އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލްއާއި މެންޗެސްޓާ ސިޓީންވެސް މޮޅުވެއްޖެއެވެ.
މި ހަފުތާ ތެރޭގައި ލީގުގެ މެޗުތައް ކުރިއަށްދާ އިރު، ރޭ އާސެނަލްއިން އަމިއްލަ ދަނޑުގައި އެސްޓޮން ވިލާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. އަދި ސިޓީން ވަނީ ނޮޓިންހަމް ފޮރެސްޓް ކައިރީ 6-0ގެ ނަތީޖާއަކުން މޮޅުވެފައެވެ.
އާސެނަލްއިން ލީގުގައި ރޭ ހޯދި މޮޅާއެކު އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައެވެ. ސައްތައިން ސައްތަ ރެކޯޑަކާއެކު އާސެނަލްއިން ލީގުގެ އެއްވަނަ ދަމަހައްޓަމުން ދަނީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން މޮޅުވެ އާސެނަލްއިން ވަނީ އެ ޓީމުގެ ތާރީހުގައިވެސް އެންމެ ރަނގަޅަށް ފެށި އެއް ސީޒަނަށް މި ސީޒަން ހަދައިފައެވެ.
މީގެ ކުރިން ލީގުގެ ފުރަތަމަ ފަސް މެޗުން އާސެނަލް މޮޅުވެފައި އޮތީ ތިން ސީޒަނެއްގައެވެ. އެއީ 1930-31 ގެ ސީޒަނާއި 1947-48 ގެ ސީޒަނުގެ އިތުރުން 2004-05 ގެ ސީޒަނުގައެވެ. އޭގެ ތެރެއިން 2004-05 ގެ ސީޒަން ފިޔަވާ އަނެއް ދެ ސީޒަނުގައިވެސް އާސެނަލްއިން ލީގު ނެގި އިރު، 2004-05 ގެ ސީޒަން ނިންމާލީ ތާވަލުގެ ދެވަނައިގައެވެ.
އަނެއްކޮޅުން ރޭގެ މެޗުގެ ނަތީޖާއާއެކު ވިލާގެ ކޯޗު، ލިވަޕޫލް ލެޖެންޑް ސްޓީވަން ޖެރާޑަށް ވަނީ މާޔޫސްކަން ކުރިމަތިވެފައެވެ. ވިލާއިން މިހާތަނަށް ސީޒަނުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއަށް ލީޑު ނަގައިދިނީ ފޯމުގައި ހުރި ބްރެޒިލް ފޯވަޑް ގެބްރިއަލް ޖީސަސްއެވެ. މެޗުގެ 30 ވަނަ މިނެޓުގައި ޖީސަސް ޖެހި ގޯލަކީ އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި ތިރިތިރީން ގޯލަށް ބޯޅަ ވައްދާލައިގެން ޖެހި ގޯލެކެވެ. އޭގެ އިތުރުންވެސް ފުރަތަމަ ހާފުގައި ޖީސަސްއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.
ދެވަނަ ހާފަށް ނުކުމެ ވިލާއިން ކުޅުން ރަނގަޅުކޮށް، ސީދާ ކޯނަރެއްގައި ނަތީޖާ ހަމަހަމަކުރިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ޑަގްލަސް ލުއީސް ނެގި ކޯނަރު ގޯލަށް ވައްދާލީ ވަރަށް ބޮޑަށް ބޯޅަ އަނބުރާލައިގެންނެވެ. އެ ގޯލު ޖެހިއިރު އާސެނަލްގެ ގޯލްކީޕަރު އެރޮން ރެމްސްޑޭލްއަށް އޭރިއާ ތެރޭގައި ހުރި ވިލާގެ ބޮބާކާރު ކަމާރާ ފައުލް ކުރި ކަމަށް ޝަކުވާ ކުރި ނަމަވެސް ރެފްރީ ނިންމީ ކަމާރާ ފައުލްއެއް ނުކުރާ ކަމަށެވެ.
އެ ގޯލަށް ތިން މިނެޓުވެސް ނުވަނީސް ބުކަޔޯ ސަކާ ނެގި ރީތި ހުރަހަކުން ގެބްރިއަލް މާޓިނެލީ ވަނީ އާސެނަލްއަށް ދެވަނަ ގޯލެއް ޖަހައި އަނބުރާ ލީޑު ހޯދައިދީފައެވެ.
މެންޗެސްޓާ ސިޓީން މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކޮޅަށްވެސް އާލިން ހާލަންޑް ހެޓްރިކް ފުރިހަމަ ކޮށްފައިވާ އިރު، ރޭގެ މެޗުގެ ތަރިއަކީވެސް އޭނާއެވެ. ނޮޓިންހަމް ކޮޅަށް ސިޓީން ޖެހި ހަ ގޯލުގެ ތެރެއިން ތިން ގޯލު ހާލަންޑް ޖެހި އިރު، އޭނާ މިވަނީ ލީގުގައި ކުޅުނު ފަސް މެޗުން ނުވަ ގޯލު ޖަހައިފައެވެ.
ހާލަންޑްގެ ތަފާސްހިސާބުތަކަށް ބަލައި އިރު، އޭނާ ވެފައި ވަނީ ޕްރިމިއާ ލީގުގެ ފަސް މެޗެއް ކުޅުނު އިރު، ނުވަ ގޯލު ޖަހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. އަދި އޭގެ އިތުރުން އޭނާ ވެފައި ވަނީ އެންމެ މަދު މެޗުގައި ޕްރިމިއާ ލީގު ދެ ހެޓްރިކެއް ފުރިހަމަކުރި ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ 21 މެޗުގައި ދެ ހެޓްރިކް ހެދި ޑެމްބާ ބާ އަތުގައެވެ.
ސިޓީއަށް ހާލަންޑްގެ އިތުރުން ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އާޖެންޓީނާގެ ފޯވަޑް ޖޫލިއަން އަލްވަރޭޒްއާއި ޕޯޗުގަލްގެ ޑިފެންޑަރު ޖާއޯ ކާންސެލޯއެވެ. އަލްވަރޭޒް މެޗުގައި ދެ ގޯލު ޖެހި އިރު، މިރޭގެ މެޗަކީ އަލަށް ސިޓީއާ ގުޅުނު ހާލަންޑާއި އަލްވަރޭޒް އެކުގައި ފެށި ފުރަތަމަ މެޗުވެސް މެއެވެ.
ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ޕްރިމިއާ ލީގުގެ މެޗުތައް އޮތުމުން ރޭގެ މެޗު ސިޓީން ފެށީ ކެވިން ޑިބްރޭނާ ފުރަތަމަ 11 ގައި ނުހިމަނައެވެ. އޭނާ ރޭގެ މެޗަށް ނުކުތީ ބެންޗުންނެވެ.
މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައި، ސިޓީ މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އެއީ އާސެނަލްއަށްވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު