ދޯންޏަކަށް އަރައި، އެ ދޯނީގައި ތިބި ތިން ބިދޭސީއަކަށް ވަޅިން ހަމަލާދިން މީހަކު ދެ އަހަރު ދުވަހަށް ޖަލަަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އަހުމަދު ސާލިހް ނަމަކަށް ކިޔާ މީހަކު، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ފަތިހު 5:36 ހާއިރު، ވިލިނގިލީ ފަޅުގައި އޮތް ބޮނިޓޯ އެކްސްޕްރެސް ދޯންޏަށް އަރައި އެ ދޯނީގައި ތިބި ބިދޭސީންނަށް ވަޅިން ބިރު ދައްކައި، ވައްކަންކުރަން އުޅުމުގެ ތެރޭގައި ދޯނީގައި ތިބި މީހުން އޭނާ ހިފެހެއްޓުމުން އޭނާގެ އަތުގައި އޮތް ކިވީ ބްރޭންޑްގެ ދެ ވަޅިން އެ ދޯނީގައި މަސައްކަތްކުރާ އޮމަރު ފާރޫކުގެ ކަށި އިނގިއްޔަށާއި މުހައްމަދު މޯލެން ހޮސައިންގެ ކަނާތު އަތްތިލައަށާއި ވައަތު ބޮޑުވައި އިނގިއްޔަށާއި މެދު އިނގިއްޔަށާއި ކުޑަވައި އިނގިލި އަދި ވައަތު މުލައްދަނޑިއަށާއި ހަޒްރަތު އަލީގެ ކަނާތު ބޮޑުވައި އިނގިއްޔަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފައިވާތީ ދައުލަތުން އުފުލާފައިވާ އަނިޔާއެއްް ދިނުމުގެ ދައުވާއެވެ.

މި ދައުވާއަށް ސާލިހް އިންކާރުކުރުމުން ދައުލަތުން ވަނީ އެ މައްސަލަ ސާބިތުކުރަން ޝަފައީ ހެކީގެ ގޮތުގައި އަށް ހެކި އަދިި ކިތާބީ ހެކީގެ ގޮތުގައި ތިން ހެއްކެއް ހުށަހަޅައިފައެވެ.

އެ މައްސަލައިން ދިފާއުވުމަށް ހެކީންގެ ގޮތުގައި ސާލިހްވެސް ނަންތަކެއް ހުށަހެޅިއެވެ. ނަމަވެސް އެ ހެކީންގެ ތަފުސީލު ލިޔުމުން ހުށަހަޅާފައި ނުވާތީ އެ ހެކިތައް ޝަރީއަތަށް ބަލައިގަނެފައެއް ނުވެއެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރީން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އިފުތިތާހީ ބަޔާން ހުށަހެޅުމަށް ސާލިހަށް ދިން ފުރުސަތުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށް އޭނާއަށް އަނިޔާކުރި ކަމަށާއި ބަނދެފައި ބެހެއްޓި ކަމަށާއި ބަންގްލަދޭޝް މީހުން ހާޒިރުކޮށް ސުވާލުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހެކިބަސް ދެމުން ދޯންޏާ ހަވާލުވެ ހުރި، ނ. ހޮޅުދޫ/ މަހި، މުހައްމަދު ވަހީދު ބުނީ، ސާލިހް އެ ދޯންޏަށް އަރާފައިވަނީ ވިލިނގިލީ ފަޅުގައި އޮއްވައި 3 ޖެނުއަރީ 2019 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ދޯންޏަށް އޭނާ އަރައި ދޯނީގައި ތިބި ތިން މީހަކަށް ވަޅިން ބިރު ދެއްކި ވާހަކަ ފަޅުވެރިއަކު ގުޅާފައި ބުނުމުން އެކަން ފުލުހަށް އެންގި ކަމަށާއި އޭނާ ދޯންޏަށް އެރި އިރު، ފަޅުވެރިންނާއި ސާލިހް ދޯނީގެ ޑެކް މަތީގައި ތިބި ކަމަށާއި ޑެކްމަތީގައި ބައިވަރު ލޭ ހުރިކަމަށް ބުނެފައިވެއެވެ. އަދި ތިން ބިދޭސީއަކަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބުންޏެވެ.

އެ ހާދިސާގެ ސީންއަށް ދިޔަ ޕޮލިސް ސާޖަންޓު އީސާ މިޒުހަތު ހެކިބަސް ދެމުން ބުނީ، އޭނާ އެ ދޯންޏަށް ދިޔައިރު ސާހިލްގެ ގައިގައި ވާގަނޑެއް އައްސައިފައި އޮއްވައި ފެނުނު ކަމަށާއި ދޯނީގައި ތިބި ބިދޭސީންގެ ކައިރީގައި އެހުމުން އެއީ ސާލިހް ހުއްޓުވޭނެ ހަމައެކަނި ގޮތް ކަމަށް ބުނެފައިވާ ކަމަށެވެ.

ހެކިބަސް ދެމުން އަނިޔާ ލިބުނު ބަންގްލަދޭޝްގެ އޮމަރު ފާރުކު ބުނީ، ސާލިހް ހުރީ މޫނު ނިވާކޮށްގެން ކަމަށާއި ވަޅި ހިފައިގެން އޭނާ ދޯންޏަށް އަރައި ފޯނާއި ލާރި ދޭށޭ ބުނެ ބިރުދެއްކި ކަމަށެވެ. އަދި މުސާރަ ނުލިބޭ ކަމަށް ބުނުމުން ސާލިހް އޭނާއަށް ވަޅިން ހަމަލާދީފައިވާ ކަމަށް ބުންޏެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާރަތްކޮށް އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހް މިދިޔަ އަންގާރަ ދުވަހު ހުކުމްކުރެއްވީ އަނިޔާއެއް ދިނުމުގެ ދައުވާ ސާލިހްގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ދެ އަހަރަށް ޖަލަށް ލާން ހުކުމްކުރެއްވިއެވެ.

ނަމަވެސް ސާލިހް ބަންދުގައި 21 ދުވަސް ހޭދަކޮށްފައިވާތީ، އެ ދުވަސްތައް ހުކުމުން އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި 11 މަހާއި ނުވަ ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.