ޚަބަރު

ދައުލަތުން އެދިގެން އާގިލްގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި

އަލީ ޔާމިން

އޮގަސްޓު 31، 2018ގައި ވަޅިން ހަމަލާދީ މަރާލި އިބްރާހީމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

އާގިލްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ. ނަމަވެސް ދައުލަތުގެ ވަކީލުން އެދިގެން ވަނީ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައެވެ. މިއަދު އޮންނާނީ އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.

އާގިލުގެ މަރުގެ މައްސަލައިގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރަނީ ލ. ފޮނަދޫ/ ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ/ ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކް އިބްރާހިމްގެ މައްޗަށެވެ. އަދި އެކަމަށް އެހީތެރިވިކަމުގެ ދައުވާ ހއ. ދިއްދޫ/ ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެއެވެ.

އާގިލްގެ މަރުގެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ، މައްސަލައިގައި ދައުލަތަށް ސިއްރު ހެކި އަދިވެސް ހާޒިރު ކުރެވިފައިނުވާކަން ފާހަގަކުރައްވައިފައެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ ހެކިބަސް ނުނެގި މިހާރު ވަނީ ސިއްރު ތިން ހެކިންގެ ކަމަށާއި އެ މީހުންނަކީ އެ މައްސަލައިގައި ދައުވާކުރާ އެންމެންނާވެސް ގުޅޭ ހެކިން ކަމަށެވެ. އެހެންކަމުން ދައުލަތުގެ ވަކީލް އެދިފައިވަނީ، އެ ތިން ސިއްރު ހެކިން ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމުގެ ޗިޓެއް ފޮނުވައިދެއްވުމަށެވެ.

އެކަމާ ގުޅިގެން ގާޒީ ވަނީ ޗިޓު ފޮނުވައިގެން ސިއްރު ހެކީން ކޯޓަށް ހާޒިރުކުރާ ނަމަ ސިއްރުކަން ގެއްލޭނެ ކަމަށެވެ. އަދި އެގޮތަށް ޗިޓު ފޮނުވައިގެން ސިއްރު ހެކީން ހާޒިރުކުރުމުގައި އެ މީހުންގެ ސިއްރުކަން ގެއްލުމަކީ ދައުލަތުން ޝަރީއަތަށް އަމާޒުކޮށް އެއްޗެއް ބުނެވޭނެ ކަމެއް ނޫން ކަމަށާއި ސިއްރު ހެކީން ނުފެންނަ ގޮތަށް އެ މީހުންގެ އަޑު ބަދަލުނުކޮށް ހެކި ބަސް ނެގިދާނެ ކަމަށް ވިދާޅުވިއެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ހަމްދޫނާއި މިޖުވާދުގެ ވަކީލް ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.

ވަޅިން ހަމަލާދީ އާގިލު މަރާލާފައިވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށްފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިންނެވެ. އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ ހޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އާގިލް މަރާލާފައިވަނީ ސިލްސިލާކޮށް އެ ދުވަސްވަރު މާލޭގައި ހިންގި މާރާމާރީތަކަކާއި ގުޅިގެން ބަދަލުހިފުމަށް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ