ތިން ވަނައަށް ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ ގައުމަކީ ރާއްޖެ ކަމަށް ފޯބްސްއިން ބުނެފިއެވެ.
ފޯބްސްގައި މިމަހުގެ 18 ވަނަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނީ، 2020 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 38 ޕަސެންޓް ދަރަނި ނަގާފައި ވަނީ ޗައިނާއިން ކަމަށެވެ. އަދި 2020 ވަނަ އަހަރު ނިމުނުއިރު، ޖުމްލަ ދަރަނި ހުރީ 86 ބިލިއަން ރުފިޔާގައި ކަމަށާއި 44 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަނި ކަމަށެވެ. ބޭރުގެ ދަރަނީގެ ތެރެއިން 21 ބިލިއަން ރުފިޔާގެ ދަރަންޏަކީ ހަމައެކަނި ޗައިނާގެ ދަރަނިއެވެ.
ފޯބްސްގެ ރިޕޯޓުގައިވާ ގޮތުން ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވަނީ އެފްރިކާގެ ޖިބޫޓީ އަދި އެންގޯލާއިންނެވެ. ޖިބޫޓީން، ޗައިނާއިން ނަގާފައިވާ ދަރަނީގެ ނިސްބަތް އެ ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 43 ޕަސެންޓަށް އަރާކަމަށް ފޯބްސް އިން ބުންޏެވެ. އެންގޯލާއިން ނަގާފައިވާ ދަރަނީގެ ނިސްބަތް 41 ޕަސެންޓަށް އަރާ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 103 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 112 ޕަސަންޓް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ވަނީ 100 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ޗައިނާ ފިޔަވައި ދެން ރާއްޖެއިން އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިންޑިއާއިންނެވެ.
އެމްއެމްއޭއިން އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2020ގެ ނިޔަލަށް ރާއްޖޭގެ ދަރަނިހުރީ 66.6 ބިލިއަން ރުފިޔާގައެވެ. އަދި މިދިޔަ އަހަރު ދައުލަތުގެ ދަރަންޏަށް އިތުރުވި، 13.4 ބިލިއަން ރުފިޔާއާއެކު ދައުލަތުގެ ދަރަނި ހުރީ 80 ބިލިއަން ރުފިޔާގައެވެ. އޭގެ ތެރެއިން 61 ޕަސަންޓަކީ އެތެރޭގެ ދަރަންޏެވެ. ބާކީ 39 ޕަސަންޓަކީ ބޭރުގެ ދަރަންޏެވެ. ގާތްގަނޑަށް 24 ބިލިއަން ރުފިޔާއަކީ ރާއްޖެއިން ޗައިނާއަށް އަދާކުރަންޖެހޭ ދަރަންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ޗައިނާއިން ލޯނު ނަގައިފައެވެ. ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުގެ ބޮޑު ޕަސަންޓަކީ ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކެވެ. ޗައިނާގެ ލޯނު އެހީގެ ދަށުން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކުގެ ތެރޭގައި، ސިނަމާލެ ބުރިޖާއި އެއާޕޯޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓު ހިމެނެވެ.
ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން ވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ކުރިއަށް އޮތް ދެ އަހަރު ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށެވެ.
ޗައިނާގެ "ނިއު ސިލްކް ރޫޓް" ޕްރޮޖެކްޓުގެ ދަށުން މަގުތަކާއި ބަނދަރުތައް އަދި ރޭލު ދަނގަޑުތައް ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ދުނިޔޭގެ އެކި ގައުމުތަކަށް ވަނީ ދަރަނި ދޫކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު