބަވައިލެއްވީ ހުސްއެކަނި އޭނާގެ ކުރިފުޅުމައްޗަކު ނޫނެވެ. އެބޭފުޅުން އިސްލާމީ ދިދައެއްކަމުގައި ކަނޑައަޅުއްވައިފައިވާ ދިދައިގެ ކުރިމަތީގައެވެ." (ޞަފުޙާ: 639)

ލޭންޕޫލް ލިޔުއްވައިފައިވެއެވެ. "ބަލްގޭރިޔާގެ ރަސްގެފާނަށްވެސް مــــــراد އޭނާގެ މައްޗަށް ފަތަޙަ ހޯއްދަވާންދެން އިންތިޒާރެއް ނުކުރެއްވުނެވެ. އޭނާ ދުރާލައި ނުހަނު ނުކުޅެދުންތެރިކަމާއެކު مــــــراد ގެ އަރިހުން އޯގާވެރިކަމަށް އެދިވަޑައިގެން އާދޭސްކުރައްވާން ފައްޓަވައިފިއެވެ. އޭނާގެ ދަރިކަނބަލަކުވެސް مــــــراد ގެ އަރިހަށް ވެދުންކުރެއްވިއެވެ. ޔޫނާނީ ޝަހެންޝާހަށް އޭނާގެ ކިބައިގައި ތުރުކިއޭއިންނާ ކުރިމަތިލައްވާނެ ހަކަތައެއް ނެތްކަން އެނގިވަޑައިގެންނެވުމުން مــــــراد ގެ ޑޯލާރަސްކަލަކަށް ވެވަޑައިގަންނަވާން ޤަބޫލުކުރައްވައިފިއެވެ." (ޞަފުޙާ: 30) ލޭންޕޫލް ވިދާޅުވާގޮތުގައި ޙަޤީޤަތަކީ ތުރުކިއޭއިންނަށް އޭރުވަނީ ޑައިނޫބު (Danube) ކޯރާ ހަމަޔަށް ދެވިފައެވެ. (ޞަފުޙާ: 32)

ކޮސޯވޯ ހަނގުރާމަ (1389މ.)

سلطـــان مــــــراد خــــان އޭނާގެ ތިރީސްއަހަރުގެ ރަސްކަމުގެ ބޮޑުބައި ހޭދަކުރެއްވީ ޢީސާއީންނާ ދެކޮޅަށް ޖިހާދުކުރެއްވުމުގައެވެ. އޭނާ ހަނގުރާމައެއް ނުކުރައްވައި ހުންނެވީ ހަމައެކަނި 1376މ. އާއި 1381މ. އާ ދެމެދުގައެވެ. އޭނާ އެދުވަސްވަރު ސަމާލުކަންދެއްވީ ރަސްކަމުގެ ކަންތައް އިންތިޒާމު ކުރައްވައި ވަރުގަދަކުރެއްވުމުގެ މައްޗަށެވެ. مــــــراد ގެ ވެރިކަމުގެ ފަހުކޮޅުގައި އޭނާގެ އެދިވަޑައިގެންނެވުމަކީ އޭނާގެ އުމުރުފުޅުގެ ބާކީ އޮތްތަނެއް اللّـــه ގެ ރަސްކަންފުޅު ހަނދުމަފުޅު ކުރެއްވުމުގައި ހޭދަކުރެއްވުމެވެ. އެކަމަކު ޔޫރަޕުގެ ޢީސާއީން مــــــراد ގެ އެ އެދިވަޑައިގެންނެވުން ފުރިހަމަކުރެއްވުނަކަ ނުދިނެވެ. "ތިމަންމެން ކަތިލައްވާން ވަޑައިގަންނަވާށޭ" ދަންނަވައި އަނެއްކާވެސް އެބައިމީހުނާ ދެކޮޅަށް ހަނގުރާމަޔަށް ނުކުމެވަޑައިގަންނަވާން މަޖުބޫރުކުރުވައިފިއެވެ. ތާރީޚުގައި އޭގެ ތަފްސީލު ބަޔާންކުރެވިފައިވަނީ މިދަންނަވާ ގޮތަށެވެ.

"މުސްލިމުންނާ ދެކޮޅަށް ޖިހާދުކުރުމުގެ ޖޯޝާއި ފޯރިއަކީ ޔޫރަޕުގައި އަބަދުވެސް ވަރަށްބޮޑަށް ހުންނަ ކަމެކެވެ. ޞަލީބީ ހަނގުރާމަތަކާއި ފާދިރީންގެ ޖިހާދުގެ ތަޤްރީރުތަކުގެ ސަބަބުން މުސްލިމުންގެ ތަސްވީރު މުޅި ޔޫރަޕުގައިވެސް ޢާންމުވެފައިވަނީ ވަރަށްވެސް ނުރުހެވޭ ހުތުރު ސިފައެއްގައެވެ. ބިރުވެރި ސިފައެއްގައެވެ. ޔޫރަޕުގައި މުސްލިމުންނާމެދު އޮންނަނީ ނަފުރަތުގެ ސައިލެއް ހިންގައިފައެވެ. މިހާރުވަނީ ތުރޭސާއި ރުމައިލާ ފަސްދީ އެއަށްވުރެ ދުރަށްވެސް سلطـــان مــــــراد خــــان ގެ ބާރުފުޅުގެ ދަށުގައެވެ. އެތަންތަންވަނީ مــــــراد ގެ އައު އާބާދީތަކަކަށް ބަދަލުވާން ފަށައިފައެވެ. ވަރަށްގިނަ ޢަރަބީންނާއި ތުރުކިއޭއިންވަނީ އެތަންތާނގައި ވަޒަންވެރިވާން ފަށައިފައެވެ. އެތަންތާނގެ ކުރީގެ ވަޒަންވެރީންގެ އެތައްބަޔަކުވަނީ ރަށްދޫކޮށް ހިޖްރަކޮށްފައެވެ. އެހެންކަމުން ޔޫރަޕުގައި މުސްލިމުންނާ ދެކޮޅަށް ޢާންމު ރުޅިވެރިކަމެއްފެށި އުތުރިއަރާންފެށުމަކީ ޠަބީޢީ ކަމެކެވެ."


އަނެއްކޮޅުން ސާބިޔާއާއި ޤުސްޠަންޠީނިއްޔާގެ ފަރާތުންނާއި ރޯމުގެ ޕޯޕުގެ ފަރާތްޕުޅުންވަނީ މުސްލިމުންނާ ދެކޮޅަށް ނަފުރަތުގެ އަލިފާން ރޯކޮށް ޖިހާދުގެ ރޫޙު ހޭލައްވާން ޔޫރަޕުގެ އެކިކަންކޮޅުތަކަށް ސަފީރުންނާއި މުބައްލިޣުން ފޮނުވައިފައެވެ. އެ ހަރަކާތަކީ ޝާމްކަރައާއި ބައިތުލްމަޤުދިސް މުސްލިމުންގެ އަތުން ފިރުކައިގަތުމުގެ ބޭނުމުގައި ޞަލީބީ ޖިހާދުގެ އަލިފާން ރޯކުރުމަށްޓަކައިވެސް ހިންގުނުކަހަލަ ޙަރަކާތެކެވެ. ތުރުކިއޭއިން ބަލްޤާނަށް އައުމުން ޢީސާއީން ޝާމުކަރައިގެމަތީން ހަނދާން ނައްތައިލައިފިއެވެ. މިހާރު އެބައިމީހުންނަށް ކޮންމެހެން ކުރުން ލާޒިމު ކަމަކަށްވެފައިވަނީ އަމިއްލަ ގޯތިގެދޮރު ދިފާޢުކުރުމެވެ. ޙިމާޔަތްކުރުމެވެ.

އެހެންކަމުން ތުރުކިއޭއިންގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ޔޫރަޕުގެ ބާރުތަކުން އަނެއްކާވެސް ގުޅިފައިވާ އިއްތިހާދެއް އުފައްދައިފިއެވެ. ތުރުކިއޭއިން ޔޫރަޕުގެ ބިމުން ފައްސައިލުމަށްޓަކައެވެ. އެ އިއްތިހާދުގައި ކުރިޔަށްތިބީ ސާބިޔާއާއި ބޮސްނިޔާއާއި ބަލްގޭރިޔާގެ ސަރުކާރުތަކެވެ. ވަލާޗިޔާއާއި ހަންގޭރީން ފުރިހަމަ ބާރާއެކު ބައިވެރިވިއެވެ. ޕޮލެންޑުންވެސް އެބައިމީހުންގެ ލަޝްކަރު ފޮނުވިއެވެ. ސަލާފީ ޤައުމުތަކުގެ މިފަދަ ވަރުގަދަ އިއްތިހާދެއް ތާރީޚުގައި އޭގެކުރީން ދުވަހަކުވެސް އުފެދިފައެއް ނުވެއެވެ. މި އިއްތިހާދުގެ މުޙައްރިކަކީ އަދި އިމާމަކީ ސާބިޔާއެވެ. ހުޅަނގު ޔޫރަޕުގެ ޤައުމުތަކަށްވެސް ބައިވެރިވުމުގެ ދަޢުވަތު ފޮނުވިއެވެ. ނަމަވެސް އެބައިމީހުން ބަލްޤާނުގެ މިކޯޅުމުގެ ތެރެޔަށް ވަންނާކަށެއް ޝައުޤުވެރިޔެއް ނުވިއެވެ. ތަފާތު ސަބަބުތަކާ ހުރެއެވެ. ކޮންމެއަކަސް ލޭންޕޫލް ވިދާޅުވާގޮތުގައި އިއްތިހާދީން ވަރަށް ބައިބޯ ގަދަފަދަ ލަޝްކަރެއް އެއްކުރުމުގައި ކާމިޔާބު ހޯދައިފިއެވެ. (ޞަފުޙާ: 32)

سلطـــان مــــــراد خــــان އޭރު ހުންނެވީ އޭޝިޔާގައެވެ. އޭނާއަކަށް މަސީޙީންގެ މިތައްޔާރީތަކުގެ ޚަބަރެއް ލިބިވަޑައެއް ނުގަންނަވައެވެ. އެޒަމާނުގެ ޚަބަރު ފެތުރުމުގެ ވަސީލަތްތައް ހުރިގޮތުންނެވެ. އޭނާއާ ދެކޮޅަށް ނަގައި ފަށްކުރަމުން އަންނަ ޠޫފާނީ ވިލާގަނޑުގެ މޭގައެއް ފެނިވަޑައެއް ނުގެންނެވިއެވެ. سلطـــان مــــــراد ބުރުސާގައި ހުންނަވަނިކޮށް ޚަބަރު ލިބިވަޑައިގެންނެވީ މަސީޙީން އޭނާ ރުމޭލިޔާގައި (ލީންޕޫލް ވިދާޅުވާގޮތުގައި ބޮސްނިޔާގައި) ބައިތިއްބަވައިފައިތިބި ވިހިހާސް ސިފައިންގެ ލަޝްކަރުގެ ތެރެއިން ފަނަރަހާސް ސިފައިން ޤަތުލުކޮށްލައިފި ކަމުގައެވެ. ޔޫރަޕުގައިވާ ޢުޘްމާނީ ހުރިހާ ޕްރޮވިންސްތަކަކާއި ވެރިރަށް އެޑްރިޔާނޯޕަލް ވަނީ ނުރައްކަލުގެ ތެރޭގައި ކަމުގައެވެ. ސާބިޔާއާއި ބަލްގޭރިޔާގެ ވެރީން އޭނާއާ ކުރައްވައިފައިވާ މުޢާހަދާ އުވައިލައްވައިފި ކަމަށާއި ތުރުކިއޭ ސިފައިން ޤަތުލުކުރީވެސް ސާބިޔާއާއި ބަލްގޭރިޔާގެ ލަޝްކަރު ކަމުގައެވެ.

(ނުނިމޭ)