ކުޅުދުއްފުށި ސިޓީގައި ހިންގަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުއަށް ބޭނުންވާ ބިން ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.
ކުޅުދުއްފުށީ ކައުންސިލުން އިއްޔެ ވަނީ، ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން އެ ރަށުގައި ހިންގަން ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބިން ކަނޑައަޅައި، އެ މަސައްކަތުގެ ކޮންޓްރެކްޓަރުން ކަމަށްވާ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑްއާ މަސައްކަތުގެ ސައިޓް ހަވާލުކޮށްފައެވެ.
ކުޅުއްދުއްފުށީ ހައުސިން މަޝްރޫއަކީ ގްރޭޓާ މާލެއިން ބޭރުގައި ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ހައުސިން މަޝްރޫއެވެ.
ޕްލޭނިން މިނިސްޓްރީން، ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑްއާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މިއީ 439 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ހަދާ ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ފާހާނާގެ އިތުރުން ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޯމް ހިމެނޭނެއެވެ.
އެ ޔުނިޓުތަކުގެ ގްރައުންޑް ފްލޯ ކޮމާޝަލް އަދި މެއިންޓެނަންސް އޮފީސް ގާއިމުކުރަން ހަމަޖެހިފައިވާއިރު، ކޮންމެ އެޕާޓްމަންޓަކަށް ސައިކަލު ޕާކިން ޖާގައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ހައުސިން ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު